ހުއްދަ ނެތި ކަލައިދޫ ކައުންސިލުން 10 ރުފިޔާގެ މަގުން ކިނބިގަސްތަކެއް ވިއްކަައިފި

ވަގަށް ބޭރުކުރަން އުޅުނު ކިނބިގަސްތައް--- ފޮޓޯ: ފުލުހުން

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ހުއްދަ ނެތި ލ. ކަލައިދޫ ކައުންސިލުން ކިނިބިގަސްތަކެއް 10 ރުފިޔާގެ މަގުން ވިއްކާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ކަލައިދޫ ކައުންސިލްގެ ރައީސް ހުސެއިން ހަލީލްއާ ސުވާލުކުރި ކަމަށެވެ.

"އީޕީއޭއަކަށް ނޭނގޭނޭ ކަލައިދޫއިން ގަސް ނަގަންވީމާ،" ކައުންސިލްގެ ރައީސް ވިދާޅުވިކަމަށްބުނެ ފުލުހުން ބުންޏެވެ.

އެ ގަސްތަކަކަކީ އެރަށުގެ މަގެއް ހެދުމަށް ނެގިގަސްތަކެއް ކަމަށް ކައުންސިލް އިން ބުނި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އީޕީއޭ އިން މީގެ ކުރިން ބުނީ ގަވައިދާ ހިލާފަށް ރުއްގަސް ބޭރުކުރުމަށް ކައުންސިލްތަކުން ތަފާތު އުކުޅުތައް ބޭނުންކުރާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތާއި ދަނޑާއި އަދި މަގު ހެދުމަށް ކަމަށް ބުނެ ރުއްގަސް ކަނޑައި ބޭރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ ރަށުން 40 އަކަށް ގަސް އުފުރާ ބާއްވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފަިއވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ގަވައިދާ ހިލާފަށް ނަގައިފައި ހުރި ކިނބި ގަސްތަކެއް އަރުވާފައި ހުރި ކަމަށް ބުނެ ލ. އިސްދޫ ޕިލިސް ސްޓޭޝަނަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ މައްސަލައެއް ހުށަހެޅި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ގޮސް ބެލިއިރު 20 ފޫޓް ހުންނަ ވަރުގެ ކިނބިގަސްތަކެއް ބޯޓަށް އަރުވާފަ ހުއްޓާފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ގަސްތައް ނެގި ތަންތަނުގައި އިއްޔެ އަލުން އިންދައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް