ގްރީންސްޓްރީޓު ބަލިކޮށް މާޒިޔާގެ ފެންވަރު ދައްކާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ މާޒިޔާއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ގްރީންސްޓްރީޓް ބަލިކޮށް އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

އިއްޔެ ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗުން ގްރީންސްޓްރީޓުގެ މައްޗަށް މާޒިޔާ ސްޕޯޓްސް އިން ކުރި ހޯދީ 1-3ގެ ނަތީޖާއަކުންނެވެ. ވޭތުވެ ދިޔަ ސީޒަނުގައި ކުރިމަތިވި ނާކާމީޔާބަށް ފަހު މި ސީޒަނަށް މާޒިޔާ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ މާޒިޔާއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

ނިމިގެން މިދިޔަ ޓްރާންސްފާ މާކެޓުގައި އެންމެ ބިޒީކޮށް އުޅުނު މާޒިޔާއިން ގިނަ ކުޅުންތެރިންތަކެއްގެ ސޮއެ ހޯދާފައިވާ އިރު އެކަމުގެ ބޭނުން އިއްޔެ ކުޅުނު މެޗުން ވަނީ ވަރަށް ރަނގަޅަށް ހިފައިފަ އެވެ. ވޭތުވެ ދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސްއާ އެކު ތަފާތު މޮޅު ކުޅުން ދެެއްކި ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އިބްރާހިމް ވަހީދު ފަދަ ކުޅުންތެރިން އިއްޔެގެ މެޗުގައި ދެއްކި ކުޅުން ފާހަގަ ކޮށްލެވެ އެވެ.

އަނެއް ކޮޅުން ގްރީންސްޓްރީޓް ވެސް މިއަަހަރުގެ ސީޒަނަށް އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގުގެ އިތުރުން މުހައްމަދު އުމެއިރު އަދި މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ މި ސީޒަނަށް ގްރީންއާ ގުޅިފަ އެވެ.

ދެ ޓީމު ވެސް ވަރުގަދަ ސްކޮޑަކާ އެކު އިއްޔެގެ މެޗު ފެށި ނަމަވެސް މެޗުގެ ވަރަށް ކުރީ ކޮޅު މާޒިޔާގެ ފޯވާޑް ނާއިޒު ހަސަން (ދާދު) ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މާޒިޔާގެ ގޯލަށް ފަހު ގްރީންސްޓްރީޓުން ހަމަޖެހިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް މާޒިޔާއިން ދިޔައީ ލިބުނު ކައުންޓާ އެޓޭކު ތަކުގައި ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުގައި އޮވެ ފުރަތަމަ ހާފު ދެ ޓީމުން ވެސް ނިންމާލި އިރު ދެވަނަ ހާފު ފެށިގެން ގްރީންއިން ދިޔައީ ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލިބުނު ކައުންޓާ އެޓޭކެއްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ މާޒިޔާއަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

މާޒިޔާގެ ދެވަނަ ގޯލާ އެކު ވެސް ގްރީންސްޓްރީޓުން ދިޔައީ ހިއްވަރާ އެކު ކުޅެ ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ގްރީންގެ މުހައްމަދު ސާއިފްއަށް ލިބުނު ބޯޅައެއް އޭނާ ވަނީ ގޯލުގެ ތެރެއށް ވައްދާލާފަ އެވެ. ނަމަވެސް ޖެހިގެން އައި މިނަޓުގައި މާޒިޔާގެ ފޭދޫ އިއްބެ ވަނީ އަނެއްކާ އިތުރު ގޯލެއް ޖަހައި މާޒިޔާއަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

މެޗަށް ފަހު ގްރީންސްޓްރީޓުގެ ކޯޗު އަލީ ސުޒެއިން ވަނީ ލީގުގެ އިންތިޒާމީ ކަންތައްތައް ފުރިހަމަ ނުވާ ކަމަށާއި އެފްއޭއެމްގެ ތައްޔާރީތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

އޭނާ ބުނީ މި އަހަރުގެ ސީޒަން ވެސް މި ފެށުނީ މާބޮޑު ތައްޔާރީތަކެއް ނުވެ ކަމަށެވެ. މިއީ މީގެ ކުރިން އަހަރުތަކުގައި ވެސް ފެންނަމުން ދިޔަ ކަމެއް ކަމަށާއި އިހުލާސްތެރިކަމެއްނެތި އެއްވެސް ކަމެއް ރަނގަޅުނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް