ބްލޫ ޕެނަރާމާ އިން ރާއްޖެއަށް ޗާޓާޑް ދަތުރުތަކެއް ފަށައިފި

މިއަދު ރާއްޖެ އަިއ ބްލޫ ޕަނަރާމާގެ ފްލައިޓު---

އިޓަލީވިލާތުގެ ބަޖެޓް އެއާލައިނެއްކަމަށްވާ ބްލޫ ޕަނަރާމާ އިން ރާއްޖެއަށް ޗާޓާޑް ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިނުން ރާއްޖެ އައި ފުރަތަމަ ފްލައިޓު މިއަދު ހެނދުނު 10:40 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވާއިރު، އެ ބޯޓަށް މަރުހަބާ ކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފައެވެ.

މިއަދު ރާއްޖެ އައި ފްލައިޓަކީ ޕޮލެންޑުން އައި ފްލައިޓެކެވެ. މިއީ ރާއްޖެ އާއި ޕޮލެންޑާ ދެމެދު ސީދާ ފްލައިޓެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ބްލޫ ޕެނަރާމާގެ ދަތުރުތައް ރާއްޖެއައި އިރު، އެ ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ފެށުމުުގެ ބައިވެރިޔާ، ސަން އޯޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖެ އާއި ޕޮލެންޑާއި ދެމެދު ޗާޓާޑްދަތުރުތައް ފެށުނީ އެކްސްކްލޫސިވް އެޖެންޓް އިޓާކާ އާއި އުވެޓް ހޮޓެލްސްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށެވެ.

މިއަދު ރާއްޖެ އައި ފްލައިޓުން 264 ފަސިންޖަރުން ރާއްޖެ އައެވެ. ސަން އޯޝަންސް އިން ބުނީ ބުލޫ ޕެރަނާމާގެ ދަތުރުތައް ޑިސެމްބަރު 26ގެ ނިޔަލަށް ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވާނެ ކަމަށެވެ. ކޮންމެ މަހަކު ގާތްގަނޑަކަށް 1000 ފަސިންޖަރުން މި އެއާލައިނުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެއެވެ.

ރާއްޖެ އާއި ޕޮލެންޑާ ދެމެދު ޗާޓާޑް ދަތުރުތަކެއް ފެށުމުން ޕޮލެންޑުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެއެވެ. މިދިޔަ އަހަރު ޕޮލެންޑުން ރާއްޖެ ޒިޔާރަތްކުރީ 12000 ފަތުރުވެރިންނެވެ.

comment ކޮމެންޓް