ފުލުހުންގެ ހައްޔަރުގައި ތިބި މީހުންނަށް ވެސް "ދެވަނަ ފުރުސަތު"

އިންސާފުން އެއްކިބާވެގެންތިބެ، ޝަރުއީ ދާއިރާ މަސައްކަތް ކުރާ ކަމަށް ބުނެ، ވެރިކަން ކުރާ އެމްޑިޕީން މުޒާހަރާ ކުރަން ނުކުތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ މުޒާހަރާ ކުރި އެވެ؛ ދެން އެ މުޒާހަރާގެ ބަދަލުވީ ބޮޑު ތަޅާފޮޅުމަކަށެވެ. މ. އެންދެރިމާގޭ ކައިރީގަ އެވެ. އެތަނުގައި މީހަކު ވެސް ޒަހަމްވީ އެވެ. އެއާ ވިދިގެން ޣައްސާނު މައުމޫން ހައްޔަރު ކޮށް، އެ ހައްޔަރުން އޭނާ ވީއްލި އަދި އޭނާ އެއްމަސް ދުވަށް ގައުމުން ފުރައިންގެން ދިއުން މަނާވީ އެވެ. އެއްކަމަކުން އެތައް ކަމެއްގެ ކުރި ފަޅައި ދިޔައީ އެވެ. އަލަށް ފެޅި ކުރިޔަކީ ފުލުހުން ޣައްސާނު ހައްޔަރު ކުރިކުރުން ކްރިމިނަލް ކޯޓުގައި ނަފީވުމުން ފުލުހުންގެ ހައްޔަރުގައި ތިބި އެހެން ހުރިހާ އެންމެން ދޫކޮށްލުމުގެ ވިސްނުމެއް ފުލުހުން ގެންގުޅެން ފެށުމެވެ. މިއީ ހަމަ ކުޑަކުޑަ ކަމެކެވެ. އެއް ހައިސިއްޔަތެއް އޮތް ބަޔަކާ މެދު ކަން ހިނގާންވާނީ އެއް ގޮތަކަށެވެ. އެކަމަކު މިއީ ބޮޑުވެގެންވާ ސުވާލެކެވެ.

ޣައްސާނު ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ކަނޑައަޅައި މުގުރު ޖެއްސުވުމާއެކު ފުލުހުންގެ ހައްޔަރުގައި މި ވަގުތު ތިބި އެންމެން ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ކުރިން ވެސް އެކަން އަތުވެދާނެ ކަމުގެ ހިނދުކޮޅު ޣައްސާނުގެ ޝަރީއަތުގެ ތެރޭގައި އައެވެ. އެއީ ގިނަ މައްސަލަތަކުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އާ ހަވާލާދީ ކަމަށާއި ޣައްސާނު ދޫކޮށްލަން ނިންމައިފިނަމަ ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބި އެންމެން ހައްޔަރުން ދޫކޮށްލަން ޖެހޭނެ ކަމަށް ފުލުސް ސުޕްރިންޓެންޑެޓް މުހައްމަދު ޖިނާހު، އަދި ގާނޫނީ ވަކީލު ވިދާޅުވެފައިވާތީ އެވެ.

ޝަރީއަތަށް ފަހު ފުލުހުން ބުނެފައި ވަނީ ފުލުހުން ހައްޔަރުކޮށްފައިވާ ގިނަ މީހުންނަކީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ކަމަށާއި ޣައްސާނު ވެސް އެ މާއްދާއާ ހަވާލާދީ ހައްޔަރުކޮށްފައި ހުއްޓާ ދޫކޮށްލުމުން މިހާރު ހައްޔަރުކޮށްފައި ތިބި މީހުންނާ ދޫކޮށްލުމާ މެދު ވިސްނާ ކަމަށެވެ.

"އެގޮތަށް ވިސްނައި އެކަން ދިރާސާކުރަމުންދަނީ،" ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.
ސުވާލަކީ ފުލުހުންގެ ވިސްނުން ހުރި ގޮތަށް އެކަން ކުރެވިދާނެ ބާވައެވެ؟ ފުލުހުންގެ ވިސްނުމުގައި އޮތް ގޮތަށް ހައްޔަރުގައި ތިބި މީހުން ދޫކޮށްލައިފިނަމަ އެމްޑީޕީގެ ގައުމީ މަޖިލީހުނެ އޮކްޓޫބަރު 20، 2011 ގައި ނިންމި ނިމުގެ ތެރެއިން އަނެއްކާވެސް އާ ކަމެއް ފާޅުވެ ހިތަށް ވެސް ނުގަނެވޭވަރުގެ އެތައް ކަމެއް ހިނގައިގަންނާނެ ދޮރު ހޮޅުވިގެންދާނެ އެވެ. ސަބަބަކީ އެކި އެކި ތުހުމަތުގައި ހައްޔަރުގައި ތިބި މީހުންގެ ތެރޭގައި މީހުންގެ މަރާ ގުޅޭ މައްސަލަތަކާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މާރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ މީހުން ވީއްލި އެމީހުންނަށް "އަމާން" ލިބި އާންމުންނަށް "ނަމާން"ކަން ވެރިވާނެތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކޯޓް އަމުރަށް ޣައްސާނު ވީއްލުމާ ގުޅިގެން ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ހަވާލާދީ ހައްޔަރުކޮށްފައިވާ މީހުން ފުލުހުން ދޫކޮށްލައިފިނަމަ އެކަންވާނީ "ޒިންމާދާރުކަން ކުޑައަމަލަކަށް" ކަމަށެވެ.

"އެއީ ފުލުހުންގެ ހުވަޔާ އި ހިލާފުކަމެއް. އެކަން ވާނީ ސިޔާސީ ނިންމުމަކަށް. އެކަމުގެ ސަބަބުން ރާއްޖެ ޖަންގައްޔަކަށް ވެގެން ހިނގައިދާނެ،" ނިހާން ވިދާޅުވި އެވެ.

ޑީއާރްޕީގެ ނާއިބު ލީޑަރު އިބުރާހިމް ޝަރީފް ވިދާޅުވި ގޮތުގައި ޣައްސާންގެ މައްސަލައިގައި ނިމުން އައި ގޮތުގެ މައްޗަށް ބަލައިގެން ފުލުހުންގެ ބެލުމުގެދަށުގައި ތިބި އެއްވެސް ބަޔަކު ދޫކޮށެއްނުވެލެވޭނެ އެވެ.

"ފުލުހުންނަށް ދަންނަވަން އޮތީ ތިޔަބޭފުޅުން ތިޔަބޭފުޅުންގެ ގާނޫނީ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރައްވާށޭ. ތިޔަބޭފުޅުންނަށް އެއްވެސް ހާލެއްގައި ތަހުގީގަށް ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްލާނެކަމުގެ އިންޒާރެއް ނުދެވޭނޭ،" ޝަރީފު ވިދާޅުވި އެވެ.

ޣައްސާނު މިނިވަން ވުމާ ގުޅިގެން ފުލުހުން ގެންގުޅޭ ވިސްނުން އެއް ފަރާތުގައި އޮއްވައި އިއްޔެ ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމުމުން މިމައްސަލައިގެ ތެރެއިން އަނެއްކާ އާ ކަންތަކެއް އަތުވެދާނެ ކަމުގެ އިޝާރާތް ލިބެ އެވެ. އެ މަޖިލީހުން ނިންމާފައި ވަނީ ޖިނާއީ މައްސަލަތަކުގައި ދައުލަތުން ދައުވާ ކުރުމުގެ ސިޔާސަތު އަވަހަށް މުރާޖައާ ކޮށް އެ ސިޔާސަތުތައް ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒަށް އެންގުމަށެވެ. އެކަން އަވަހަށް ކޮށްދެެއްވުމަށް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އަރިހުގައި ސަރުކާރުން ވަނީ އެދިފައެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވަނީ މި މައްސަލައިގައި ސަރުކާރުގެ ވިސްނުން ހިމުން ފުރޭންޏަކުން ފުރާނައި ދެއްވައި ތަރުޖަމާއެއް ދެއްވާފަ އެވެ. ވިދާޅުވީ ޖިނާއީ ތުހުމަތުގައި މީހުން ހައްޔަރު ކުރަން ފުލުހުން އަމަލުކުރާ ގާނޫނީ އުސޫލަށް އަމަލު ކުރި މައްސަލައެއްގައި ތުހުމަތުވާ ފަރާތް ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާތީ ޝަރުއީ އިސްތިއުނާފު މަރުހަލާގައި އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ އިޖުރާއަތްތަކުގެ ދަށުން މީހުން ހައްޔަރު ނުކުރަން ފުލުހުންނަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. މީގެ މާނައަކީ މިހިނގައިދިޔަ ކަންކަމުގައި އެޕީލް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ކިތަންމެ ބޮޑު ތުހުމަތެއް ވިޔަސް ފުލުހުން ލޮލަށް އެމީހަކު ނުފެންނާނެ އޭ އެވެ.

"ފުލުހުން އެގޮތަށް ނިންމުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫން. އެކަމަކު އެގޮތަށް ނިންމިދާނެ. ސަބަބަކީ މީގެ ކުރިން އެފަދަ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ޣައްސާން މައްސަލައިގައި ނެރުނު އަމުރާއި ތަފާތުވީމަ،" ޖިނާއީ މައްސަލަތަކުގައި އެންމެ ނަން ހިނގާ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވި އެވެ.

