ބޭނުން ކުރެވޭ ރިޒާވް ހައްތަހާ ދަށަށް، އެއް މިލިއަން ޑޮލަރު މަދުވެއްޖެ

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ -- ސަން ފައިލް ފޮޓޯ

ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ގޮތަށް ހުންނަ ރިޒާވް ނޫނީ، ދައުލަތުގެ ޔޫސެބުލް ރިޒާވް ޖައްސަޖައްސައިގެން ތިން ވަނަ މަހު ދަށަށް ހިނގައްޖެ އެވެ.

ރިޒާވް އަކީ ގައުމެއްގެ މާލީ ހާލަތު އަންގައިދޭ މިންގަނޑެއްގެ އިތުރަށް، ބޭރުގެ ފަރާތްތަކުން ލޯނު ދޫކުރުމުގައި ބަލާ ކަމެކެވެ.

ފިނޭންސް މިނިސްޓްރީއިން ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާ، ރާއްޖޭގެ އިގްތިސާދުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އެޕްރީލް މަސް ނިމުނު އިރު ޔޫސަބުލް ރިޒާވް ވަނީ 250.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ، މާޗް މަހު ޔޫސެބުލް ރިޒާވް ހުރި އަދަދު ކަމަށްވާ، 251.8 މިލިއަން ޑޮލަރަށް ވުރެ، 1.6 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މިދިޔަ، މާޗް އަދި ފެބުރުއަރީ މަހުވެސް ބޭނުން ކުރެވޭ ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ފެބުރުއަރީ މަހު ބޭނުން ކުރެވޭ ރިޒާވް، 295.3 މިލިއަން ޑޮލަރުގެ ހުރި އިރު، މާޗް މަހު އެ އަދަދު ވަނީ 251.8 މިލިއަން ޑޮލަރަށް ދައްވެފަ އެވެ. މިއަހަރު ފެށުނު އިރު، ޖެނުއަރީގެ ނިޔަލަށް ޔޫސަބަލް ރިޒާވް ހުރީ، 317.9 މިލިއަން ޑޮލަރުގަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން މީގެ ކުރިން ހާމަކުރި ގޮތުގައި، ފެބުރުއަރީ މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވް ދަށަށް ދިޔައީ، އިންޑިއާޔާ އެކު ހެދި ކަރަންސީ ސްވޮޮޕް އެގްރިމަންޓެއްގެ ދަށުން، އެ ގައުމަށް ފައިސާ ދައްކަން ޖެހުމުން އެވެ.

ޔޫޒޭބްލް ރިޒާވް ދަށަށް ދިޔަ ނަމަވެސް، ރާއްޖޭގެ ޖުމްލަ ރިޒާވް ނޫނީ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ވަނީ ކުޑަކޮށް މައްޗަށް ޖެހިލައިފަ އެވެ.

ޖުމްލަ ރިޒާވު ހިސާބުކުރަނީ، ކުރު މުއްދަތުގައި ބޭރުގެ ފަރާތްތަކަށް ދައްކަން ހުންނަ ދަރަނި ނޫނީ ޝޯޓްޓާމް ފޮރިން ލައިބިލިޓީއާ ވެސް އެކު އެވެ.

އެޕްރީލް މަސް ނިމުނު އިރު، ޖުމްލަ ރިޒާވް ހުރީ 778 ލިއަން ޑޮލަރުގަ އެވެ. އެއީ، މާޗް މަހު ޖުމްލަ ރިޒާވް ހުރި އަދަދަށް ވުރެ، 1.8 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ނަމަވެސް އޭކުރީ، ފެބުރުއަރީ މަހު ޖުމްލަ ރިޒާވް ހުރީ 938.6 މިލިއަން ޑޮލަރުގަ އެވެ. އެ އަދަދު 776.2 މިލިއަން ޑޮލަރަށް ވެއްޓުނީ، މާޗް މަސް ނިމުނު އިރު އެވެ.

މިދިޔަ 2018 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ، 757.8 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުން ކުރެވޭ ރިޒާވް ހުރީ، 281.4 މިލިއަން ޑޮލަރުގަ އެވެ.

ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް ގެންދިޔުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް