ރާއްޖެއިން ވަކާލާތުކުރާނީ ގާނޫނުގެ ބާރު ނަގަހައްޓަން: ރައީސް

ރައީސް ސޯލިހް: ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓަން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތު ކުރާނީ، ގާނޫނީ ބާރު ނަގަހައްޓައި ހަމައާއި އިންސާފު ދަމަހައްޓަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް، ގޮންޖެހުންތަކާ ކުރިމަތިލާ، އަޒުމު ވަރުގަދަ ގައުމެއް ކަމަށެވެ. ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ރާއްޖެއިން ހިފަހައްޓަމުން އަންނަނީ އަސާސަކީ ގާނޫނީ ބާރު ނަގަހައްޓާ ހަމައާ އިންސާފު ނެގެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހި ގައުމުގެ ހައިބަތު އުފުލައިދެނީ، މި ދެންނެވި ހަރުދަނާ ޑިޕްލޮމަސީ. މި ގައުމުގެ ދިފާއަކީ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސަފީރުންގެ އަރިހުން އެދިވަޑައިގަތީ، އެހެން ގައުމުތަކާއި ރާއްޖެއާއި އިތުރަށް ގުޅުން ހަރަދަނާކޮށް ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހި ކުރުމަށެވެ.

ސަފީރުންގެ ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން އެހެން ގައުމުތަކާއި ގުޅުން ބަދަހި ކުރަނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް އުނިކަން ނާންނާނެ ގޮތުގެ މަތިން ކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކޮށް، ގައުމުގެ ސަލާތަމާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިންގެ އިންސާނީ ހައްގުތަށް ހިމާޔަތްކުރުމާއެކު، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އަދިވެސް ގައުމުގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށްޓަކައި ސަފީރުންގެ ރޯލު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ސަފީރުންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޚާރިޖިއްޔާގެ އިސްވެރިންނާއެކު، ބޭރު ގައުމުތަކާއި މިޝަންތަކުގައި ރާއްޖެ ތަމްސީލުކުރާ ސަފީރުން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ދިވެހި ޚާރިޖިއްޔާގެ މަސައްކަތަކީވެސް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަކުރާނެ ގޮތްތަކެއް ހޯދުން. އަދި، ތަރައްގީގެ މަޝްރޫއުތަކުގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުގެ ގައުމުތަކާއެކު މުއާމަލާތުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވެ، އެހީވެދޭނެ ފަރާތްތަކެއް ހޯދުން،" ރައީސް ވިދާޅުވިއެވެ.

އިންވެސްޓަރުންނާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް