ވައުދުވި އަދަދަށް އެނދު އިތުރުކުރަން ދަތިތަކެއް އެބަހުރި

ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓު---

ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވި އަދަދަށް ރާއްޖޭގެ މެދު އަތޮޅުތަކުގެ ފަތުރުވެރިކަމުގެ އެނދު އިތުރު ކުރުމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދަށް އެކަނި 10،000 އެނދު އިތުރު ކުރުމަކީ ގިނަ އެނދުތަކެއް ބާކީ ވެގެންދާނެ ކަމެއް ކަމަށާއި އެހެންކަމުން އެ އަދަދު ރިވައިސް ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުން ކަމަށާއި ޓޫރިސްޓު ރިސޯޓުތައް ތަރައްގީ ކުރާނެ ރަށްތައް ކަނޑައެޅުމުގައި އެންމެ ފަހު ނިންމުން ނިންމަވާނީ ރައީސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމަށް ރަށްތައް ނެރޭއިރު އެ އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ ބަހަށް ވެސް ވިސްނާކަމަށް މިނިސްޓަރު އަލީވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ތަރައްގީ ކުރާނެ ރަށްތައް ކަނޑައެޅުމަށް ކަމާބެހޭ އެހެން ވުޒާރާތަކާ މަޝްވަރާ ކުރުމަށްފަހު ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި، ތިމާވެއްޓާ ގުޅުންހުރި ކަންތައް އަދި ކަމާ ބެހޭ މުވައްސަސާތަކުގެ ބަހެއް ނެތި އެއްވެސް ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ރިސޯޓު ތަރައްގީ ކުރަން ރަށް ދޫކުރާނީ ޕްރޮޕާ ބިޑެއްގެ ތެރެއިން ފާޅުކަން ބޮޑުކޮށް،" އަލީ ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް