އެމެރިކާއިން އީރާނަށް ހަމަލާދޭން ނިންމުމަށްފަހު އެކަން ކެންސަލްކޮށްފި

ވޮޝިންޓަން (ޖޫން 21): އީރާނުން އެމެރިކާގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލުމުން އެކަމަށް ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމަށްފަހު އެ ނިންމުން ތަންފީޒު ކުރައްވަން އެންމެ ފަހުވަގުތު ފަސްޖެހިވަޑައިގެންފި އެވެ.

ޓްރަމްޕާ އަރިސް އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނާގޮތުން އީރާނަށް ހަމަލާތަކެއެއް ދިނުމަށް ނިންމި ނިންމުން ޓްރަމްޕް ބަދަލުކުރެއްވީ އެންމެ ފަހު މިނިއްޓް ކޮޅުގެ ތެރޭގައި ކަމަށާއި އެނިންމުން ބަދަލުކުރެއްވި ސަބަބު ވިދާޅުވެފައިނުވާ ކަމަށެވެ.

އީރާނުން އެމެރިކާގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލި މައްސަލައަށް ބަދަލުހިފުމުގެ ގޮތުން އީރާނަށް ހަމަލާދިނުމަށް ޓްރަމްޕް ނިންމަވައި އެކަމުގެ އަމުރު ޓްރަމްޕް ވަނީ އެމެރިކާ ސިފައިންނަށް ދެއްވާފަ އެވެ. މިއާއެކު އެމެރިކާ ސިފައިންވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައި ކަމަށާއި ނަމަވެސް އެންމެ ފަހުވަގުތު އެކަން ނުކުރުމަށް ޓްރަމްޕް އެމެރިކާ ސިފައިންނަށް އެންގެވީ ކަމަށް ނިޔުޔޯކް ޓައިމްސް ބުނެ އެވެ.

ހަމަލާދޭން އެމެރިކާ ކަނޑައެޅި އީރާންގެ އަމާޒުތަކުގެ ތެރޭގައި އީރާނުގެ ބައެއް މިސައިލް ބެޓްރީތަކާއި ރާޑަރުތައް ހިމެނޭކަން ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިން ހާމަކުރެއްވި އެވެ. އިއްޔެ އީރާނުން އެމެރިކާގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލީ އޮމާން ކަނޑުގެ ކައިރިން ހުރްމުޒް ކަނޑުއޮޅި މަތިން އީރާނުގެ ދެކުނުގައިވާ ހުރްމުޒްގާން ޕްރޮވިންސްގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށް އީރާނުން ބުނެފައިވެ އެވެ.

އީރާނުންވަނީ ވައްޓާލި އެމެރިކާގެ ބޯޓުގެ ބައެއް ބައިތައް އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުންގެ އަތުގައި އެބަހުރި ކަމަށާއި ވައްޓާލި ބޯޓުގެ އެބައިތައް ހޯދީ އީރާނުގެ ސަރަހައްދުގެ ތެރެއިން ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާ ބުނެފައިވަނީ އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯން މަތިންދާބޯޓު ވައްޓާލީ ހުރްމުޒް ކަނޑުއޮޅިމަތިން ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އެބޯޓު އީރާނުގެ ވައިގެ ސަރަހައްދަށް ވަދެފައިނުވާ ކަމަށެވެ.

އީރާނުން އެމެރިކާގެ ބޯޓު ވައްޓާލި މައްސަލާގައި ޓްރަމްޕްވަނީ އެކަމުގެ ރައްދު އީރާނަށް ހަރުކަށި ގޮތެއްގައި ދޭނެކަމުގެ އިންޒާރު ދެއްވާފަ އެވެ. ނަމަވެސް އީރާނަށް ހަމަލާދިނުމަށް ކަނޑައެޅި ވަގުތު އެކަން ކުރުމަށް ޓްރަމްޕް ފަސްޖެހިވަޑައިގެންނެވި ސަބަބު އަދި ވަނީ ނޭންގުމެއްގެ ތެރޭގަ އެވެ.

ޓްރަމްޕްގެ އިންޒާރާ ގުޅިގެން އީރާނުން ވަނީ އެމެރިކާއާ ހަނގުރާމަކުރަން ބޭނުންނުވާ ކަމަށާއި ނަމަވެސް އެމެރިކާ އިން އީރާނަށް ހަމަލާދީފިނަމަ އަމިއްލަ ނަފްސު ދިފާއުކުރާނެކަމުގެ އިންޒާރު ޓްރަމްޕަށް ދީފަ އެވެ. އަދި ދެންވެސް އީރާނުގެ ވައިގެ ސަރަހައްދަށް އެމެރިކާގެ ބޯޓެއް ވަދެފިނަމަ ވައްޓާލާނެކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފަ އެވެ. އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމުން އީރާނުން ވައްޓާލި އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކީ އެމެރިކާގެ ނޯތު ގުރުމަން ކޮޕަރޭޝަނުން އުފައްދާ "ގްލޯބަލް ހާކް މަރުކާގެ އެމްކިޔޫ ފޯ ސީ ޓްރައިޓޮން" ގެ ހައިޓެކް ޑްރޯން އެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު