ދީދީގެ ތަހުގީގު މާދަމާ ހެނދުނު ދަރުބާރުގޭގައި

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކުގެ ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް މިއަދު ޗިޓު ހަވާލުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވާ ގޮތުން، ފަނޑިޔާރު ދީދީއަށް ޗިޓު ހަވާލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ގައި ހާޒިރުވުމަށް ކަމަށެވެ.

އެ ކޮމިޝަނުން ކުރި ޓްވީޓުގައި ބުނި ގޮތުގައި ދީދީގެ ތަހުގީގު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އާންމުކޮށް ހުޅުވާލެވިގެންނެވެ.

މި ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަނީ ދީދީގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

އެނގިފައިވާ ގޮތުގައި، ޖުޑިޝަލް ސާވިސް ކޮމިޝަނުން ދީދީގެ ގިނަ މައްސަލަތަކެއް ބަލަމުން ދެއެވެ.

އޭގެ ތެރޭގައި މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދީދީ ކެމްޕޭން ކޮށްދިންކަމަށް ބުނާ މައްސަލައަކާއި، ޖޭއެސްސީން ދީދީ ސަސްޕެންޑުކުރުމަށް ނިންމި ނިންމުމަށް ގޮންޖަހައި، ވަޒީފާއަށް ނުކުތް މައްސަލަވެސް ހިމެނެއެވެ.

comment ކޮމެންޓް