ދީދީއަށް ބޮޑެތި ތުހުމަތުތަކެއް، ސުވާލުތަކަށް ޖަވާބެއް ނުދެއްވާ

ފަނޑިޔާރު އަބްދުﷲ ދީދީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކުގެ ތަހުގީގުގައި އޭނާއަށް ކުރެވޭ ބޮޑެތި ތުހުމަތުތަކެއް މިއަދު ހާމަވެއްޖެ އެވެ.

މިއަދު އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދީދީގެ މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީއިން ވަނީ ދީދީއަށް ކުރެވޭ ތުހުމަތުތަކެއް ހިމެނޭ ފުލުހުންގެ ސިޓީއެއްގައިވާ މައުލޫމާތުތައް އާންމުކޮށްފަ އެވެ. ދީދީއަށް ކުރެވޭ ތުހުމަތުތައް ހާމަވީ އެ ސިޓީއިންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގުގައި ބައިވެރިވި ޖޭއެސްސީގެ މެމްބަރުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރްސީއާ ގުޅޭ މައްސަލަތަކެއް

ފުލުހުން ދިން ސިޓީގައި ބަޔާންކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު "ސަސްޕެކްޓް 1" ތަހުގީގަށް ދިން އިންޓަވިއުގައި ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ދައްކާފައި ހުރި ވާހަކަތަކެވެ.

ސަސްޕެކްޓް 1 ފުލުހުންނަށް ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ކުރަމުން އައި ހުކުމްތައް ވަކި ކޮޅަކަށް ނިންމަން ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމަށެވެ. އެހެން އޭނާ ބުނެފައިވާއިރު، ފުލުހުންގެ ސިޓީގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ޖާއިޒު ސަބަބެއް އޮތް ކަމަށް ނުބެލެވޭ ހާލަތްތަކުގައި އެކި އަދަދުތަކުން ފައިސާ ހަވާލު ކުރި ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރު ހިމެނޭކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި "ވިޓްނަސް 1" ކިޔާ ހެކިވެރިއެއްގެ ހެކިބަހާ ހަވާލާދީ ފުލުހުންގެ ސިޓީގައި ބުނެފައި ވަނީ، "ސަސްޕެކްޓް 1" ފަނޑިޔާރު ދީދީއާ އެކި ފަހަރުމަތިން ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ސަސްޕެކްޓު 1ގެ ކާރުގައި ވެސް ފަނޑިޔާރު ދީދީއާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ސަސްޕެކްޓް 1ގެ އަމުރަށް ފަނޑިޔާރު ދީދީއަށް ދިވެހި ފައިސާ އާއި ޑޮލަރު ދިން ކަމަށްވެސް ވިޓްނަސް 1 ކިޔައިދީފައިވާ ކަމަށް ސިޓީގައިވެ އެވެ. އަދި ސަސްޕެކްޓް 1ގެ އިންޓަވިއުގައިވެސް ވިޓްނަސް 1 މެދުވެރިކޮށް ފަނޑިޔާރު ދީދީއަށް ފައިސާ ދިންކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖޭއެސްސީގެ ތަހުގީގުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ) އާއި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެ މައުލޫމާތުތައް ހިމެނޭ ވިޓްނަސް އެކެއްގެ ފޯނުތައްވެސް ފުލުހުންނާ ހަވާލުކުރުމުން އެ ފޯނުގައި ހުރި މައުލޫމާތުތައްވެސް ލިބިފައިވާ ކަމަށް މިއަދު އިއްވި ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

ސަސްޕެކްޓު އެކަކާ އެކު ޗެޓުލޮގުތަކެއް

ފުލުހުންގެ އެ ސިޓީގައި ބުނެފައި ވަނީ ޖުލައި، 12، 2017 ވަނަ ދުވަހު، ފަނޑިޔާރު ދީދީގެ ނަމުގައި އޮތް ނަމްބަރަކުން ރާއްޖެއިން ފުރަން އުޅޭ ކަމަށާއި ޑޮލަރު ކޮޅެއް ބޭނުންވާ ކަމަށް ބުނެ ސަސްޕެކްޓު 1އަށް މެސެޖުކޮށްފައިވާ ކަމަށެވެ. ސަސްޕެކްޓު 1 ފައިސާ ފޮނުވަންވީ މީހުންގެ ލިސްޓެއް ވިޓްނަސް 1 އަށް ފޮނުވި އިރު އެ ލިސްޓުގައި ފަނޑިޔާރު ދީދީގެ ނަންވެސް އޮތް ކަމަށް ސިޓީގައި ބުނެ އެވެ.

ފުލުހުންގެ ސިޓީގައި ބުނެފައި ވަނީ ސަސްޕެކްޓް 1ގެ ފޯނުގައި ހުރި ޗެޓުލޮގުތައް ބެލި ބެލުމުން، ފަނޑިޔާރު ދީދީއާއި ސަސްޕެކްޓު އެކެއް ބައްދަލުކޮށްފައިވާ ކަން އެނގޭ މެސެޖުތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން ބައެއް މެސެޖުތަކުގެ ލޮގް އެ ސިޓީގައި ފުލުހުން ފާހަގަ ކުރި އެވެ.

އެ މެސެޖުތަކުން، ފަނޑިޔާރު ދީދީ ހުށަހަޅުއްވާ ނަންތަކަށް ސަސްޕެކްޓު އެކެއް ދައުލަތުގެ މަގާމުތަކާއި ސަރުކާރުގެ ވަޒީފާތައް ހަމަޖައްސަވައިދެއްވާކަން އެނގޭ ކަމަށްވެ އެވެ.

އެގޮތުން، މެލޭޝިއާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަމަށް އޭނާ ހުށަހަޅުއްވާ މީހެއް ހަމަޖެއްސުމަށް އެދިފައިވާކަމާއި އެކަން ސަސްޕެކްޓު އެކަކަށް ފަނޑިޔާރު ދީދީ ހަނދާންކޮށްދިން ކަންވެސް މެސެޖުތަކުން އެނގޭ ކަމަށް ސިޓީގައިވެއެވެ. އެ މަގާމަށް ހަމަޖެއްސީ އޭނާގެ އަނބިކަނބަލުން އެވެ.

އޭސީސީގެ މެމްބަރު ކަމަށް ވަކި މީހަކު އައްޔަން ކުރުމަށާއި، ފަނޑިޔާރުންގެ ތެރެއިން ވަކި މީހަކު ޖޭއެސްސީއަށް އައްޔަން ކުރުމާ ބެހޭގޮތުންވެސް ދީދީ ސަސްޕެކްޓު 1 އަށް މެސެޖުކޮށްފައި ވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޖޭއެސްސީގެ ތަހުގީގުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ) އާއި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އޭގެ އިތުރުން، ދީދީއަށް މުޅި އުމުރުގައިވެސް ނުރައްކަލާ ކުރިމަތިވާނެ ކަމަށް ބުނެ، ސަސްޕެކްޓު އެކެއްގެ އެހީއަށް ދީދީ އެދިވަޑައިގެންފައިވާ ކަމަށްވެއެވެ.

ސިޓީގައި ބުނާ ޓެކްސްޓު މެސެޖުތަކުގައި ފަނޑިޔާރު ދީދީ ސަސްޕެކްޓު އެކަކަށް މުހާތަބު ކުރީ "ޑޮން"، "ބްރޯ" އަދި "ބްރަދާ" މިހެންނެވެ. ސަސްޕެކްޓު އެކަކާއި ދީދީއާ ދެމެދު ކުރެވުނު މުއާމަލާތްތަކުން އެ ދެމީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށްް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ސުއައިދު ދޫކޮށްލި ގޮތާ މެދު ތުހުމަތެއް

މިނިވަން ނޫހުގެ ނޫސްވެރިޔާ މ. ޝައިނިން ސްޓާ، އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި މުހައްމަދު ސުއައިދު ފަނޑިޔާރު ދީދީ ބަންދުން ދޫކޮށްލެއްވީވެސް ނުފޫޒެއްގެ ތެރެއިން ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ސުއައިދުގެ އިތުރުން އަބްދުﷲ ހައިޝަމް ނަމަކަށް ކިޔާ މީހަކުވެސް ހައްޔަރުކޮށް ދޫކޮށްލި އެވެ.

ފުލުހުންގެ ސިޓީގައިވާ ގޮތުން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ މީހަކު، ސުއައިދު އާއި ހައިޝަމް ދޫކުރެވޭނެ ގޮތެއް ހަމަޖައްސަން ސަސްޕެކްޓް 1އާ މުއާމަލާތް ކުރަމުން ދިޔަ އެވެ. އަދި އެ ދެމީހުންގެ ތެރެއިން ފަނޑިޔާރު ދީދީ، ސުއައިދު ދޫކޮށްލާފައި ވަނީ އެ ދެ މީހުންގެ މައުލޫމާތު ސަސްޕެކްޓު އެކެއް ފަނޑިޔާރު އަބްދުﷲ ދީދީއަށް ޓެކްސް މެސެޖަކުން ފޮނުވި ފަހުން ކަމަށް ސިޓީގައިވެ އެވެ. އެކަމަކު ހައިޝަމް ދޫކުރީ އެހެން ފަނޑިޔާރެކެވެ.

ތަހުގީގުގެ ސުވާލުތަކަށް ޖަވާބެއް ނުދެއްވާ

ދީދީ މިއަދުގެ އަޑުއެހުމުގައި ބުނެފައި ވަނީ އޭނާއަށް އެ ސިޓީ ހަވާލުކޮށްފައި ވަނީ މިއަދު ދަރުބާރުގެއަށް ހާޒިރުވުމުން 10:10ގައި ކަމަށެވެ. އެހެންކަމުން، އެ ސިޓީގައިވާ ކަންތައްތައް ދިރާސާކޮށް ޖަވާބުދާރީ ވާން އެއްވެސް ވަރަކަށް ވަގުތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެކަށީގެންވާ ވަގުތު ދީގެން މައްސަލަ ކުރިއަށްގެންދަން އޭނާގެ ފަރާތުން އެދުނެވެ.

ތުހުމަތުތަކުގެ ތަފްސީލުތަކެއް ހާމަކޮށްފައިވާ ފުލުހުންގެ ސިޓިއާ ގުޅިގެން ދީދީ ވިދާޅުވީ، އޭނާގެ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހެޅިފައިވޭތޯ ބެލުމަށް އޭނާ ސިޓީއެއް ފޮނުވުމުން، އެއްވެސް މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށް ބުނެ ފުލުހުން މި މަހުގެ ނުވަ ވަނަ ދުވަހު އޭނާއަށް ސިޓިއެއް ފޮނުވާފައިވާ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުން މުހައްމަދު ޖަމީލް އަހްމަދު އަދި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ހިތްހަމަޖެހިވަޑައިނުގެން ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ކޮމިޓީގައި އިންނަވާ ބަންޑާރަނައިބު އަބްދުﷲ ރިފްއަތު ވިދާޅުވީ، މީގެ ކުރިން މައްސަލައެއް ހުށަހެޅި ބަލަން ފެށިފައި ނެތުމަކީ މިއަދު އޭނާއާ ދެކޮޅަށް މައްސަލައެއް ނެތް ކަމަށް ބުނެވޭނެ ސަބެބެއް ނޫން ކަމަށެވެ. އަދި މި މަހުގެ ނުވައެއްގެ ފަހުންވެސް ދީދީގެ މައްސަލައެއް ފުލުހަށް ހުށަހެޅި ބެލެން ފެށިދާނެކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

އަޑުއެހުމުގައި ދީދީގެ ވަކީލުން ކަމަށްވާ މުހައްމަދު ޑރ. ޖަމީލް އަހުމަދާއި މުހައްމަދު ސަލީމް (ރޭނީސް ސަލީމް) ވަނީ ދީދީ ސަސްޕެންޑު ކުރި ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. ނަމަވެސް، ކޮމިޓީގެ ރިޔާސަތުގައި އިންނެވި މަސްތޫރު ހުސްނީ ވިދާޅުވީ، އެއީ މިއަދުގެ އަޑުއެހުމާ ގުޅޭ ކަމެއް ނޫން ކަމުން އެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި އެ ވާހަކަ ދެއްކޭނީ އެކަމާ ގުޅޭ މައްސަލައެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޮމިޓީގައި ތިއްބަވާ ހިސާން ހުސެއިނާއި މަސްތޫރު ހުސްނީ އާއި އިބްރާހިމް ރިފްއަތު އަކީ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި، އެ ބޭފުޅުންގެ މަސްލަހަތު ފުށޫ އަރާ ކަމަށްވެސް، ދީދީގެ ވަކީލުން ވިދާޅުވި އެވެ. އެ ތިން ބޭފުޅުން ތަނާޒުލުވާން ވެސް ވަކީލުން ގޮވާލެއްވި އެވެ.

ތަހުގީގު ކުރިއަށް ގެންދިޔުމުގައި އިޖުރާއީ މައްސަލަތަކެއް ހުރި ކަމަށް ބުނެ ދީދީގެ ފަރާތުން ވަނީ ކޮމިޓީން ކުރި ސުވާލުތަކަށް ސީދާ ޖަވާބު ނުދީފަ އެވެ. ސުވާލު ކުރުމުން، ދީދީގެ ފަރާތުން އިހްތިޔާރުކޮށްފައި ވަނީ ޖަވާބު ދިނުމުގެ ބަދަލުގައި އިޖުރާއީ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމަށެވެ.

ދީދީއަށް ކުރި ސުވާލުތައް:

  • ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނީ ކޮން ތާރީހެއްގައި؟
  • 2014،2015،2016،2017، މި އަހަރުތަކުގައި ފަނޑިޔާރުކަން ކުރެއްވިންތޯ؟
  • ސުއައިދު ދޫކޮށްލީ ވަކި ކޮޅަކަށް ބުރަވެންތޯ؟
  • ސަސްޕެކްޓު އެކަކަށް މެސެޖު ކުރި ނަމްބަރަކީ ދީދީގެ ނަމްބަރުތޯ؟

ވަކިވަކި ސުވާލުތަކަށް ޖަވާބު ނުދެއްވި ނަމަވެސް، ދީދީ ވަނީ ތުހުމަތުތަކަށް ޖުމްލަގޮތެއްގައި އިންކާރުކޮށްފަ އެވެ. އޭނާ ވިދާޅުވީ އެއްވެސް މީހެއްގެ އަތުން ދުވަހަކުވެސް ރިޝްވަތުގެ ގޮތުގައި ފައިސާއެއް ނަގާފައި ނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ފަނޑިޔާރު ދީދީ އަދި ވިދާޅުވި ގޮތުގައި، އޭނާގެ މައްޗަށް މައްސަލައިގައި ހުރި ކަމަށް ފުލުހުން ބުނާ ހެކިތައް ހޯދި ގޮތް ވެސް ބަލަން ޖެހެ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ދީދީއަށް ކުރެވޭ ތުހުމަތުތަކަށް ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަސް ދިނުމަށްފަހު އެވެ. ކޮމިޓީގެ ރިޔާސަތުން ބުނެފައި ވަނީ މައްސަލަ ކުރިއަށްގެންދާނީ އިޖުރާއަތްތަކާ އެއްކޮށް އިންސާފުވެރިކޮށް ކަމަށެވެ. އަދި ޖޭއެސްސީއިން ދީދީގެ ތަހުގީގު ނިންމައި އެކުލަވާލާ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ވެސް އޭނާއަށް އަދި 30 ދުވަސް ލިބޭނެކަންވެސް ފާހަގަކުރި އެވެ.

comment ކޮމެންޓް