"މަން... މަންމާ" އަމިއްލަ ގޭން ވައްކަން ކޮށްގެން އުޅޭ މީހަކު ފަދައިން ސިހުނު އަނާލްއަށް ވާހަކަވެސް ދެއްކުނީ އަޅައަޅައިގަންނަމުންނެވެ.

"އަނާލް މީގައި މިއޮތް އެއްޗެއްގެ މާނަ ކިޔައިދީބަލަ" އެހެންޏާ ވާހަކަދައްކާވަރަށް ވުރެ ހަރުކަށިކަން މަޒާޔާގެ އަޑުން އަނާލްއަށް ފާހަގަ ކުރެވުމާއެކު އޭނާއަށް ހާސްވިއެވެ.

"އަހަރެން މިކުރާ ސުވާލަށް އަނާލް ހަމަމިހާރު ޖަވާބުދީ. މީ ކޮންކަމެއްހޭ؟ މީގައި މިއޮތީ ހަޤީގަތްތަ؟ ނޫނީ އޮޅުމެއްތަ؟" އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމާއެކު އަނާލްއަށް އިސްޖަހާލެވުނެވެ. ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.

"މީ ކޮންކަމެއްހޭ" ގަނޑު ވީދާލާ އެއްފަރާތަށް އުކާލަމުން މަޒާޔާ ސުވާލުކުރިއެވެ. އަނާލްގެ ހަރަކާތާ އެ ގަނޑުގައި އޮތް އެއްޗެއް ދިމާވިކަމުގައިވިނަމަވެސް މަޒާޔާބޭނުންވީ އަނާލްގެ ދުލުން އެހެންބުނާ އަޑުއަހާލާށެވެ. އަނާލްގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާއަށް ދެވަނަ ފަހަރުވެސް ސުވާލުކުރިއެވެ.

"ޖަވާބު ދީ އަނާލް' އަމުރު ވެރި ރާގަކަށް މަޒާޔާ އެހެން ބުނެލިއިރު ހުދު އޭނާއަށްވެސް ހުރީ ހަދަންވީ ގޮތް ހުސްވެފައެވެ. އަނާލްއާއި އިޒިއަން އާ ދެމެދު ގުޅުމެއްނެތެވެ. އެހެންވެއްޖެނަމަ އަނާލްގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކާކުހެއްޔެވެ؟. އެހެންނޫންނަމަ އަނެއްކާ އަނާލް އެމީހުންނަށް ސިއްރުން ގުޅުމެއް އިޒިއަންއާ ބާއްވަނީހެއްޔެވެ؟ އަދިވެސް ވަރިނުވާން އެ އުޅެނީ އެހެންވެހެއްޔެވެ؟. ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކާކުހެއްޔެވެ؟ މަޒާޔާގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. ވިސްނަންވީ އެއްޗެއް ނޭނގުނެވެ.

"މަންމާ..." އަނާލް އެއްޗެކޭ ބުނަން އުޅުނެވެ. އެހެންނަމަވެސް މަޒާޔާ އަތް ދިއްކޮއްލާ ބުނީ އަނާލް ޖަވާބުދޭން ޖެހޭނީ އޭނާ ކުރާ ސުވާލަށް އެކަނިކަމުގައެވެ. އަނާލް ތުންފަތުގައި ދަތް އަޅާލިއެވެ.

"އަނާލް... ކޮންކަމެއްމީ؟ އިޒިއަން އާ އަދިވެސް ގުޅުން އޮންނަނީތަ ނޫނީ..." ޖުމްލަ ފުރިހަމަ ނުކޮއް މަޒާޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ އަނާލްގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އޭރު އޭނާގެ އަޑުގައި ވަނީ ނުރައްކާތެރި އަސަރެކެވެ. އަނާލް އަށް ހިން ދިރުވާލެވުނެވެ.

"ކާކުގެ ކުއްޖެއް" އިސްޖަހާލައިގެން ހުރި އަނާލް އާ ގާތަށް އަނެއްކާވެސް ފިޔަވަޅެއް އަޅާލަމުން މަޒާޔާ ވާހަކަދެއްކިއެވެ. "އަނާލް މީ ކާކުގެ ކުއްޖެއްހޭ. އަދި އިޒިއަން ގާތުންވެސް ވަރިނުވޭ. އެނގޭތަ ތިވަރު ކަމެއް އެހެންމީހަކާ އެކީ ކުރިނަމަވެސް އެއީ ކިހާ ބޮޑު ފާފައެއްކަން" މަޒާޔާ ބުނެލިއެވެ. މަޒާޔާ އޭނާގެ ސިކުނޑިއަށް ވިސްނައިދިނީ އެއީ އިޒިއަންގެ ދަރިއެއްނޫންކަމަށެވެ. އަނާލް އެއްޗެކޭ ނުބުނުމުން އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.

