ބޯޅަކުޅޭތީ އުނދަގޫވެ ޝަކުވާ ކުރުމުން ގެޔަށް ކަޅުތެޔޮ ޖަހައިފި

ގއ. ނިލަންދޫގެ ގެއަކަށް ކަޅުތެޔޮ ޖަހާފައި-- ފޮޓޯ: ފޭސްބުކް

ގއ. ނިލަންދޫގެ ގެއަކަށް ކަޅު ތެޔޮ ޖެހި މައްސަލަ ބަލަން ފުލުހުން ނިންމައިފި އެވެ.

ގއ. ނިލަންދޫއަށް ނިސްބަތްވާ ފާތުމަތު ސާރާ ރަޝީދު ނަމަކަށް ކިޔާ އަންހެނަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެރަށުގެ ފުޓްސަލް ދަނޑުގައި ބޯޅަ ކުޅޭއިރު އެގޭތެރެއަށާއި ފުރާޅަށާއި ދޮރުތަކަށް ބޯޅަ ޖަހާތީ އެކަމުގެ ޝަކުވާ އެރަށުގެ ކައުންސިލްގައި އިއްޔެ ޖެއްސިކަމަށެވެ.

މީގެ ކުރިންވެސް އެ ޝަކުވާ ކުރިކަމަށާއި އެހެންނަމަވެސް އެކަމަށް ހައްލެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

ސާރާ ބުނީ އެ މައްސަލަ ކައުންސިލްގައި ޖެއްސުމުން މައްސަލަ އިތުުރަށްވީ ގޯސްކަމަށެވެ.

"ރޭގެ ދަންވަރު މިގޭ މައްޗަށް ބަޔަކު މިވަނީ ގާ އުކާ މުޅި ގެއަށް ކަޅުތެޔޮ ޖަހާފައި. ޕޮލިހުންނަށްވެސް ރިޕޯޓްކުރިން މި މައްސަލަ" ސާރާ ފޭސްބުކްގައި ބުނެފައިވެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުންދާކަމަށާއި އަދި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

"ނިލަންދޫ ޒުވާނުންގެ" ނަމުގައި ހިންގަމުންދާ ފޭސްބުކް ގްރޫޕްއަކުން ވަނީ ކަޅު ތެޔޮ ޖެހި މައްސަލައިގެ ޒިންމާ ވެސް ނަގައިފައެވެ.

"ތިއީ ކުރިން ދުވަހު ނެގި ފަސްބޯޅައިގެ ހަސަދަ. އިއްޔެ ކުޅުން ހުއްޓާލަން ޖެހުނީ ބޯޅަ ނެގީމަ ބޯޅަ ނެތިގެން. ތީ އިއްޔެ ފުއްޕި ފުއްޕްުގެ ނަތީޖާ،" އެ ގްރޫޕްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

comment ކޮމެންޓް