ބަދަލުތަކަކާ އެކު "އެންޑްގޭމް"އަލުން ރިލީޒްކުރަނީ!

އެންޑްގޭމްގެ ޕޯސްޓަރެއް----

ބަދަލުތަކަކާއެކު "އެވެންޖާސް: އެންޑްގޭމް" ރިލީޒްކުރަން ޑިޒްނީއިން ނިންމައިފިއެވެ.

ޑިޒްނީ ބުނީ ކުރީ ފިލްމުގައި ނުހިމެނޭ ގިނަ މަންޒަރުތަކެއް ހިމަނައިގެން ފިލްމު ނެރެން ނިންމާފައިވާ ކަމަށެވެ.

މިފަހަރު އެންޑްގޭމް އަލުން ރިލީޒްކުރާއިރު ކުރީ ފިލްމަށްވުރެ ދިގުވާނެ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. އަދި އެންޑްގޭމް އަލުން ރިލީޒްކުރަނީ "އެވެޓާ"ގެ ރިކޯޑް މުގުރާލަން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފެއިގް ބުނީ އަލުން އެންޑްގޭމް ރިލީޒްކުރާތީ އުފާކުރާކަމަށާއި މިއީ އެންޑްގޭމްގެ އެކްސްޓެންޑެޑް ކަޓެއް ނޫންކަމަށެވެ. އަދި ކުރީގެ ފިލްމުން ނުފެންނަ ގިނަ މަންޒަރުތަކެއް ފިލްމު އަލުން ރިލީޒްކުރާއިރު ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެ ފިލްމު އަލުން ރިލީޒްކުރާނީ އަންނަ ހަފްތާ ބަންދުގައެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް އޮތީ "އެވެޓާ" އަތުގައެވެ. އެއީ 2.788 ބިލިއަން ޑޮލަރެވެ. އެންޑްގޭމްގެ އާމްދަނީ އަކީ 2.744 ބިލިއަން ޑޮލަރެވެ.

މަސްދަރު: ސީއެންއެން

comment ކޮމެންޓް