"އަހަރެން މި އަހަނީ ބަނޑުގައިވާ ދަރިފުޅަކީ އިޒިއަންގެ ދަރިއެއްހޭ؟" މަޒާޔާ ދެވަނަ ފަހަރަށް ސުވާލުކޮށްލުމާއެކު އަނާލް އަށް އިސްއުފުލާލެވުނެވެ. ފެންކަޅިވެފައިވާ ދެލޮލުގެ ތެރޭގައި ބަރާވެފައި ހުރި ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި ފައިބަން ފެށީ އެވަގުތުއެވެ. އޭނާ އިސްޖަހާލަމުން މަޑުމަޑުން ބޯ ޖަހާލިއެވެ. އެއާއެކު މަޒާޔާއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. އެހިނދު އޭނަގެ ސިކުނޑިއަށް ވެރިވީ އަނާލް ގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތަކެވެ. ހިޔާލުތައް އައިސް ގުޅެމުން ދިޔަ ވަރަކަށް ވީ ގޮތް އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.

"ނާލް. ކިހިނެތް ތިހެދީ. " މަޒާޔާއަށް ބޮލުގައި އަތްއަޅާލަމުން ދުރަށް ޖެހިލެވުނެވެ.

"މަންމާ އައި އެމް. ސޮރީ. އެކަމަކު އަޅުގަނޑު ފާފައެއް ނުކުރަން. މަންމާ" ހާލަތުގެ ގޮތުން އަނާލްގެ ދުލުން ބޭރުވެގެން ދިޔައީ ކޮންމެވެސް އޭނާ ބޭރުކުރަން ބޭނުންވިފަދަ ބަސްތަކެއް ނޫނެވެ. އެހެންނަމަވެސް ވަގުތުގެ ނާޒުކު ކަމުން އޭނާގެ ސިކުނޑިއަށް އެންމެ އަވަހަށް އައި ބަސް އެއްވެސް އިޚްތިޔާރެއްނެތި ބޭރުކޮށްލެވުނީއެވެ.

އައިސްފައި ހުރި ރުޅި ކޮންޓްރޯލުން ނައްޓާ މަޒާޔާއަށް އަނާލްގެ ކޯތާފަތަށް އޭނާގެ އަތުގެ ހޫނު ހަމަލާއެއް އަމާޒުކޮށްލެވުނެވެ. އަނާލްއަށް ކޯތާފަތުގައި އަތް އަޅާލެވުނު އިރު ބާރަށް ރޮވިއްޖެއެވެ.

"އިޒިއަންއަކީ ކާކުކަން އެނގި ހުރެ އަނާލް. އަނާލްގެ ދިރިއުޅުން އެކީ ހަލާކުވެގެން ދިޔައީ އަޅެ އިޒިއަންގެ ސަބަބުންނެއްނޫންތަ؟ އެކަން އަނާލް ހާދަ އަވަހަކަށް ތި ހަނދާންނައްތާލީ... ނާލްއަށް އެންމެ އެހީތެރިކަން ބޭނުންވި ދުވަހު ނާލްއަށްޓަކާ ހުރިހާ ވަގުތެއް ގުރުބާން ކޮށްގެން ތިބީ މި މަންމަމެން. މަންމައަށް ނޭނގި މި ހުރިހާ ދުވަހު އަނާލް އިޒިއަންއާ ގުޅުން ބާއްވަމުން ދިޔައީ. ފަރުދާގެ ފުރަގަހުގައި. ދުވަހަކުވެސް މަންމައެއް ނާލްގެ ފަރާތުން އުންމީދެއް ނުކުރަން މިފަދަ ކަމަކަށް. ވަރިވާން ކިޔަ ކިޔާ އަނާލް އިޒިއަން ގާތުން ވަރިނުވެހުންނަނީ ވެސް އިޒިއަންދެކެ އަދިވެސް ލޯބި ވާތީތަ؟ އެންމެ ފަހުން އިޒިއަންގެ ދަރިއަކަށް ބަލިވެ ތިއިނީ. އަނާލް އޮޅުން ފިލުވައިދޭންޖެހޭ އިތުރު ކަމެއް އެބައޮތްތަ؟ ބުނެބަލަ ޖަވާބު ދީބަލަ" އަނާލްގެ އަތުގައި ހިފާ މަޒާޔާ ސުވާލުކޮށްލުމާއެކު އަނާލް އަށް މާފަށް އެދެވުނެވެ. އަނާލްގެ ދުލުން ދެންވެސް ބޭރުވީ ކުރިން ބޭރުވި ބަސްތައް ކަމަށް ވުމާއެކު ދެވަނަ ފަހަރަށް އަނާލްގެ ކޯތާފަތަށް އަމާޒުވެގެން ދިޔައީ އަނެއްކާވެސް އޭނާގެ އަތުގެ ހަމަލާއެކެވެ.

"މަޒާ" ފަހަތުން އައްމާރުގެ އަޑު އިވުމުން ދެމީހުންނަށްވެސް އެދިމާލަށް ބަލާލެވުނެވެ.

"ކިހިނެތް ތިހެދީ. އަނާލްގެ ގަޔަށް އަތް އިސްކުރަންޖެހޭ ވަރުކަމެއް ހިނގީތަ؟" މަޒާޔާގެ އަމަލާ މެދު ހިންހަމަނުޖެހި ހުރެ އައްމާރު ސުވާލުކޮށްލިއެވެ. އެއާއެކު އަނާލްއަނެއްކާވެސް އިސްޖަހާލިއެވެ. ބައްޕައާއި ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ އެވަނި މާބޮޑަށް ބަލިކަށިވެފައެވެ. މަޒާޔާ ގެ ލޮލަށްވެސް އޭރު ކަރުނަތައް ޖަމާވެފައި ވެއެވެ. އަނާލްއަށް މަޒާޔާ ބަލާލުމާއެކު އަނާލް ބިރުންހުރެ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ދުލުން ނުބުނި ކަމުގައިވިނަމަވެސް އައްމާރުއަށް އެކަން ސިއްރުކޮށްދޭތޯ މަޒާޔާގާތު އަނާލް އެދެމުން ދިޔައެވެ.

އަނާލް ގެ ރުއިން މެދު ކެނޑިފައިވިނަމަވެސް ދެލޮލަށް ޖަމާވެފައިވާ ކަރުނައަށް ބަދަލެއް ނާދެއެވެ. މާހައުލުގައި ވި ހަމަހިމޭންކަން ފޫދުއްވާލީ އައްމާރުގެ އަޑުންނެވެ.

"ކިހިނެތްހޭ ވެގެން މިއުޅެނީ" ދެމީހުން ކުރެ އެކަކުވެސް ޖަވާބެއް ނުދިނުމާއެކު އައްމާރުގެ ގާތަށް ރުޅިއަންނަގޮތްވިއެވެ. އޭނާ ބާރަށް ފަހަރަކު މީހަކަށް ގޮވާލިއެވެ. އެހެންނަމަވެސް މަޒާޔާ މިފަހަރުވެސް ހިޔާރުކުރީ ހިމޭންކަމެވެ. އަނާލްގެ މޫނުން ފެނުނު އަސަރުތަކުން އެ ވާހަކަ އައްމާރުގާތު ބުނަން އުޒުރުވެރިވެވުނެވެ.

"މަޒާޔާވެސްނުޖެހޭނެ ކިތަންމެ ރުޅިއަޔަސް އަނާލްގެ ގަޔަށް އަރާކަށް" އަނާލްއަށް ބަލާލަމުން އައްމާރު ވާހަކަދެއްކުމާއެކު އަނާލްއަށް އައްމާރުއަށް ބަލާލެވުނެވެ. އެއާއެކު އަނެއްކާވެސް ކަރުނަތައް ކޯތާފަތައް ފައިބަން ފެށިއެވެ.

"ވާހަކަ ދައްކައިގެން ހައްލުނުކުރެވޭ ވަރު ކަމެއް ދިމާވާނެހެނެއް ހިޔެއްނުވޭ. އެކަކުވެސް އަންނަ ރުޅީގައި އަތް އިސްކުރުމަކީ ހައްލެއްނޫން. މަޒާޔާ އަށް އެނގޭނެއެކަން. އަދި އަމްދުން އަނާލްގެ ގަޔަށް އަތް އިސް ކުރަން ޖެހޭ ވަރު ކަމެއް ނުފެންނާނެ ކަމުގެ ޔަގީން ކަން އަހަރެންނަށް އެބައޮތް. އަނާލް އަށް ފުރިހަމައަށް އިތުބާރުކުރަން" އައްމާރުގެ ވާހަކައަޑު އަހާފައި ލަދުވެތިކަމާއި ހިތާމަވެރިކަން އަނާލްއަށް އިހުސާސް ކުރެވުނެވެ. ބައްޕަގެ އެ އިތުބާރު އޭނާއަށް ގެއްލުވާލެވިއްޖެކަމުގައި ހީކުރެވުނެވެ.

"އަނާލް ގާތު އަހާބަލަ ކީއްކޮށްގެންހޭ ތިއުޅެނީ. ވެގެން އުޅޭ ގޮތެއް އަހަރެންނަށް ވުރެ ބޮޑަށް އަނާލްއަށް އެނގޭނީ ކިޔައިދޭން" މަޒާޔާވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

"މަޒާ ކިހިނެތް ވެގެންތަ ތިއުޅެނީ! ރުޅި މަޑުކޮށްފަ ވާހަކަ ދެއްކީމައެއްނު އެނގޭނީވެސް ވެގެން އުޅޭ ގޮތެއް." ވާނުވާ ނޭގި ހުރި އައްމާރު އަނާލް ދިފާއުކުރަމުން ދިޔއީތީ މަޒާޔާ ވެސް ދިޔައީ ރުޅިގަދަވަމުންނެވެ. އޭނާ އަނާލްއަށް ބަލާލާ އަނެއްކާވެސް އައްމާރުއަށް ބަލާލިއެވެ.

"އަދިވެސް އަހަރެންތަ ގޯސް ވަނީ.. އަހާބަލަ އިޒިއަން ގާތުން ވަރިނުވެވިގެން ތިއުޅެނީ ކީއްވެގެންހޭ؟. އަހާބަލަ އަހަރެމެންނަށް ނޭނގި ފަރުދާގެ ފުރަގަހުގައި އަނާލް ކުޅެނީ ކޮން ކުޅިވަރެއްހޭ؟.؟" މަޒާޔާގެ ވާހަކަ ދިޔަ މިސްރާބުން އައްމާރުއަށް ވެސް އަނަލްއަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. އަނާލް އިސްޖަހާލިތަން ފެނި އޭނާގެ ސިކުނޑި ތަފާތު ސުވާލުތަކުން ފުނިޖެހިގެން ދިޔައެވެ.

އަދިވެސް އަނާލްއަށް ރަނގަޅުވަނީ އޭނާގެ މުޅީ ދިރިއުޅުން އެފުށް މުފުށަށް ޖަހާލާ އޭނާ ނުކުޅެދޭ މީހަކަށް ހެދި އިޒިއަން. އަހަރެމެން އެއްވެސް ބަޔަކަށް ނުވި އަނާލްއަށް." މަޒާޔާގެ އަޑުގައި ނުރުހުން ވިނަމަވެސް އެ އަޑުގައި ހިތާމަވެރިކަންވެސް ވިއެވެ.

"މަޒާޔާ ކީކޭ ތިކިޔަނީ. އަނާލް ވަރަށް އަވަހަށް އިޒިއަން ގާތުން ވަރިވާނޭ. ކޮންމެވެސް ވަރަކަށް ވަގުތުކޮޅެއް ދިނުމަކި މައްސަލައެއްނޫނެއްނު..... " އައްމާރު އަނާލްއަށް ބަލާލާ އެހެން ބުނުމާއިއެކު އަނާލްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.

"ކޮބާތަ މައްސަލައަކަށް ނުވުމަކީ" އައްމާރުގެ ވާހަކަ ހުއްޓުވާ މަޒާޔާ ދެންވެސް ވާހަކަދެއްކިއެވެ.

"އަހަރެންނަކަށް ނޭނގުނު ހިގައިގެން މިއުޅެނީ ކޮންކަމެއްކަން. ތަންކޮޅެއް ސީދަލަށް އަހަރެންނަށް ހީވަނީ ބުނަންވެއްޖެހެން ވެގެން އުޅޭ ގޮތެއް" އައްމާރު ބުނެލިއެވެ. އަދިވެސް ސީދާވެގެން އުޅޭ ގޮތެއް އައްމާރަކަށް ނޭނގެއެވެ.

"އަނާލް ގާތު އަހާބަލަ އަނާލް އިޒިއަންގެ ދަރިއަކަށް ބަލިވެނޫންތޯއިނީ؟. ސުވާލުކޮށްބަލަ. އަހަރެމެންނަށް ސިއްރުން އަނާލް އިޒިއަން އާއި ގުޅުން ބާއްވާތީއެއް ނޫންތަ އެހެންވާނީ. ބުނެބަލަ. " އަނާޅް ދެލޮލުން އައްމާރުގާތު އެވާހަކަ ނުބުނަން އިޝާރާތް ކޮށްކޮށް ހުއްޓާ މަޒާޔާ ބުނެލިއެވެ. އެއާއެކު އައްމާރުއަށް ވެސް ބަލާލެވުނީ އަނާލްއަށެވެ. އަނާލް ގެ ޖަވާބަކަށް އިންތިޒާރު ކުރިއިރު އޭނާއަށް ހިތާ ހިތުން އެއީ މަޒާޔާއަށް އަރައިގެން އުޅޭ އޮޅުމަކަށް ވޭތޯ ދުޢާކުރެވުނެވެ. އެހެންނަމަވެސް އެ އުންމީދުވެސް ފުނޑު ފުނޑުވީ އަނާލް އިސްޖަހާލުމުންނެވެ. އެކަމުން މަޒާޔާގެ ވާހަކައިގެ ތެދުކަން އައްމާރުއަށް ދެނެގަނެވުނެވެ.

"ނާލް" އައްމާރުއަށް ގޮވާލެވުނެވެ. އޭނާއަޑަށް ހަރުކަށިކަން ގެންނަން މަސައްކަތް ކުރިނަމަވެސް އެވަގުތު އޭނާގެ އެތެރެހަށީގައި ހިނގައިގަތް އިޙްސާސްއެއްގެ ސަބަބުން އެކަންކުރުން ކުޅަދާނަކަމަކަށް ނުވިއެވެ. އަނާލްއާ ދިމާލަށް ބަލަން އިރުކޮޅަކު ހުރެފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތީ މަޑު ފިޔަވަޅުތަކެއްގައެވެ. އައްމާރު ދިޔަދިމާބަލަން ހުރި އަނާލް މަޒާޔާއަށް ގޮވާލާ މާފަށް އެދުނެވެ. އެ ހިތުގައިވެސް އޭރު ވޭން އަޅަމުން ދިޔައެވެ. ތުންފަތުގައި ދަތް އަޅާލެވުނީ އަނާލްއަށް ބަލާލާފައި އިތުރުއެއްޗެއް ނުބުނެ މަޒާޔާވެސް އައްމާރުގެ ފަހަތުން ހިނގައިގަތީތީއެވެ. އަނާލް އެކަނިވެފައި ހުރިއިރު އޭނާގެ ދެފައިން ވާގިދޫވުމާއެކު މޭޒުގެ އެހީ އޭނާހޯދިއެވެ. މަޑު މަޑުން ގޮނޑި ދަމާލުމަށްފަހު އަނާލް ގޮނޑީގައި އިށީނެވެ. އޭރު ހުއްޓުމެއްނެތި އޭނާގެ ބޮޑުދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. މަންމައާއި ބައްޕަވެސް އޭނާގެ މި ދަރިފުޅު ބަލައި ނުގަންނޭނެހެޔެވެ؟ އޭނާދެކެވެސް އެ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ހަދަންވީ ގޮތެއް ނޭނގި އަނާލްއަށް މޭޒުމަތީގައި ބޯ ޖަހާލެވުނެވެ. އެއާއެކު އޭނާގެ ދެތުންފަތް ފޫ އަޅުވާލާފައި ނިކުތް މަޑުމަޑު ގިސްލުމުގެ އަޑުން މުޅި ކާކޮޓަރި ފަޅުފިލުވައިލައިފިއެވެ. އެ ވޭނީ ގިސްލުމާއެކު އަނާލްގެ ދުނިޔެވެސް ފުނޑުފުޑިވިފަދަ އިޙްސާސްކުރުރެވުނެވެ. ވިސްނާނުލާ އޭނާގެ އެތެރެހަށީގައި އިޒިއަން އާމެދު އޮތް އިހްސާސްތައް ހޭލި ވަގުތެއްގައި ކުރެވުނީ ކުށެއްކަމަށް އަނާލް ހިތަށް ވިސްނައިދޭން ފެށިއެވެ. އިޒިއަންއަކީ އޭނާއާ އެކަށީގެންވާ މީހެއްނޫންކަމަށްބުނެ ކުރެވުނު ކަމެއްގެ ސަބަބުން އަމިއްލަ ނަފްސަށް އަޑުލާން ފެށުނެވެ. އަޖައިބަކެވެ. އޭނާގެ ހިތަކީ ވެސް ދެއަތަށް ކިރޭ އެއްޗެކެވެ. އެއްބައިފަހަރު އިޒިއަންއަށްޓަކައި އެހިތް ހުޅުވާލެވެއެވެ. އަނެއްބައިފަހަރު އޭނާގެ ހިތް އިޒިއަންއަށްޓަކައި ލައްޕާލެވެނީ ދެން ދުވަހަކުވެސް އިޒިއަން އަށް ފުރުސަތު ނުދޭން އުޅޭފަދަގޮތަކަށެވެ. އަނާލްގެ ނައުގެ ސަމުގާގެ މިސްރާބު ދާންވީ ދިމާ ހުދު އޭނާއަށްވެސް ނޭނގޭފަދައެވެ. މަންމައާއި ބައްޕަގެ ފަރާތުން ފެނުނު ނުތަނަވަސްކަމާއި ރުޅުވެރިކަމުގެ ސަބަބުން އަނެއްކާވެސް އަނާލްގެ ހިތުގައި އިޒިއަން އާމެދު ރުޅިވެރިކަން އުފެދުނީ އެ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ ފަރަތާކީ އިޒިއަންކަމަށް އޭނާއަށ ޤަބޫލުކުރެވުނީތީއެވެ. އަނާލްއަށް ނޭނގުނުކަމަކީ އިޒިއަންއެކޭ އެއްގޮތަށް އެކަމުގެ ޒިންމާ އޭނާ ވެސް އުފުލަން ޖެހޭނޭކަމެވެ. އަމިއްލަ އެދުން އިސްކުރެވި އަނެއްކާވެސް އިޒިއަންގެ ހިތަށް އިތުރު އަނިޔާ ދޭން ވިސްނަމުން ދިޔައިރު އޭނާދެން އިޒިއަން އާ ދުރަށް ގޮސްފިނަމަ އިޒިއަންގެ ހިތަށް ކުރާނެ އަސަރަކާ ދޭތެރޭ އަނާލް ވިސްނައެއްނުލިއެވެ. އިޒިއަން އޭނާދެކެ ވާ ލޯތްބާ މެދު ވިސްނައެއްނުލިއެވެ. އިޒިއަންގެ ކިބައިން ބަދަލު ހިފުމަށް ބަނޑުގައި އޮތް ދަރިފުޅު ބޭނުންކުރުމަކީ ހައްލެއް ނޫންކަން އަނާލްއަކަށް ނުވިސްނުނެވެ. އޭނާއެކޭ އެއްގޮތަކަށް އިޒިއަން އަށްވެސް އެދަރިފުޅު މުހިންމު ވާނޭކަމެއް ވިސްނައި ނުލެވުނެވެ. އިޒިއަންއާ އެ ދަރިފުޅު ވަކިކޮށްފިނަމަ އިޒިއަންގެ ހިތުގައި އިތުރު ޒަހަމްތަކެއް ލެވިގެންދާނެކަމާމެދު އަނާލް ވިސްނައިނުލިއެވެ. އަމިއްލަ އެދުމުގެ މައްޗަށް އޭނާގެ ހިތުގައި އިޒިއަންއަށްޓަކައި އޮތް ލޯއްބަށްވެސް މިފަހަރު ކާމިޔާބެއްނުލިބުނެވެ.

ކަރުނަތައް ފުހެލަމުން އަނާލް މޭޒުދޮށުނ ތެދުވިއެވެ. ތަޅުން މަތީގައި މަޒާޔާ ވީދާލި ރިޕޯޓް ގެ ގަނޑުކޮޅުތައްހުއްޓެވެ. އޭނާ އެ ގަނޑުކޮޅުތައް ނަގާ އަތަށް ލާ މުށްކަވާލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތް އިރު އެ މޫނުމަތިން މިހާރު ފެންނަމުން ދިޔައީ ހިތްދަތިކަމެއް ނޫނެވެ. ރުޅުވެރިކަމެއްވެސް ނޫނެވެ. އެކަމަކު އެއީ ގިނަ އިޙްސާސްތަކެއްގެ ރަމްޒެކެވެ. ބުނެދޭން ނޭނގޭފަދަ އަސަރެކެވެ.

އަނާލް އެތެރެއަށް ވަދެ ބާރަށް ދޮރުޖަހާލިއެވެ. އޭރު ދީމް ހުރީ ރީތިވާށެވެ. އޭނާ އައިސް އެނދުމަތީގައި އިށީނުމާއެކު ދީމް އައިސް އަނާލް ގާތު އިށީނދެފައި ވާހަކަދެއްކިއެވެ.

"ނާލް. ތިކަން ތީ ސިއްރު ކުރެވޭނޭ ކަމެއްނޫނޭ. އިޒިއަންއަކީ ނާލްގެ ފިރިމީހާ. އަދިވެސް އެ ހަޤީގަތް ބަދަލެއްނުވޭ. އެ ހައްގު އޭނާއަށް ވެސް އޮންނާނެ. ތިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި އިޒިއަންއެއްނޫން. އިޒިއަންއަށް ބްލޭމް ކުރުމަކީ ވެސް ހައްލެއް ނޫން. " ދީމްގެ ވާހަކަތައް އަޑު ނާހަންވެގެން ބަހަނާ ދައްކާފައި އަނާލް ވަނީ ފާހާނާއަށެވެ.

އެއާއެކު ދީމް ވެސް ތައްޔާރުވެގެން ދިޔައީ ރައްޓެއްސަކާ ބައްދަލުކުރާށެވެ. އެކުވެރިޔާގެ އެހީގައި ބަސީމް އުޅޭ ގެ ހޯދާ އޭނާ ނިންމީ ބަސީމްއާއި ބައްދަލުކުރަން ދާށެވެ. އެކަމަކު އޭގެ ކުރީގައި އޭނާ ކިނާންގެ ހިޔާލުހުރިގޮތެއްވެސް އެނގެން ބޭނުންވިއެވެ. ދީމް ގެ އެދުމަށް ކިނާން ކާރުގައި ދީމް ބަލާއައެވެ. ކިނާން އައުމާއެކު ދީމްވެސް ކާރަށް އަރާ ހަމަޖެހިލިއެވެ. ތަނަކަށް ދިޔުމުގެ ބަދަލުގައި ދެމީހުން ނިންމީ ހުޅުމާލެއަށް ދުއްވާލަން ދާށެވެ. ދީމް އޭނާ ބަސީމް އާއި ބައްދަލުކުރަން ދާން އުޅޭ ވާހަކަ ކިނާން އާއި ހިއްސާކުރިއެވެ.

"އަހަރެން އަޑު އެހިން ބަސީމް ވަރަށް ބަލިވި ވާހަކަ. މިދޭތެރެއަކުން އެޑްމިޓްކޮށްފަ ވެސް އޮތް. ރޭގައިވެސް ހޮސްޕިޓަލުގަ އޮތްކަމަށް ވަނީ. ފުއްޕާމޭ މައްސަލަޖެހިފައޭ ޑޮކްޓަރެއް ބުނި އަޑުއެހިން. އުންމީދެއްނެތޭ ވެސް ބުނި" ކިނާން ކާރު އެއްފަރަތުގައި ޕާރކުކޮށްލަމުން ދީމް ގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. އެ ވާހަކަތައް އަޑު އަހާފައި ދީމްއަށް ވާނެގޮތް އެނގެނީ ކީ ނޫނެވެ. ދީމްގެ ހިތުގައި ބަސީމް އާ މެދު ވަނީ ކީކޭކަން އޭނާއަކަށް ނޭނގެއެވެ.

"ޝަފޫން އާންޓީއަށް އެނގޭނެތަ ދީމް ބަސީމް އާ ބައްދަލުކުރަން ދާން އުޅޭކަން" ކިނާން އަހާލިއެވެ.

"ނޭނގޭނެ. ނާނު. އެނގޭތަ؟ ބަސީމް އާއި ބައްދަލު ކުރަން އަހަރެން ބޭނުންވަނީ ކީއްވެކަމެއް ހުދު އަމިއްލަނަފްސަކަށްވެސް ނޭނގޭ." ދީމް ބުނެލިއެވެ.

"އިޓްސް އޯކޭ! އައި ނޯ ހައު ޔޫ ފީލް... އެނގޭ ކިޔައިދޭން އުނދަގޫވާނެކަން. އެކަމަކު އަހަރެން އަބަދުވެސް ދީމްއާއެކު ވާނަން" ކިނާން ދީމްއަށް ޔަގީންކަން ދިނެވެ.

ދީމް، ޝަފޫން އޭނާއަށް ކިޔައިދިން ވާހަކަތައް ކިނާން އާއި ހިއްސާކުރިއެވެ. ކިނާން ދީމްގެ ކޯތާފަތުގައި އަތް ލިއެވެ. ދީމް ކިނާންއަށް ބަލާލަމުން ހިނިތުންވެލިއެވެ.

"ނާނު! އަހަރެން ބޭނުން ވާހަކައެއް ބުނަން. " ދީމް ކުއްލިއަކަށް ކިނާންގެ އަތް ދުރުކޮށްލިއެވެ. ކިނާން ދީމް އަށް ބަލާލިއެވެ.

"ޓެލްމީ" ކިނާން މަޑުމަޑުން އަހާލިއެވެ.

"ނާނު ނާލް ބަނޑުބޮޑު" ދީމްގެ ޖަވާބުން ސިހުނު ކިނާންއަށް ކިކޭ ހޭ އަހާލެވުނެވެ.

ދީމް އޭނާއަށް އެނގޭ ވަރަށް ހުރިހާ އެއްޗެއް ކިނާން އަށް ކިޔައިދިނެވެ. ކިނާން އޭނާގެ ބޮލުގައި އަތް އަޅާލިއެވެ.

*****

އިޝާނަމާދުން ފައިބައިގެން އައިސް ގެއަށް ވަތް އިޒިއަން ސޯފާގައި އިށީނދެ ފޯނު ނަގާ އަނާލްއަށް ގުޅާލިއެވެ. އަނާލްގެ ހަބަރެއްނުވެގެން އޭނާ ވަނީ ނުހަނު ކަންބޮޑުވެފައެވެ. އިޒިއަން ގުޅުމާއެކު އެކޮޅުން ފޯނު ބިޒީކޮށްލީއެވެ. އެހެންކަމުންއޭނާއަށް ހާސްކަން ވެރިވިއެވެ. އަމިއްލަ ހިތަށް ވިސްނައިދިނީ އަނާލް ގެ ހާލު ރަނގަޅުކަމުގައެވެ. ފުންނޭވާއެއް ލަމުން އޭނާ އަނެއްކާވެސް އަނާލްއަށް ގުޅާލިއެވެ. އަނާލް މާ ބިޒީއީހެއްޔެވެ؟ ނޫނީ އަނެއްކާ ބޮޑުކަމެއް ދިމާވީހެއްޔެވެ؟ އިޒިއަން ހީކުރީ އޭނާއާއި އަނާލް އާއި ދެމެދު ވީ ނުތަނަވަސްކަމުގެ ފާރު މަޑުމަޑޫން ފުނޑު ފުނޑި ވަމުން ދަނީކަމުގައެވެ. އިތުރަށް ދެން އެދެމެދަށް ނުތަނަވަސްކަމެއް ވެރިނުވާނެކަމަށެވެ. އެހިތުގައި އުންމީދުގެ ހުޅުކޮޅެއް އަނާލް އަނެއްކާވެސް ދިއްލައިދީފިކަމަށެވެ.

"ނާލް. މާ ބޮޑަށް ބިޒީތަ؟ ހާދަ ދުރުގައޭ ތިއުޅެނީ. އަހަރެންނަށް ގޯސްކަމެއް ކުރެވުނީތަ؟ އަހަރެން ބޭނުން ބައްދަލުކޮށްލަން. ތިހެން އިގްނޯރ ކުރާތީ ވަރަށް ދެރަވޭ. ޕްލީޒް. ނާލް. ފޯނު ނަގާބަލަ" އިޒިއަން އެންމެ ފަހުން މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ. އެތައް އިރަކު އޭނާ އެ މެސެޖަށް ބަލަހައްޓައިގެން އިނެވެ. އަނާލްގެ ޖަވާބަކަށް އިންތިޒާކުރިއެވެ. ކެތްތެރިކަން ކޮޅުންލައިގެން ދިޔަ އިޒިއަންގެ ނަފްސަށް ރުޅިވެރިކަން ސަވާރުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ދެފައިން ޖެހި ޖެހީނުން އޭނާ ސޯފާތައް ކައިރީގައި ހުރި ބިއްލޫރި މޭޒު ކޮށްޕާލިއެވެ. ދުރަށް ގޮސް ޖެހުނު މޭޒުގައި ރެނދުލައިގެން ދިޔއެވެ. ނުތެޅުނުކަމީ ނަސީބެކެވެ. އޭނާ ނިތުގައި އަތް ޖައްސާލިއެވެ. އިސްޖަހާލައިގެން އިންއިރު އެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަނާލްއަށް އަދިވެސް އޭނާ އިމްތިޙާން ކުރަންވާވަރަށް ނުކުރެވެނީހެއްޔެވެ؟ އަނާލް އަދިވެސް އޭނާގެ އިޙްސާސްތަކާ ކުޅެނީހެއްޔެވެ؟ އެހާ ގާތަށް އައިސްފައި އެހިތަށް އަނިޔާ ދީފައި އަނެއްކާ ދުރަށް ދާން ވިސްނަނީހެއްޔެވެ؟ އޭނަ މަރާލަންވީނޫންހެއްޔެވެ؟ އެ ލޯތްބަށް އެދި ސަލާންޖަހަމުންދިޔައިރު އަނާލްގެ ހިތަށް ހަމަ އެއްވެސް އަސަރެއްނުކުރަނީހެއްޔެވެ؟ އޭނާގެ ނަސީބުގައި ވަނީ ހުސްހިތާމަޔާއި ހިތްދަތިކަން ހެއްޔެވެ؟ އެތައް ދުވަހަކަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ ހާލަށް ޝަކުވާ ކުރެވެން ފެށުނެވެ.

