ސްކޮލަޝިޕްތަކުގައި ކިޔަވާ ކުދިން ގައުމު ބިނާކުރަން މުހިންމު ރޯލެއް އަދާކޮށްދީ: ރައީސް

ރައީސް ސޯލިހް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ ރައީސް އޮފީސް

ސަރުކާރުގެ އެހީގައި ކިޔަވާ ދަރިވަރުން ގައުމު އާރާސްތުކުރުމުގައި މުހިންމު ރޯލެއް އަދާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.

މިއަދު ސްޓެލްކޯ ޖަލްސާ ކުރާ މާލަމުގައި ވަނީ ޖީސީ އޭލެވެލް އިން މަތީ ނަތީއްޖާ ހޯދި ދަރިވަރުންނަށް ސޮކޯލާޝިޕްތައް ހާސިލްކޮށްފައެވެ.

ދަރިވަރުންނަށް ސްކޯލާޝިޕްތައް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ އެހީގައި ބޭރު ގައުމުތަކަށް ކިޔަވަން ފޮނުވުމުގެ ހަގީގީ މަގުސަދު ހާސިލްވާނީ، އެ ދަރިވަރުން ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް ކުޅެވޭ ބަޔަކަށް ވެގެން ކަމަށެވެ.

"ތިޔަ ދަރިވަރުންނަކީ، ގައުމަށް ބޭނުންތެރި، އަދި ދިވެހި އުންމަތް، އެ ބަޔަކަށްޓަކައި ފަހުރުވެރިވާފަދަ ދަރީންތަކަކަށްވުމަކީ، ތިޔަ ކުދީންނާމެދު މި ގައުމު ކުރާ އެންމެ ބޮޑު އުންމީދު. މަތީ ތައުލީމުގެ މަރުހަލާގައި، ތިޔަ ދަރިވަރުން އުނގެނޭ ކޮންމެ އަކުރަކީ، ގައުމު ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް އަގުބޮޑު އިންވެސްޓް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ފޮޓޯ ރައީސް އޮފީސް

ރައީސް ދަރިވަރުންނަށް ނަސޭހަތްތެރިވީ، މަތީ ތައުލީމަކީ، ހަމައެކަނި ޔުނިވާސިޓީގައި ކިޔަވާ ކިޔެވުން ކަމުގައި ނުހެދުމަށެވެ. އޭގެ ބަދަލުގައި އުފެއްދުންތެރި އާ ގޮތްތައް އީޖާދު ކުރުމަށް ރައީސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ، މަތީ ތައުލީމު ހާސިލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކަންކަން ކުރާނެ ރަނގަޅު އަދި މޮޅު ގޮތްތައް ދެނެގަނެ، އެކަމުގެ ހުނަރު ލިބިގަތުން ކަމަށެވެ.

"ތިޔައިގެ ތެރެއިން ހަމަ ކޮންމެ ދަރިޔަކީ، މި ގައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއް. އަންނާން އޮތް ޖީލަށް މި ގައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަ ދަރިވަރުން،" ރައީސް ވިދާޅުވިއެވެ.

"ތިޔަ ދަރިވަރުންގެ އަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުކަމާއެކު ދެމިތިބުން. ތައުލީމު ހާސިލުކުރުމަށް ދުނިޔޭގެ ކޮންމެ ގައުމަކަށް ދިޔަކަމުގައިވިޔަސް، ތިޔައީ މި ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން، އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ،" ރައީސް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރު ޖީސީ އޭލެވެލް އިން މަތީ ނަތީއްޖާ ހޯދި ދަރިވަރުންގެ ތެރެއިން ދަރަވަރަކަށް ސްކޯލާޝިޕް ވަނީ ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާދޭ ސްކޯލާޝިޕްތަކަށް އެ ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން 36 ގައުމަކަށް ކިޔެވުމުގެ ފުރުސަތު ވަނީ ދީފައެވެ.

comment ކޮމެންޓް