ހޮންކޮންގެ ބިލިއަނަރަކު ޗައިނާގެ ދަރިވަރުންތަކެއްގެ 14 މިލިއަން ޑޮލަރުގެ ޓިއުޝަން ފީ ދައްކަނީ

ހޮންކޮންގެ ބިލިއަނަރު ލީ ކާޝިންގް -- ފޮޓޯ: ގެޓީ

ހޮންކޮންގް (ޖޫން 19): ހޮންކޮންގެ އެންމެ މުއްސަނދި މީހާ، ލީ ކާޝިންގް ޗައިނާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުންގެ ޓިއުޝަން ފީ ދައްކާނެ ކަމަށް ބުނެފި އެވެ.

ލީ ކާޝިންގް ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެފައުންޑޭޝަން މެދުވެރިކޮށް ޗައިނާގެ ޝަންޓޯ ޔުނިވާސިޓީގައި މި އަހަރު ފުރަތަމަ ޑިގްރީއަށް ކިޔަވާ ކުދިންގެ ޓިއުޝަން ފީ ލީ ދައްކާނެ އެވެ. އަދި ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް އަހަރުވެސް އެގޮތަށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ކުދިންގެ ޓިއުޝަން ފީ ދައްކާނެ އެވެ.

އެޔުނިވާސިޓީ ހުންނަ ގުއަންޑޮންގް އަކީ ލީ އުފަންވި ޕްރޮވިންސެވެ. ނަމަވެސް ފަހުން އޭނާ ވަނީ ހޮންކޮންގަށް ބަދަލުވެފަ އެވެ.

އުމުރުން 90 އަހަރުގެ ލީގެ މިލްކިއްޔާތު 30.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އެދަރިވަރުންގެ ޓިއުޝަން ފީ ދެއްކުމަށް ކޮންމެ އަހަރަކު 14.4 މިލިއަން ޑޮލަރު އަރާނެ އެވެ.

"މި ސްކީމުގެ ސަބަބުން [ދަރިވަރުންގެ] އާއިލާތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަނެވި، ދަރިވަރުން ޝައުގު ހުންނަ ކަންތައްތަކާއި ދުނިޔޭގެ އިގުތިސާދުގައި ކުރިމަތިވާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ޓަކައި އިތުރަށް ކިޔެވުމަށް މަގުފަހިވާނެ ކަމަށް އުއްމީދު ކުރަން،" ފައުންޑޭޝަންގެ ބަޔާނުގައިވެ އެވެ.

މީގެ 39 އަހަރު ކުރިން އުފައްދާފައިވާ އެފައުންޑޭޝަނުން ވަނީ ސިއްހީ ފަރުވާ އާއި ތައުލީމާއި ދީނީ ކަންތައްތަކަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި 3.2 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަދިޔާކޮށްފަ އެވެ.

ފޯބްސް މުއްސަނދިންގެ ލިސްޓުން 28 ވަނަ ހޯދާފައިވާ ލީ އެންމެ ފުރަތަމަ މަސައްކަތް ކުރީ ފެކްޓަރީތައް ސާފު ކުރުމުގަ އެވެ. އަދި މިހާރު ލީގެ އާއިލާއަށް ނިސްބަތްވާ ސީކޭ ހަޗިސަން ހޯލްޑިންސް އާއި ސީކޭ އެސެޓް ހޯލްޑިންސް ގުރޫޕުން ވިޔަފާރިކުރާ ދާއިރާތަކުގެ ތެރޭގައި ރީޓެއިލް، ޓެލެކޮމްސް އަދި ހަކަތަ ހިމެނެ އެވެ.

މިދިޔަ އަހަރު ލީ ވަނީ އޭނާގެ ކުންފުނިތައް ހިންގުން ދަރިފުޅު ވިކްޓާ ލީއާ ހަވާލުކޮށްފަ އެވެ.

މިދިޔަ މަހު އެމެރިކާގެ ބިލިއަނަރަކުވެސް ވަނީ އެގައުމުގެ ގިނަ އަދަދެއްގެ ދަރިވަރުންގެ ސްޓޫޑެންޓު ލޯނު ދައްކައިދޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން ޓެކް އިންވެސްޓަރު ރޮބަޓް އެފް ސުމިތު ވަނީ އެގައުމުގެ މޯހައުސް ކޮލެޖުން މިދިޔަ މަހު ދަސްވެނިވި ހުރިހާ ކުދިންގެ ލޯނު ދައްކައިދޭނެ ކަމަށް ބުނެފަ އެވެ. އެކޮލެޖުން ބުނާ ގޮތުގައި އެކަމަށް 40 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް