އީރާނުން އެމެރިކާގެ ޖާސޫސީ ވިއުގައެއް އަތުލައިގެންފި

ތެހެރާން (ޖޫން 19) : އީރާން ތެރޭގައި ޖާސޫސީ ހަރަކާތްތަކެއް ހިންގަމުން ގެންދިޔަ އެމެރިކާގެ ޖާސޫސީ ވިއުގައެއް އީރާނުން ހައްޔަރުކޮށްފި އެވެ.

އީރާނުގެ އެންޓި ސްޕައިވެއާ ޔުނިޓާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނީ އީރާން ތެރޭގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ޖާސޫސީ ވިއުގައެއް ރޫޅާލައި އޭގައި ހިމެނޭ އެމެރިކާގެ އެޖެންޓުންތަކެއް ހައްޔަރުކޮށްފި ކަމުގަ އެވެ. އެ އެޖެންޓުންތައް ހައްޔަރުކުރީ އެމީހުންގެ އުޅޭގޮތާއި ޖާސޫސުކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތްތައް އެތައް ދުވަހެއްވަންދެން ބަލައި އެމީހުންގެ މޮނިޓާކޮށް ފަސްފަހަތުން ހިނގުމަށް ފަހު ރެޑް ހޭންޑްކޮށް ކަމަށް ވެސް އީރާނުގެ އެންޓި ސްޕައިވެއާ ޔުނިޓުން ބުނެ އެވެ.

އީރާނުގައި ޝާއިއުކޮށްފައިވާ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އެގައުމުގައި ހަރަކާތްތެރިވި އެމެރިކާގެ ޖާސޫސީ އެޖެންޓުންގެ ތެރޭގައި ގިނައީ ފައިސާ ދީގެން ގަނެލާފައިތިބި އީރާނުގެ ޒުވާނުންނެވެ. އެމީހުން ޖާސޫސު ކުރުމަށް ޓަކައި ފާރަލަމުން ދިޔަ ތަންތަނުގެ ތެރޭގައި އީރާނުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އިދާރާތަކާއި ހަތިޔާރުގެ ސިނާއަތުގެ އިންޑަސްޓްރީ އާއި އިގްތިސާދީ އަދި ވިޔަފާރީގެ މުއައްސަސާތައް ހިމެނެ އެވެ.

އެމެރިކާގެ ޖާސޫސީ ވިއުގަ ހަލާކުކޮށްލައި އެވިއުގައިގެ އެޖެންޓުން ހައްޔަރު ކުރެވުމަކީ އީރާނުގައި އެމެރިކާ ހިންގާ ޖާސޫސީ ހަރަކާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހީނަރުކަމަކަށް ވެގެންދާނެކަމަށް އީރާނުގެ އެންޓި ސްޕައިވެއާ ޔުނިޓްގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. އީރާނުން އެމެރިކާގެ ޖާސޫސީ ވިއުގައެއް އަތުލައިގެންފައި މިވަނީ އެމެރިކާއިން ގަލްފަށް ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށް އީރާނަށް ބިރު ދައްކައި ހަރުކަށި އިންޒާރުތައް ދެމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

އީރާނުން ވަނީ އެމެރިކާގެ ގޯނާތަކާއި ދުއްތުރާތަކުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ހިމާޔަތްކުރުމުގައި ޔޫރަޕްގެ ބާރުތައް ނާކާމިޔާބުވެފައިވާތީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތްވެސް އަލުން ފަށާފަ އެވެ. އެމެރިކާއިން ސިފައިންނާއި ހަތިޔަރު ޖަމާކޮށް ގަލްފުގެ މަސްރަހު ހޫނުކޮށްފައި ވަނިކޮށް ގަލްފުގައި ދަތުރުކުރާ ތެޔޮޓޭންކަރުތަކަށް ވެސް ވަނީ ގޮތްނޭނގޭން ހަމަލާތަކެއް އަމާޒުވެފަ އެވެ.

މި ޙަމަލާތަކުގެ ފަހަތުގައިވަނީ ވެސް އީރާން ކަމަށް އެމެރިކާ ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ މި ތުހުމަތުތަކާއި އެމެރިކާގެ ބިރު ދެއްކުމުގެ އަމަލުތައް ބައިނަލްއަގްވާމީ މުޖްތަމައުން ބަލައިނުގަންނަ މަންޒަރު މިހާރު ފެންނަމުންދާކަން މުރާސިލުން ވަނީ ފާހަގަކޮށްފަ އެވެ. އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އިރާގަށް އަރައިގަތުމަށްޓަކައި އެމެރިކާ ހެދި ދޮގުތަކަށްފަހު އެމެރިކާގެ ދައްކާ ވާހަކަތަކާއި އެމެރިކާގެ ޖާސޫސީ މައުލޫމާތުތަކުގެ އިތުބާރު ބައިނަލްއަގްވާމީ ދުނިޔޭގައިވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު