ރާއްޖެ ބިކަވެ ބާކީވެފައި އޮތް އޮތުން ނިމުމަކަށް އައިސްފި: ޝާހިދު

ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޝާހިދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެ ބިކަވެ ބާކީވެފައި އޮތް އޮތުން ނިމުމަކަށް މިހާރު އައިސްފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބޭރު ގައުމުތަކުގައި ތިބޭ ރާއްޖޭގެ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިއްޔެ ނިންމާލި ޕާޓްނާޝިޕް ފޯރަމްއަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދައިފައިވާކަމަށެވެ.

" ފޯރަމްގައި އަޅުގަނޑާ ބައްދަލުކުރެއްވި ވަރަށް ގިނަ ބޭފުޅުން އެ މަނިކުފާނު (ރައީސް ސޯލިހް) ގެ ޒައާމަތަށް ތައުރީފްކުރައްވައި ވިދާޅުވަމުން ގެންދެވި ތިމަން ބޭފުޅުންނަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ސާާބިތުވެ ސާފުކޮށް އެނގިގެން ހިނގައްޖެއޭ ރާއްޖެ އަނބުރާ ބައިނަލްއަގުވާމީ މައިދާނަށް ނުކުމެ ސާބިތުވެއްޖެކަން. އެކަހެރިވެ ބިކަވެ ބާކީވެ އޮތް އޮތުން ނިމުމަކަށް އަތުވެއްޖެކަން."

ޝާހިދު ވިދާޅުވީ ރާއްޖޭގެ ސަރުކާރަކީ މިހާރު އެއް އަޑަކުން ވާހަކަދައްކާ އެއް އަމާޒަކަށް ދަތުރުކުރާ އެއް ޓީމެއްކަން ބައިނަލްއަގުވާމީ މުޖުތަމައެއްކަން މިހާރު އެނގިފައިވާ ކަމަށެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން، ކުރީގެ ސަރުކާރާ ގުޅުންތައް ހީނާރުވި ގައުމުތަކާ ދަނީ ގުޅުންތައް ބަދަހިކުރަމުންނެވެ. އޭގެ އިތުރުން ކޮމަންވެލްތާ އަލުން ގުޅުމަށްވެސް ސަރުކާރުން މިހާރު ވަނީ ލިޔުންތައް ހުށަހަޅައިފައެވެ.

comment ކޮމެންޓް