އެހެން ގާނޫނީ ވަކީލަކު ވިދާޅިވީ ޣައްސާނުގެ ކަންތައް ހިނގައި ދިޔަ ގޮތަށް ރިޔާއަތްކޮށް ފުލުހުންގެ ތުހުމަތުގެ ހައްޔަރުގައި ތިބި މީހުން ދޫކޮށް ނުލެވޭނެ ކަމަށެވެ.
"އެގޮތަކަށް ނުނިންމޭނެ. ސަބަބަކީ ކްރިމިންލް ކޯޓުން އެ އަމުރު ނެރުނީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކާއި އެއްގޮތަށް. އެގޮތަށް އެކަން ކޮށްފިނަމަ ގާނޫނީ ބާރު ކެނޑިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ވެގެން އުޅޭ ގޮތަށް ހިތަށް ގެންނަން އާންމުންނަށް ވަރަށް އުނދަގޫވާނެ އެވެ. ތުހުމަތު ކުރެވޭ އެތައް ބަޔަކު ދޫވެ ކުށުގެ ހާއްޔަކަށް ވެށި ބަދަލުވެދާނެ ކަމަށް ބިރުހީވެފައިވާ އާންމުން މި މައްސަލައިގެ އަސްލަށް ވާސިލުވުމަށް ސުޕްރީމް ކޯޓުގެ 20 ނަމްނަރު ގަޒިއްޔާއާ މެދު ވިސްނައިލުން ރަނގަޅެވެ. އެގަޒިއްޔާއަކީ ޔާމީން ހައްޔަރު ކުރި މައްސަލަ އެވެ.

އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެކުލަވައިލި ރިޕޯޓުގައި ބުނަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަދާފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވައި އެއްވެސް މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގާއި މިނިވަން ކަމުގެ ހައްގާއި ނަފުސް ރައްކާތެރި ކުރުމުގެ ހައްގު ނިގުޅައިގަނެވިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން އެނގޭ ކަމަށެވެ. މުޅި ގަޒިއްޔާގެ ޖުމްލަ ތަރުޖަމާ އާއި ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ފުލުހުން މީހުން ހައްޔަރު ކުރުމުގައި އަމަލު ކުރާ އިޖުރާއަތު ތަކާ ވަރުން އަޅުންއަޅުވާާލައި އެ ހިސާބުން ދެން ނުކުތާނެ ނަތީޖާއާމެދު ވިސްނައިލެވޭނެ އެވެ. އަސްލު ހަގީގީ މައްސަލަ ސާފުވުމަށް މަގު ކޮށޭނެ އެވެ. ހަމަ އެއާއެކު އެންދެރިމާގޭ ކައިރީގެ ހަމަނުޖެހުޖުގައި ޣައްސާނާއެކު ހައްޔަރު ކުރި އެހެން މީހަކާއި ޣައްސާނާ މެދު ކަންކަން ހިނގައި ދިޔަ ދެ ވައްތަރުގެ ގޮތުގެ "ވިއު ޕްރޮސެސް"އާ މެދު ވެސް ވިސްނައިލުމުން ނުކުންނަ ނަތީޖާ ވެސް ސާފުކޮށް އެނގޭނެ އެވެ.

ދެން އޮތީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އެވެ. އެ މާއްދާއަށް ބަލާއިރު ހައްޔަރުކުރުމުގެ ބާރު ހައްޔަރުކުރާ ފަރާތަށް ލިބިގެންވަނީ ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ ކުށެއްކޮށްފި ކަމުގެ ތުހުމަތުގައި ނުވަތަ އެ އުޅެނީ ކުށެއްކުރާން ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނުވަތަ ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެ ހާލަތަކީ ކުށުގެ އަމަލު ހިނގަހިނގާ ހުންނަ ނުވަތަ ހިނގުމަށް ފަހު ހެކިތައް ފާޅުކޮށް ފެންނަން ހުންނަ ނުވަތަ ކުށް ކޮށްފައިވާކަން ޝައްކެއް ނެތުމެވެ.

އަސްލު ހަގީގަތުގައި މުޅި މައްސަލައިގައި ހިނގައިދިޔަ ކަންކަމާއި ދެކެވުނު ވާހަކަތަކާއި ސިޔާސީ ގޮތުން މީހުން އުފެއްދި ސުވާލުތަކާއި އެ ހުރިހާ ކަމަކަށް ބަލާއިރު މިއީ ދެކޮޅަށް ދެމޭ މައްސަލައެކެވެ. އެކަމަކު ނުރައްކަލަކީ ނުކުންނަ ނަތީޖާ އެވެ. އެކަން ވިސްނައިލަން އެންމެ ފަސޭހަ ވާނީ ކުރިން ބުނި 20 ނަމްނަރު ގަޒިއްޔާ ރަނގަޅަށް ދިރާސާ ކުރުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް