މިހާރު ބްރެޒިލްގައި ކުރިއަށްދާ ކޮޕާ އެމެރިކާގެ ދެވަނަ މެޗުތައް ރޭ ފަށާފައިވާ އިރު ވެނެޒުއެލާއިން ވަރުގަދަ ބްރެޒިލްއަށް ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓައިފި އެވެ.
ރޭ ބްރެޒިލްގެ އެރީނާ ފޮންޓޭ ނޯވާގައި ކުޅުނު އެ މެޗު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިމުން ނަމަވެސް ބްރެޒިލްގެ ސަޕޯޓަރުން ވަނީ މެޗުގައި ހިނގައި ދިޔަ ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ. ކުޅުމުގެ ތެރެއިން ބްރެޒިލް ޖެހި ދެ ގޯލު ވެސް ރަނގަޅު ނޫން ކަމަށް ރެފްރީ ނިންމުމާ އެކު މެޗު ވަނީ ވަރަށް ބޮޑަށް ހޫނު ވެފަ އެވެ.
ފުރަތަމަ މެޗުން ފަސޭހަކަމާ އެކު ބޮލިވިއާ ބަލިކޮށް ބްރެޒިލްއިން ރަނގަޅު ފޯމަކާ އެކު މުބާރާތް ފެށި އިރު ވެނެޒުއެލާ ކުޅުނު ފުރަތަމަ މެޗު ވެސް ވަނީ އެއްވަރު ވެފަ އެވެ.
ރޭގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެމުން ދިޔައީ ބްރެޒިލްއިންނެވެ. އެ ޓީމުން ވަނީ ވެނެޒުއެލާގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ވެނެޒުއެލާގެ ކީޕަރާއި ޑިފެންޑަރުންގެ ހުށިޔާރު ކަމާ އެކު ބްރެޒިލްގެ ހަމަލާތައް ވަނީ ދިފާއު ކޮށްފަ އެވެ.
މި ގުރޫޕުގައި ބާކީ އޮތް ދެ ޓީމު ކަމަށްވާ ޕެރޫއާއި ބޮލީވިއާގެ ދެވަނަ މެޗު ވެސް ރޭ ވަނީ ކުޅެފަ އެވެ. އެ މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޕެރޫ އެވެ.
އެ މެޗުގެ ނަތީޖާއާ އެކު މި ދެ ޓީމު ނިސްބަތްވާ ގުރޫޕު އޭ ގެ ފޯރި ވަނީ އިތުރަށް ބޮޑުވެފަ އެވެ. ބްރެޒިލް އަދި ޕެރޫއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު ވެނެޒުއެލާއަށް ލިބެނީ ދެ ޕޮއިންޓެވެ.
ނަމަވެސް ކުރިއަށް އޮތް މެޗުތަކުން ނަތީޖާ މުޅިން ބަދަލު ވެދާނެ އެވެ. ވެނެޒުއެލާއާއި ބޮލީވިއާ ބައްދަލު ކުރާ މެޗުން ވެނެޒުއެލާ މޮޅު ވެއްޖެ ނަމަ އެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވާ އިރު ބްރެޒިލް އަދި ޕެރޫ ބައްދަލު ކުރާ މެޗުން ބަލިވާ ޓީމެއް ކަޓާނެ އެވެ.