މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑް ކަޕުގައި ރޭ އިޓަލީ ބަލިކޮށް ބްރެޒިލްއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރި އިރު، އެ ޓީމުގެ ކެޕްޓަން މާތާ ވަނީ އެ މެޗުގައި ޖެހި ގޯލާ އެކު ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަަށް ވެފަ އެވެ.
ރޭގެ އެ މެޗު 0-1ގެ ނަތީޖާއަކުން ބްރެޒިލް ކާމިޔާބު ކުރި އިރު އެ ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބެނީ އެންމެ ރަނގަޅު ތިން ވަނަ ޓީމެއްގެ ގޮތުގަ އެވެ. ރޭގެ މެޗުން ބަލިވި އިޓަލީ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވި އިރު އެ ގުރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ކޮލިފައިވީ އޮސްޓްރޭލިއާ އެވެ.
ބްރެޒިލްއިން އެ މެޗުގައި ޖެހި ހަމައެކަނީ ގޯލު އެ ޓީމުގެ ކެޕްޓަން މާތާ ޖެހި އިރު އެއީ އޭނާ ވޯލްޑް ކަޕުގެ މެޗުތަކުގައި ހަމަ ކުރި 17 ވަނަ ގޯލެވެ. އޭނާ ވަނީ އެ ގޯލާ އެކު ޖަރުމަނުގެ ފުޓުބޯޅަ ރަމްޒުދާރެއް (ލެޖެންޑް) ކަމަށްވާ މިރޮސްލަވް ކުލޯސްގެ 16 ގޯލުގެ ރެކޯޑް މުގުރާލައިފަ އެވެ.
އުމުރުން 33 އަހަރުގެ މާތާ ރޭ ޖެހި ގޯލަކީ ބްރެޒިލްއިން މި މުބާރާތުގައި ވެސް ޖެހި އެންމެ މުހިއްމު ގޯލެވެ. އެ މެޗުން ބްރެޒިލްއިން ކޮންމެހެން ވެސް މޮޅުވާން ޖެހުނު އިރު މާތާ ޖެހި ގޯލު އޭނާ ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
މާތާ ވަނީ އެންމެ ފަހުން އޮސްޓްރޭލިއާއާއި ބްރެޒިލް ވާދަ ކުރި މެޗުގައި ވެސް ޕެނަލްޓީއެއް ޖަހައިފަ އެވެ.