ޕެރަގުއޭ ގާތުން އެއްވަރުވެ އާޖެންޓީނާއަށް އަމިއްލަ ބާރު ގެއްލިއްޖެ

ކޮޕާ އެމެރިކާގައި ރޭ އާޖެންޓީނާ އާއި ޕެރަގުއޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑެޔަން ކަލިނިޗް

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި ރޭ ކުޅުނު މެޗުން އެއްވަރުވެ ވަރުގަދަ އާޖެންޓީނާއަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

ބްރެޒިލްގެ ބެލޯ ހޮރިޒޮންޓޭގައި ރޭ ކުޅުނު މެޗުން އާޖެންޓީނާ އަދި ޕެރަގުއޭ އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު އާޖެންޓީނާ އަށް އަމިއްލަ ބާރު ގެއްލިފައިވާ އިރު ކުރިއަށް އޮތް މެޗުން މޮޅުވެގެން ޕެރަގުއޭއަށް ކުއާޓާ ފައިނަލަށް ދަތުރު ކުރެވޭނެ އެވެ. މި ދެ ޓީމު ނިސްބަތްވާ ގުރޫޕު ބީގެ އެއްވަނާގައި މިވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވި ކޮލަމްބިއާ އެވެ. އެ ޓީމު ވަނީ މިހާރު ވެސް ކުއާޓާގެ އެއް ޖާގަ ޔަގީން ކޮށްފަ އެވެ.

ކޮޕާ އެމެރިކާގައި ރޭ އާޖެންޓީނާއާއި ޕެރަގުއޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑެޔަން ކަލިނިޗް

ވޭތުވެ ދިޔަ ދެ ކޮޕާ މުބާރާތުގެ ވެސް ރަނަރަޕު އާޖެންޓީނާ އިން މި އަހަރުގެ މުބާރާތައް ނުކުތީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ. ނަމަވެސް ފުރަތަމަ މެޗުން ކޮލަމްބިއާ ގާތުން ބަލިވުމާ އެކު އެ ޓީމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. ހާއްސަކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް އޭގެ ސަބަބުން ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތި ވެފަ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުން ކުޅުނީ ވަރުގަދަ ކުޅުމެކެވެ. ފައުލުތައް ގިނަ އެ މެޗުގައި ދެ ޓީމުން ވެސް ހަމަހަމައަށް ހަމަލާތައް އުފައްދަމުން ދިޔަ އިރު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޕެރަގުއޭއިންނެވެ. އެ ޓީމަށް އެ ގޯލު ޖަހައިދިނީ ރިޗާޑް ސަންޗޭޒް އެވެ.

ފުރަތަމަ ހާފު އެގޮތުގައި އޮވެ ނިމިގެން ދިޔަ އިރު ދެވަނަ ހާފަށް އާޖެންޓީނާ ނުކުތީ ބަދަލަކާ އެކު އެވެ. އެ ޓީމުގެ ކުރިއަށް ކުޅެމުން ދިޔަ ރޮބާޓޯ ޕަރޭރާގެ ބަދަލުގައި ސާޖިއޯ އަގުއޭރޯ ކުޅެން ނުކުތުމުން ޓީމުގެ ފޯވާޑް ލައިންއަށް ވަނީ އޭގެ ފައިދާ ކޮށްފަ އެވެ. އެގޮތުން އޭގެ އިރަކޮޅެއް ފަހުން އާޖެންޓީނާއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ.

އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައި ނަތީޖާ ހަމަހަމަ ކުރީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެސީ ވަނީ ރޭގެ މެޗުގައި ގޯލު ޖަހަން ވަރަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޕެރަގުއޭގެ ޑިފެންޑަރުންނާއި ކީޕަރުގެ ހުށިޔާރުކަމާ އެކު ވަނީ މެސީގެ ހަމަލާތައް ވަރަށް ރަނގަޅަށް ހުއްޓުވާފަ އެވެ.

މެޗު ނިމުމުގެ ކުރިން ޕެރަގުއޭއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މެޗު ނިމެންދަނިކޮށް ޕެރަގުއޭއަށް ލިބުނު ޕެނަލްޓީ ވަނީ އާޖެންޓީނާގެ ގޯލް ކީޕަރު އަރުމާނީ މަތަ ކޮށްފަ އެވެ.

comment ކޮމެންޓް