އީރާނުން އެމެރިކާ ޖާސޫސީ ބޯޓެއް ވައްޓާލައިފި

އީރާނުން ވައްޓާލީ އެމެރިކާގެ ގްލޯބަލް ހާކް މަރުކާގެ ޑްރޯން އެއް

ތެހެރާން (ޖޫން 20) : އީރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޖާސޫސީ ޑްރޯން މަތިންދާ ބޯޓެއް އީރާނުން ވައްޓާލައިފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާ ހަވާލާދީ އެގައުމުގެ ރަސްމީ ޓީވީން ބުނީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގެ ކައިރިން އެމެރިކާގެ ޖާސޫސީ ޑްރޯން އީރާނުގެ ވައިގެ ސަރަހައްދަށްވަނީ އެގައުމުގެ އެންމެ ދެކުނުގައިވާ ހުރްމުޒްގާން ޕްރޮވިންސަށް ކަމުގައެވެ. އެމެރިކާގެ ޑްރޯން އީރާނުގެ ވައިގެ ސަރަހައްދަށް ވަން ތާ ހައެއްކަ މިނެޓުގެ ތެރޭގައި އެބޯޓު ވައްޓާލިކަމަށް ރިވޮލިއުޝަނަރީ ގާޑުންގެ އޭރޯ ސްޕޭސް ކޮމާންޑުން ބުނެފައިވެއެވެ. އީރާނުގެ ވައިގެ ސަރަހައްދަށް ވަން ޑްރޯންއަކީ އެމެރިކާގެ ނޯތު ގްރުމަން ކޮޕަރޭޝަން އިން އުފައްދާ "ގްލޯބަލް ހާކް މަރުކާގެ އެމްކިޔޫ ފޯ ސީ ޓްރައިޓޮން" ގެ ހައިޓެކް ޑްރޯން އެއްކަމަށްވެއެވެ.

ވަރަށް މަތިން އުދުހުމުގެ ގާބިލްކަން ލިބިފައިވާ އެމެރިކާގެ ޑްރޯން ވައްޓާލުމަށް ބޭނުންކުރީ ކޮން ބާވަތެއްގެ ރޮކެޓެއްކަން އީރާނުން ހާމަކޮށްފައެއް ނުވެއެވެ. އެ ޑްރޯންއާއި އޭގައި ހިމެނޭ ޖާސޫސީ އާލާތްތައް މިހާރު ވަނީ ރިވޮލިއުޝަނަރީ ގާޑުންގެ އޭރޯ ސްޕޭސް ކޮމާންޑްގެ އިންޖިނޭރުންގެ ބެލުމުގައި ދަށުގައި ކަމާއި އެބޯޓު ދައްކަން ޖެހިއްޖެ ނަމަ ދައްކާލާނެ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

އެމެރިކާވަނީ އީރާނުގެ ވާހަކަތައް ދޮގުކޮށް އެމެރިކާގެ ޑްރޯނެއް އީރާނުން ވައްޓައި ނުލާކަމަށާ އަދި އީރާންގެ ވައިގެ ސަރަހައްދަށް އެމެރިކާގެ ޑްރޯނެއް ވަދެފައިވެސް ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުން ވައްޓާލި އެމެރިކާގެ ޑްރޯން ޓީވީ މެދުވެރިކޮށް ދައްކަފާނެ ކަމުގެ ބިރު ހީވުމާއެކު ބޭޒާރުވެދާނެތީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އޮފްސަރަކުވަނީ އެމެރިކާގެ ޑްރޯނެއް އީރާނުގެ ވައިގެ ތެރޭގައި ގެއްލިފައިވާ ކަމަށާ ފަހަރުގައި އީރާނުން އެޑްރޯން ވައްޓާލާފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

2013 ވަނަ އަހަރު އީރާނުން ސައިބާ ދަލުގައި ޖައްސައިގެން ކޮންޓްރޯލްގެ ދަށަށްގެނައި އެމެރިކާގެ ހައިޓެކް ޑްރޯން

އީރާނުން އެމެރިކާގެ ޑްރޯން ވައްޓާލާފައިވާއިރު މިހަފްތާގެ ކުރީކޮޅު ޔަމަންގެ ހޫޘީންވެސްވަނީ ޖާސޫސުކުރުމަށްޓަކައި އެމެރިކާއިން ޔަމަނަށް ފޮނުވި ޑްރޯނެއް ވައްޓާލިކަން ކަށަވަރުކޮށްދީފައެވެ. އެކަމަށްވެސް އެމެރިކާ ފުރަތަމަކުރީ އިންކާރެވެ. ނަމަވެސް ޙޫޘީން އެ ޑްރޯން ދައްކަފާނެކަމުގެ ބިރާއެކު އެމެރިކާވަނީ އެގައުމުގެ ޑްރޯނެއް ޔަމަންގެ ހޫޘީން ވައްޓާލިކަމަށް އަންގާރަ ދުވަހު އެއްބަސްވެފައެވެ.

އީރާނުން 2013 ވަނަ އަހަރުވަނީ އަފްޣާނިސްތާނުގެ ވައިގެ ސަރަހައްދުން އުދުހުނު އެމެރިކާގެ ވަރަށް މަތީ ޓެކްނޮލޮޖީގެ ޑްރޯނެއް ސައިބާ ދަލެއްގައި ޖައްސައި އެ ޑްރޯންގެ އޮޕަރޭޓިން ސިސްޓަމްގެ ކޮންޓްރޯލް ހޯދައިގެން އެ ޑްރޯން އީރާނުގެ ވައިގެ ސަރަހައްދަށް ވައްދައި އެޑްރޯން އީރާނުގެ އަސްކަރީ ބޭހަކަށް ޖައްސުވާފައެވެ. އެކަމަށްވެސް އެމެރިކާ އިންކާރުކުރުމަށްފަހު ބޭޒާރުވެދާނެތީ ފަހުންވަނީ އެއްބަސްވެފައެވެ. އަދި އެއީ ޖާސޫސީ ހައްސާސް އާލާތްތަކެއް ހަރުކޮށްފައިވާ ހައިޓެކް ޑްރޯނެއްކަމަށްވާތީ އެޑްރޯން އަނބުރައި އެމެރިކާއަށް ރުޖޫއަކޮށް ދިނުމަށާއި ނޫންނަމަ އީރާނަށް ބިރުވެރި ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު އެމެރިކާއިން ދިނެވެ. ނަމަވެސް އީރާނުން ވަނީ އެކަމަށް ދެކޮޅުހަދައި އެ ޑްރޯންގައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީރާނުގެ ޑްރޯން ޓެކްނޮލޮޖީ އާއި ޖާސޫސީ އިންޑަސްޓްރީ ތަރައްގީ ކުރުމުގެ ދިރާސާތައް ކުރަމުން ގެންދާނެކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު