ރަނގަޅު ޑޮކްޓަރުން ނުވެސް ލިބޭ، ނުވެސް އުފެއްދޭ

ހޮސްޕިޓަލެއްގައި މީޙަކު ޑޮކްޓަރަށް ދައްކަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަނގަޅު ޑޮކްޓަރުންނެއް ނުލިބެ އެވެ. ރަނގަޅު ޑޮކްޓަރުންނެއް ރާއްޖޭގައި ނުއުފެއްދެ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ ވާހަކަ ފަށައިފިނަމަ އަަބަދުވެސް އޮންނަނީ މި ޝަކުވާއެކެވެ. މި ޝަކުވާއެއް އޮންނަތާ މިހާރު ގައިމު ލައްކަ ޒަމާން ވެއްޖެ އެވެ. ނިމުމެއް ނެތް އެ ޝަކުވާތައް ކިތަންމެ ބާވިޔަސް މިއީ މިހާރު ކޮންމެހެންވެސް ދައްކަންޖެހިފައިވާ ވާހަކައެކެވެ.

ޑޮކްޓަރުންގެ އިހުމާލާ ހުރެ ކިތަންމަ ހާދިސާއެއް ރާއްޖޭގައި ހިނގައިފައިވާކަމަށް ބުނެވިދާނެ އެވެ. އެކަމަށް ބާރު ލިބޭ ކިތަންމެ ޝަކުވާއެއް މިނިސްޓްރީއަށްވެސް ހުށަހަޅާފައިވެ އެވެ. ބައެއް އާންމުން ދެކޭގޮތުގައި މައްސަލައަކީ ރާއްޖެ ގެންނަ ޑޮކްޓަރުންގެ ފެންވަރު ނެތުމެވެ.

ޑޮކްޓަރުން ރެކްރޫޓުކުރާ ގޮތާ މެދު ސުވާލު

ރާއްޖެއަށް މިހާރު ޑޮކްޓަރުން އާންމުކޮށް ރެކްރޫޓުކުރަމުންދަނީ ސަރަހައްދުގެ ކައިރި ގައުމަކުންނެވެ. އެގޮތަށް ޑޮކްޓަރުން ރެކްރޫޓުކުރުމުގައި ގެންގުޅޭ ޕްރޮސީޖާއާ މެދު ސުވާލު އުފެދޭ ކަންތައްތައް ކިތަންމެހާ ވެސް ގިނަ އެވެ. ސަބަބަކަށް ވަނީ، ގިނަ ފަހަރަށް ޑޮކްޓަރުން ހޯދަން ޖެހިފައި އޮންނަނީ އަވަސް އަރުވާލައިގެން އެވެ. ޑޮކްޓަރުން ރެކްރޫޓްކުރުމުގައި ބަލަންވާ ވަރަށް ނުބެލެނީ މި ސަބަބާ ހުރެ އެވެ.

ބަޔަކު ޑޮކްޓަރަށް ދައްކަނީ --ފޮޓޯ: އާސަންދަ

"ޑޮކްޓަރުން ރެކްރޫޓް ކުރަން މި ލިބެނީ ވަރަށް މަދު ދުވަސްތަކެއް. ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ޑޮކްޓަރަކު ނުލިބިގެން ގިނަފަހަރު އުޅޭނީ. އެހެން އުޅޭއިރު ބަލާނީ ގިނަ ފަހަރު ވީހާވެސް އަވަހަކަށް ޑޮކްޓަރަކު އެރަށަކަށް ފޮނުވޭތޯ" ހެލްތު މިނިސްޓްރީގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އަދި މިހާރު ރާއްޖޭގެ މެޑިކަލް ސްކޫލުގެ ޑީން ޑރ. ޝީޒާ އަލީ ވިދާޅުވި އެވެ. "ދެން ބަލާނެ ފާހަށްވެސް. އަދި އިންޑިއާއިން ޑޮކްޓަރުން ނަގާއިރު އޭނާއަކީ އިންޑިއާގެ މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯވެސް،"

ޑޮކްޓަރުން ރެކްރޫޓްކުރުމުގައި ހަމައެކަނި ފާހަށް ބަލައިގެން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކިތަންމެ މޮޅު ފާހެއް ނަގައިފައި ހުއްޓަސް އެ ޑޮކްޓަރެއްގެ އަމަލީ ތަޖުރިބާ ނުހުރެދާނެ އެވެ. އެކި ހާލަތުގައި އަމަލުކުރާނެ އެންމެ ރަނގަޅު ގޮތް އޭނާއަށް ނޭނގިދާނެ އެވެ. އޭނާއަށް ރާއްޖޭގެ މާހައުލަށް ރަނގަޅަށް ހޭނިދާނެ ހެއްޔެވެ؟ މީހުންގެ ތެރޭގައި އެންމެންނާ ގުޅިގެން ރަނގަޅު ހިދުމަތެއްދެވޭނެ ޑޮކްޓަރަކަށް އޭނާއަށް ވެވިދާނެހެއްޔެވެ؟ މިއީ ޑޮކްޓަރުން ހޯދުމަށް އަތްފުނާ އަޅާއިރު ޖަވާބު ހޯދަން ޖެހޭ ސުވާލުތަކެވެ.

އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންނެއް ނޫން

ރަނގަޅު ކިޔަވައިގެން ތިބި ގިނަ ޑޮކްޓަރުންގެ ލޯ ގިނަފަހަރު އަމާޒުވަނީ ރަނގަޅު ބޮޑު އުޖޫރައެއް ލިބޭ ވަޒީފާއަކާ ދިމާއަށެވެ. ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށް އެމީހުންގެ "ހިތް ފުރައިދިނުން" ގިނަ ފަހަރަށް ވަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ. ކިތަންމެ ބޭނުންވިޔަސް އެފަދަ ފޯރުންތެރިކަމެއް އަޅުގަނޑުމެންގެ ރާއްޖެއަކު ނެތެވެ. އަދި އެ ފެންވަރުގެ ޑޮކްޓަރުން މަސައްކަތް ކޮށްލާނެ ފެންވަރުގެ ހޮސްޕިޓަލްތަކެއް ވެސް ނެތެވެ.

އަޅުގަނޑުމެންގެ ފޯރުންތެރިކަން ނެތުމުގެ ފައިދާ ނަގަނީ ދުބާއީ އަދި އަރަބި މުއްސަނދި ގައުމުތަކުންނެވެ. މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންގެ މިސްރާބު ހުރީ އެ ގައުމުތަކަށެވެ.

އޭޕްރިލް 15، 2015: އެންސްޕާއިން ރާއްޖޭގައި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ސަންފޮޓޯ/ އަލީ ނަސީރު

"ގިނަ ފަހަރު ޑޮކްޓަރުން ބޭނުމެއް ނުވޭ ރާއްޖޭގެ އާބާދީ މަދު ރަށް ރަށަށް ދާކަަށް. ގިނަ ފަހަރު އެފަދަ ރަށަރަށަށް ގޮސްގެން ލިބޭނީ ވަރަށް މަދު ތަޖުރިބާއެއް. އަޅުގަނޑު މިނިސްޓްރީގައި އުޅުނުއިރު ވަރަށް ގިނައިން ޑޮކްޓަރުން ރަށްރަށަށް ދާން ދެކޮޅު ހަދާފައި އެބަހުރި،" ޑރ. ޝީޒާ ވިދާޅުވި އެވެ. "ދެން ގިނަ ފަހަރު ސާޖަރީ ޑޮކްޓަރެއް ކަހަލަ މީހަކުވެސް ގޮސް އުޅޭނީ އެކަނި. އެކަނި އެފަދަ ބޮޑު ޒިންމާއެއް ނެގުމަކީ ވަރަށް ރިިސްކީކަމެއް. އެހެނެއް ނޫން މާލެ ފަދަ ތަނެއްގައި އޮންނާނެ ބޮޑު ޓީމެއް. ގިނަ ފަހަރު ޑެޒިޝަނެއް ނަގާނީވެސް އެތައް ޑޮކްޓަރުންނާއެކު ވާހަކަ ދެއްކުމަށްފަހު،"

މީގެ ކުރިން ރާއްޖޭގައި ހަރަކާތްތެރިވާ ތަޖުރިބާނެތް ޑޮކްޓަރުން ސާޖަރީ ފަދަ އޮޕަރޭޝަންތަކުގައި ބޮޑެތި ގޯސްތަކެއް ހަދަފައިވެ އެވެ. އެ މައްސަލަތައް ކިތަންމެ ފަހަރަކު މެޑިކަލް ކައުންސިލް ބަލާފައިވެސްވެ އެވެ. އަދި އަނެއްބައި ފަހަރު ކޯޓަށް ވެސް މައްސަލަތައް ހުށަހަޅާފައިވެ އެވެ.

"އަޅުގަނޑުގެ މަންމަ އަތްބިންދައިގެން ހޮސްޕިޓަލްގައި އޮޕްރޭޝަންކޮށްގެން އެތަކެއް ދުވަހެއް ވީއިރުވެސް ރަނގަޅު ނުވޭ. ފަހުން އިންޑިއާއަށް ގޮސް ދެއްކީމަ ބުނީ އެންމެ ރަނގަޅަކަށް ނޫނޯ އޮޕަރޭޝަންކުރީ." ރާއްޖޭގެ ހޮސްޕިޓަލަކުން ކުރި ހިތި ތަޖުރިބާ ކިޔައިދެމުން މީހަކު ބުންޏެވެ.

ދިވެހި ޑޮކްޓަރުން ހޯދަން ގޮންޖެހުން

ފަހަކަށް އައިސް ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް އަވައްޓެރި ގައުމުތަކުގައި ޑޮކްޓަރީކަން ދަނީ ކިޔަވަމުންނެވެ. ނަަމަވެސް އަދިވެސް ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުން ލިބުމަކަށް ހައްލެއް ނާދެ އެވެ.

ސުޕެޝަލިސްޓު ޑޮކްޓަރުންތަކަކާ ރައީސް ޔާމީން ސަލާމް ކުރައްވަނީ: ސަން ފައިލް ފޮޓޯ

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން ރާއްޖޭނެ ނަން އުނިވުމަކީވެސް ރަނގަޅު ޑޮކްޓަރުން އުފެއްދުމަށް އެޅުނު ހުރަހެކެވެ. މީގެ ކުރިން ޔޫރަޕް ފަދަ ގައުމުތަކުގައި ކިޔެވުމަށް ސްކޮލަޝިޕް ފުރުސަތުތައް ގިނައިން ލިބުނު ނަމަވެސް، މިހާރު އެފަދަ ފުރުސަތުތައް ލިބެނީ ވަރަށް ވެސް މަދުންނެވެ. ވަރަށް ފަހަކާ ޖެހެންދެން މަތީ ތައުލީމުގެ ލޯން ސްކީމްގެ ދަށުން ޔޫރްޕްގައި ކިޔެވުމުގެ ފުރުސަތުވެސް އޮތީ ބަންދުކޮށްފަ އެވެ.

ނޭޕާލަށް ފުރި ޑޮކްޓަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ

"ރާއްޖޭގައި އުޅޭ ހަގީގަތުގައި ވަރަށް މޮޅު ކުދިން. އެކުދިން ބޭނުންވޭ ޔޫރަޕްގެ ގައުމުތަކަށް ދާން ކިޔަވަން، އެކަމަކު އެކުދިންގެ އަތުގައި ތަނަވަސްކަމެއް ނުހުރޭ. އެހެންވެ ގިނަ ފަހަރު މިދަނީ ޗަައިނާ ނޫނީ އިރުމަތީ ޔޫރަޕްގެ އަގުހެޔޮ ގައުމަކަށް ދާން ޖެހެނީ. އެގައުމުތަކުން ނުލިބޭނެ އިންޓާންޝިޕް ހެދުމުގެ ފުރުސަތެއްވެސް. އެހެންވީމާ ރަނގަޅު ޓްރެއިނިންނެއްވެސް ނުލިބޭނެ. ދެން ދަރިވަރަކު އަމިއްލަ މަސައްކަތުން މީހަކަށް ވާން ޖެހޭނީ." ޑރ. ޝީޒާ ވިދާޅުވި އެވެ.

ރާއްޖޭގެ ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް އާންމުކޮށް ސަރުކާރުން ފޮނުވަނީ ނޭޕާލްއަށެވެ. ނޭޕާލްގެ ބައެއް ކޮލެޖުތަކުން ރާއްޖޭގެ ސަރުކާރާއެކު ހަދަފައިވާ އެއްބަސްވުމުގެ ދަށުން އެ ދަރިވަރުންނަށް ސަބްސިޑީ ރޭޓްގައި ކިޔެވެ އެވެ.

ރާއްޖޭގެ ދަރިވަރުން ބައެއް ގައުމުތަކުގައި ކިޔަވަން ފަސްޖެހުމަކީވެސް ޑޮކްޓަރުން ތަމްރީންކުރުމުގައި އޮތް ބޮޑު ގޮންޖެހުމެކެވެ. ޑޮކްޓަރުން އުފެއްދުމުގައި އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ ކިއުބާއަށް ޑޮކްޓަރީކަން ކިޔަވަން ދާން ގިނަ ދަރިވަރުން ފަސްޖެހެ އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ޑޮކްޓަރުކަން ކިޔަވަން ދިޔައީ ކިއުބާއަށް. އެކަމަކު ވަރަށް ހާލުގައި އުޅުނީ. އެއީ ކޮމިއުނިސްޓް ގައުމެއް. އިންޓަނެތްވެސް ލިބެނީ އެހާ ހާލުން. ފަހުން އެހެން ގައުމަކަށް ދިޔައީ ކިޔަވަން" ކިއުބާގައި ކިޔެވި ރާއްޖޭގެ ޑޮކްޓަރެއް ބުންޏެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޑޮކްޓަރަކު މީހަކު ބަލަނީ. --ފޮޓޯ: އާސަންދަ

ކިއުބާއެކޭ އެއްފަދައިން އަވައްޓެރި ޕާކިސްތާނަކީވެސް ދިވެހިން ކިޔަވަންދާން ޖެހިލުންވާ ގައުމެކެެވެ.

"ޕާކިސްތާނަށް އެޕްލައިކުރާލެއް މަދު. އެކަމަކު އަޅުގަނޑުވެސް ކިޔެވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި. އަދި އެވެސް އެއީ އަފްގާނިސްތާނު ހަނގުރާމަ ފެށުނު ދުވަސްވަރު. އެކަމަކު ކިޔަވުމަށް އަސަރެއް ނުކުރޭ." ޑރ. ޝީޒާ ވިދާޅުވިއެވެ.

ހައްލެއް އެބައޮތްތަ؟

ޑޮކްޓަރުން ނުލިބުމާއި ޑޮކްޓަރުން އުފެއްދުމުގެ މައްސަލައަކީ މިއަދުން މިއަދަށް ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ. އެކަމަށް ވަގުތުވެސް ބޭނުންވާނެ އެވެ. އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ އަލިމަގެއް ފެނޭތޯ ވަނީ މަސައްކަތް ފަށައިފަ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން "ސަން" ވިދާޅުވި ގޮތުގައި ރާއްޖެ ގެންނަ ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ.

