ޓްރަމްޕް 2020ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން ފައްޓަވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރިޔާސީ ކެމްޕެއިން ފައްޓަވާފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖޫން 19): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2020ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން ރަސްމީ ގޮތެއްގައި އިއްޔެ ފައްޓަވައިފި އެވެ.

ޓްރަމްޕްގެ ކެމްޕެއިން ފެއްޓެވީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވި ފްލޮރިޑާއިންނެވެ.

"އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މިރޭ އަޅުގަނޑު ކެމްޕެއިން ފަށަން. އަޅުގަނޑުމެން އަނެއްކާ ވެސް އެމެރިކާ ވަރުގަދަ ކުރާނަން އަދި އެގޮތުގައި ގައުމުގެ ހާލަތު ދަމަހައްޓާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އިއްޔެ ދެއްވި ތަގުރީރުގައި ވަނީ 2016 ވަނަ އަހަރުގެ އިންތިހާބުގައި ވެސްވެ ވަޑައިގެންނެވި ވައުދުތައް ތަކުރާރު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އެމެރިކާއަށް މީހުން އެތެރެވުން ހުއްޓުވައި، އެގޮތަށް އެތެރެވެފައިވާ މީހުން އަނބުރާ ފޮނުވާލުން ހިމެނެ އެވެ.

އަދި ޓްރަމްޕްގެ ކުރީގެ ކެމްޕެއިނުގައި ރަޝިއާއާ އެއްކޮށް މަސައްކަތްކޮށްފައިވޭތޯ ބެލުމަށް ކުރި ތަހުގީގަށާއި އެމެރިކާގެ މީޑިއާތަކުން އެތަހުގީގު ކަވަރު ކުރި ގޮތަށް ފާޑު ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕްގެ ވެރިކަމުގައި ގައުމުގެ އިގުތިސާދު ކުރިއަރާފައިވާ ކަމާއި ސަރުކާރުން ނަގާ ޓެކްސް ކުޑަކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރަކީ އެމެރިކާގެ އިގުތިސާދު 2015 ވަނަ އަހަރުގެ ފަހުން އެންމެ ބޮޑަށް ކުރިއެރި ފުރަތަމަ ކުއާޓަރެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވާދަ ނުކުރައްވާ ނަމަވެސް، އިއްޔެގެ ކެމްޕެއިން ރެލީގައި ޓްރަމްޕް ވަނީ އެކަމަނާއަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އަދި ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ކްލިންޓަން ހައްޔަރު ކުރުމަށް ގޮވާލާފަ އެވެ.

ޓްރަމްޕް ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީން ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަން ދެން އިއުލާންކޮށްފައި ވަނީ ހަމައެކަނި މެސެޗޫސެޓްސްގެ ކުރީގެ ގަވަރުނަރު ބިލް ވެލްޑް އެވެ.

އަދި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން، ސެނެޓަރު ބާނީ ސޭންޑާސް އަދި ސެނެޓަރު އެލިޒަބެތު ވޮރެން ހިމެނެ އެވެ.

އަންނަ އަހަރު އެމެރިކާގެ 46 ވަނަ ރައީސް އިންތިހާބު ކުރުމަށް ވޯޓުލާން ހަމަޖެހިފައި ވަނީ ނޮވެމްބަރު ތިނެއްގަ އެވެ.

comment ކޮމެންޓް