"އެއްޗެއްސަށް ގެއްލުން ދިނުމަކީ ހައްލެއްނޫން" އިޒިއަންގެ ފަހަތުން ކިނާންގެ އަޑު އިވުމާއެކު އޭނާއަށް އިސްއުފުލާލާ ބަލާލެވުނެވެ. ނިކަންއަވަސް އަވަހަށް އަނެއްކާވެސް އިޒިއަން އިސްޖަހާލީ އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ނުދެއްކުމަށެވެ. އޭނާގެ ބަލިކަށިކަން އެއްވެސް މީހަކަށް ދައްކާކަށް އިޒިއަން ބޭނުމެއްނޫނެވެ.

ދޮރު ތަޅުވެސް ނުލާ ދޮންބެ ކިހިނެތްވެފަ ތި އިނީ" އިޒިއަން އާ ދިމާލަށް ހިނގައިގަންނަމުން ކިނާން ވާހަކަދެއްކިއެވެ.

"ތަޅު ނުލެވިތަ ހުރީ." އިޒިއަން މަޑުމަޑޫން އަހާލިއެވެ. އިޒިއަންގެ އަޑުގައިވ މާޔުސްކަމާހެދި އޭނާ ދައްކަން އައި ވާހަކަ ބުނަން އެންމެ އެކަށީގެންވާ ވަގުތުބާއޭ ހިތަށްއެރިއެވެ. މިރޭ ދީމް ބައްދަލުކޮށްފައި ބުނި ވާހަކައެއްގެ ސަބަބުން އޭނާގެ ސިކުނޑިވެސް ވަނީ ސުމަކަށް ދާ ވަރުވެފައެވެ. ދޮންމެ ގެ ގާތުން ކަންތައްތައް އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންނަމަވެސް އެ ސުވާލުކުރާނެ ހާ ހިތްވަރެއް ކިނާން އަކަށް ނުލިބުނެވެ. އޭނާ ވެއްޓިފައި އޮތް މޭޒު ނަގާ ބަހައްޓާލިއެވެ. އެއަށްފަހު ކުރިމަތީ ހުރި ސޯފާގައި އިށީނެވެ.

"ދޮންބެ އެއްޗެއް ކައިފިންތަ؟" ބުނާނެ އެއްޗެއް ނޭގުމުން ކިނާން ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ތަނުގައި ވި ހަމަހިމޭންކަން ނައްތާލުމަށެވެ.

"ދޮންބޭ" އިޒިއަން އެއްޗެއްނުބުނުމުން ކިނާން އަނެއްކާވެސް އިޒިއަން އަށް ގޮވާލީ ފުންނޭވައެއް ބޭރުކޮށްލަމުންނެވެ ހީވީ ބުނަން އުޅޭ ވާހަކައަކަށް އޭނާގެ ނަފްސު ތައްޔާރު ކޮށްލިހެންނެވެ. އިޒިއަންގެ ގާތުގައި އެވާހަކަ ބުނުމުން ދެންވާނެ ގޮތް ލަފާކޮށްލާލަށް އޭނައަކަށް ނޭނގުނެވެ.

"ދޮންބޭ. އެރޭގެ ފަހުން ވެސް އަނާލް މިގެއަށް އައިތަ؟ ވަރަށް ގިނައިން އަނާލް އާދޭތަ؟" ހިސާބެއްގެ ނުތަނަވަސްކަމަކާއެކު ކިނާން އިޒިއަންއާ ސުވާލުކޮށްލިއެވެ. އެ ސުވާލުހަމަ ކޮށްލުމާއެކު އިޒިއަންގެ މޫނުމަތިން ތަފާތު ކުލަވަރުތަލެއް އޭނާއަށް ފެނިލިއެވެ.

"ކިހިނެތްވީ؟" އިޒިއަންއަށްވެސް ކޮށްލެވުނީ ސުވާލެކެވެ. އޭނާގެ މޫނުމަތިން ފެނުނު އަސަރުތައް ކިނާންއަށް ދެނެ ނުގަނެވުނުއިރު އެފަދަ ސުވާލެއް އިޒިއަންއާ ކުރިމަތި ކުރުމުން އިޒިއަން އިސްޖަހާލުމާއެކު އޭނާއަށް އަނާލް އޭގެފަހުންވެސް އެގެއަށް އައިކަން ޔަގީންވިއެވެ.

"ދޮންބޭ. އަހަރެން ބުނަން މިއުޅޭ ވާހަކައަކުން ދޮންބެއަށް ވާނެގޮތެއް ނޭނގެ. އެކަމަކު އެއްވެސްކަމެއް އަވަސް އަރުވާލައިގެން ނުކުރައްޗޭ. އަހަރެންނަކަށް ނޭނގެ މިކުރެވެނީ ރަނގަޅުކަމެއްކަމެއް ނޫނީ ނޫންކަމެއްވެސް. އެކަމަކު މި ވާހަކަ ނުބުނެ ހުންނާކަށްވެސް ބޭނުމެއްނޫން. ދޮންބޭ ނާލް އިނީ ބަލިވެ" ކިނާން އިޒިއަންއަށް ފުން ނަޒަރަކުން ބަލާލާ ފަހު ޖުމްލަ ބުނެލީ ނުހަނު މަޑުންނެވެ.

(ނުނިމޭ...)

https://sun.mv/120435

comment ކޮމެންޓް