ސަލްމާންގެ "ބާރަތު" 200 ކުރޯޑް ހޯދައިފި

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް، ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ބާރަތު' އަށް ދެ ހަފްތާއިން އަށް 200 ކުރޯޑް (29,470,320 އެމެރިކާ ޑޮލަރު)ގެ އާމުދަނީއެއް ލިބިއްޖެ އެވެ.

ފިތުރު އީދާ ދިމާކޮށް ރިލީޒްކުރި އެ ފިލްމަށް 14 ދުވަހުން ލިބިފައި ވަނީ 201.86 ކުރޯޑް ރުޕީޒް އެވެ. 'ބާރަތު' އަކީ 200 ކުރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ސަލްމާންގެ ހަ ވަނަ ފިލްމެވެ.

އެއާ އެކު 'ބާރަތު' ވެގެން ގޮސްފައި ވަނީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދެވަނަ ފިލްމަށެވެ. އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ގޮތުގައި އަދި އޮތީ ވިކީ ކޯޝަލްގެ 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އެވެ.

'ބާރަތު' އަކީ ކޮރެއަން ޑްރާމާ 'އޯޑް ޓު މައި ފާދާ'ގެ އޮފިޝަލް ރީމޭކް އެވެ. ފިލްމުގައި ފެނިގެންދަނީ އިންޑިއާގެ ތާރީޚެވެ. ސަލްމާންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ކެޓްރީނާ ކައިފް، ޖެކީ ޝްރޯފް، ސުނިލް ގްރޯވަރު، ތާބޫ އަދި ދިޝާ ޕަޓާނީ ހިމެނެ އެވެ.

comment ކޮމެންޓް