އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކަށް ޕާކިސްތާނުން 1،000 ކޯޓު އުފައްދަނީ

މުޅި ދުނިޔެއިން އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ހަވަނައިގައި އޮތީ ޕާކިސްތާން -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (ޖޫން 20): ޕާކިސްތާނުގައި އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅުން ހުރި މައްސަލަތައް ބަލަން ހާއްސަ 1،000އަށް ވުރެ ގިނަ ކޯޓުތައް އުފައްދަން ނިންމާފައިވާ ކަމަށް އެގައުމުގެ އުއްތަމަ ފަނޑިޔާރު އާސިފް ސައީދު ކޮހުސާ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ކޮހުސާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކަށް ހާއްސަ ކޯޓުތައް އުފެއްދުމުން، އަނިޔާ ލިބިފައިވާ އަންހެނުންނަށް ބިރަކާ ނުލައި ވާހަކަ ދެއްކުމަށް ފުރުސަތު ލިބޭނެ އެވެ.

"ޖިންސުގެ ސަބަބުން ކުރާ އަނިޔާތައް ބެލުމަށް 1،016 ކޯޓު އުފައްދާނެ. އަދި މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެއްވެސް ބިރަކާ ނުލައި ވާހަކަ ދެއްކޭނެ ގޮތެއް ހެދުމަށް، އެކޯޓުތައް އާދައިގެ ކޯޓުތަކާ ތަފާތު ވާނެ،" ކޮހުސާ ވިދާޅުވި އެވެ.

އާ ކޯޓުތައް ހިންގާނީ މިހާރުވެސް ހުންނަ ކޯޓުތަކުގެ އިމާރާތުގަ އެވެ. ނަމަވެސް މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެކޯޓުތަކުގެ އަޑުއެހުންތައް ބާއްވާނީ ސިއްރުންނެވެ.

މީގެ ދެ އަހަރު ކުރިން ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސު ކަމަށްވާ ޕަންޖާބުގައި އެފަދަ ކޯޓެއް ހަދާފައިވެ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެ ކޯޓު ހުޅުވުމަށް ތާއިދުކޮށް އެފަދަ މައްސަލަތަކަށް ހާއްސަ ކޯޓުތައް ހުޅުވުމަކީ އާދައިގެ ކޯޓުތަކުގައި އެފަދަ މައްސަލަތައް ބެލުމަށް ވުރެ ރަނގަޅު ގޮތެއް ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރު އެގައުމުގައި ޖިންސީ އަނިޔާގެ 845 ހާދިސާ ހިނގާފައިވެ އެވެ. ނަމަވެސް ފަގީރު ކަމާއި އެހެނިހެން ސަބަބުތަކާ ހެދި އެފަދަ ގިނަ މައްސަލަތައް ރިޕޯޓު ނުކުރާކަންވެސް އެކޮމިޝަނުން ފާހަގަ ކުރި އެވެ.

ބައިނަލްއަގުވާމީ މާހިރުން ހިމެނޭ ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުން މިދިޔަ އަހަރު ހެދި ސާވޭއަކަށް ފަހު އެކުލަވާލާފައިވާ، މުޅި ދުނިޔެއިން އަންހެނުންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ހަވަނައަށް އޮތީ ޕާކިސްތާނެވެ.

comment ކޮމެންޓް