ކޮރަޕްޝަންތަކެއް ފެންމަތިކުރަމުން ސްޓޭޓް މިނިސްޓަރަކު އިސްތިއުފާދެއްވައިފި

ޓެކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި، މުހައްމަދު ޝާފިއީ: އޭނާ ވިދާޅުވަނީ މަގާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ފާހަގަ ކުރުމުން ސަރުކާރުން އަޅާނުލުމުން ކަމަށް. -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރަށް ސޮފްޓްވެއާއެއް ތައްޔާރުކުރުމުގައި ކޮރަޕްޝަން ކަންތައްތަކެއް އެކުލެވޭ ކަމަށް ތުހުމަތު ކުރައްވަމުން ސައިންސް އެންޑް ޓެކްނޮލޮޖީ (ޓެކް) މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ސަރުކާރަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރައްވަމުން ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޓެކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކީ، މުހައްމަދު ޝާފިއީ އެވެ.

އޭނާގެ އިސްތިއުފާ އިއުލާން ކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާދޭން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައިވާ އައިޖީއެމްއެޗް ސޮފްޓްވެއާ މަޝްރޫއެއް މި ސަރުކާރުން ވެސް ކުރިއަށް ގެންދަން ނިންމާފައި ވާތީ، އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި ނަމަވެސް އެކަމަށް ސަރުކާރުން އަޅައި ނުލާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދާތީ ކަމަށެވެ. އަދި އެއީ މި ސަރުކާރުން ކޮރަޕްޝަނަށް ދޭ ޒީރޯ ޓޮލިރެންސްތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"މި މައްސަލަ އާއި އެހެން ވެސް ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅި ނަމަވެސް މި ކަންކަމަށް އަޅާލާފާ ނުވުމުގެ ސަބަބުން މަގާމުން އިސްތިއުފާ ދީފިން. އަހަރެންގެ ކަންބޮޑުވުންތަކަށް އެޑްރެސް ނުކުރާ ނަމަ، މުސާރައެއް ހޯދުމުގެ ބޭނުމުގައި މަގާމެއްގައި ހުންނާކަށް ބޭނުމެއް ނޫން،" ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޝާފިއީ ވިދާޅުވި އެވެ.

ކޮމްޕިޔުޓާ ސައިންސްގެ ދާއިރާއިން މެލޭޝިޔާގެ އޭޕީޔޫ ޔުނިވަސިޓީއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޝާފިއީ ވަނީ ކުރީގެ ވަތަނިޔާ، މިހާރުގެ އުރީދޫ އާއި އެޗްޑީއެފްސީ އަދި ރައީސް އޮފީހުގެ ވެސް އިސް މަގާމުތަކެއް މީގެ ކުރިން ފުރުއްވައިފަ އެވެ.

އޭނާ ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަގާމު އޭނާ ފުރުއްވާތާ ހަތް މަސް ވަނީ ވެފަ އެވެ.

ރައީސްގެ ތަރުޖަމާން، އިބްރާހިމް ހޫދު ވެސް "ސަން"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ޝާފިއީ އިސްތިއުފާ ދެއްވިކަން ވަނީ ރައީސް އޮފީހަށް އަންގަވައިފަ އެވެ. އެހެން ނަމަވެސް، ސަބަބު އެނގިނުލައްވާ ކަމަށް ހޫދު ވިދާޅުވި އެވެ.

ޝާފިއީގެ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން ހޫދު ވިދާޅުވީ އެފަދަ ކަމެއް އެނގި ނުލައްވާ ކަމަށާއި އިތުރު މައުލޫމާތު ޓެކް މިނިސްޓްރީއަށް ގުޅައިގެން ސާފުކުރުމަށެވެ.

ޓެކް މިނިސްޓްރީގެ އޮފިޝަލަކަށް ގުޅި ނަމަވެސް، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ޝާފިއީގެ އިސްތިއުފާޔާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޝާފިއީ އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ދެން ތިއްބަވާނީ، އަހުމަދު އަފްޒަލް އިބްރާހިމް އަދި ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަކީ، ފާތިމަތު ޝަހީދާ އަދި މުހައްމަދު އަންސާރު އެވެ.

ޓެކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު އިސްތިއުފާދެއްވި އިރު، އެ މިނިސްޓްރީގެ ބައެއް ސިޔާސަތުތަކާ މެދު އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އާދެ އެވެ. އެގޮތުން، ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރުވަން ހަގީގީ މަސައްކަތްތަކެއް ނުކުރެވޭ ކަމަށާއި އެ މިނިސްޓްރީގެ ވައުދުތަކުން އެތައް ކަމެއް ހާސިލް ނުކުރެވި ފެއިލްވެފައިވާ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި ދާއިރާއާ އެއްވެސް ގޮތަކުން ގުޅުން ނެތް، ސިޔާސީ މީހުން އެ މިނިސްޓްރީގެ އިސް މަގާމުތަކަށް ހަމަޖައްސާފައި ވާތީ، އެކަމަށް ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ޝާފިއީ އިސްތިއުފާދެއްވުމުގެ ސަބަބުތަކުގެ ތެރޭގައި މިނިސްޓްރީގައި ތިއްބެވި އެހެން ބައެއް ސިޔާސީ ބޭފުޅުންނާއި އެބޭފުޅާއާ ދެމެދު އުފެދުނު ބޮޑެތި ހިޔާލު ތަފާތުވުންތައް ވެސް ހިމެނެ އެވެ.

comment ކޮމެންޓް