"ފުރަތަމަ ކަމަކީ ޑޮކްޓަރުން އެތެރެވާއިރު ޑޮކްޓަރުންގެ ފެންވަރުދެނެގަނެވޭނެ ގޮތްތައް. އެ ބޭފުޅުންގެ ޑޮކިއުމަންޓަކުން އެބޭފުން ކުރިން މަސައްކަތްކުރެއްވި ތަޖުރިބާ އެކަންކަން ދެނެގަތުމަށްޓަކައި ސުވާލުކޮށް އިންޓަވިއުވެސް ކޮށްގެންދެން އަޅުގަނޑުމެން ގެންނާނީ. ޑޮކްޓަރުން އައުމަށްފަހު ޑޮކްޓަރުން އޮރިއަންޓް ކުރަނީ. ރާއްޖޭގެ މާހައުލަށާއި ރާއްޖޭގެ ހުންނަ ބަލިތަަކަށް ދެން އެބޭފުޅުން ކޮންޓިނިއުސްކޮށް އެސެސްކުރެވޭނެގޮތް ވެސް ހަދާނަން. ރެކްރޫޓް މަރުހަލާއިގެން ވަޒީފާއަށް ނުކުންނައިރު އޭނާއަށް ލިބޭ ޕީރިއަޑާއި އޭނާގެ އޮރިއެންޓޭޝަނާއި އޭނާ ވަޒީފާގައި ހުންނަ އިރު ބަލަން ޖެހޭ ކަންކަން މުޅި ޕްރޮސެސްއަށް އަޅުގަނޑުމެން މި އެޓެންޑްކުރަނީ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ފެންވަރު ރަނގަޅު ޑޮކްޓަރުން ހޯދުމުގައި މިހާތަނަށް ބަލާފައި ހުރީ ހަމައެކަނި ޑޮކިއުމަންޓްއަށް ކަމަށާއި އެމިންވަރުން ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ރެކްރޫޓްކުރެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ކަމަށެވެ. އެ ޑޮކްޓަރުންގެ ފެންވަރު ބަލަން ޓެސްޓްތައް ހައްދުވަނީވެސް ވަރަށް ފަހުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވިލިމާލެ ހޮސްޕިޓަލް: -- ފޮޓޯ/ ވިލިމާލެ ހޮސްޕިޓަލް ފޭސްބުކް ޕޭޖް

މިނިސްޓަރުވެސް ވިދާޅުވީ ރާއްޖެއަށް އަންނަ ޑޮކްޓަރުންނަށް ބޮޑު މުސާރަ ދިނުމުގައި ގޮންޖެހުން ކުރިމަތިވާކަމަށާއި އެގޮތަށް ބޮޑު މުސާރައާ ދެވޭނީ ސަރުކާރު ތެރޭގައި މަޝްވަރާކޮށްގެން ނިންމުމެއް ނިންމައިގެން ކަަމަށެވެ. އެހެން ނަމަވެސް ކިތަންމެ ބޮޑު މުސާރައެއް ދިނަސް ޑޮކްޓަރުން ރެކްރޫޓްކުރުމުގެ މަރުހަލާ ރަނގަޅުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މެޑިކަލް ސްކޫލުގެ ޑީން ޑރ. ޝީޒާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ޑޮކްޓަރުން ތަމްރީންކުރުމުގައި މިހާރަށް ވުރެ ބޮޑަށް އަތޮޅުތެރެއިން ކުދިން ތަމްރީންކުރުމަށް އިސްކަންދޭން ޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ދޭއިރު އަތޮޅުތަކުގައި މަސައްކަތްކުރުމަށް ޝަރުތުކުރެވިދާނެ ކަަމަށެެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ޔޫރަޕްގެ ގައުމުތަކަށް ލޯން ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތުވެސް އަލުން ވަނީ ހުޅުވާލައިފަ އެވެ. މިއީ ޔޫރަޕްގެ ގައުމުތަކުގައި ޑޮކްޓަރުކަން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ލިބުނު ރަނުގެ ފުރުސަތެކެެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުން ކިޔަވައިގެން އައިސް ގައުމަށް ހިދުމަތް ކުރުމުގެ މައްސަލައިގެ ބޮޑު ހައްލަކަށް ވާނެ އެވެ. އެހެން ނޫނީ މި ޝަކުވާއެއްގައި އެތައް ގަރުނެއް ހިނގައިދާނެ އެވެ.

comment ކޮމެންޓް