މުރުސީއަކީ ޖަލަށް ލެވިގެންވާނެ ބޭފުޅެއް ނޫން: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު: މުރުސީއަކީ ޖަލަށް ލެވިގެންވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީ އަކީ ޖަލަށް ލެވިގެންވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިސްރުގައި ބޭއްވުނު އެންމެ ފުރަތަމަ ޑިމޮޮކްރަޓިކް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުރުސީ ވަނީ، އިއްޔެ ކޯޓުގެ ޝަރީއަތުގައި ހުއްޓާ އަވާހާރަ ވެފައެވެ.

އެކަމާ ގުޅިގެން ތައުޒިއާ ދަންނަވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، މުރުސީ އެގޮތަށް މަރުވެގެން ދިޔުމަކީ ދުނިޔެއަށް ލަދެއް ކަމަށް ސިފަ ކުރައްވާފައެވެ.

"މުހައްމަދު މުރުސީ އެއްވެސް ގޮތަކަށް ޖަލަށްލައި، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލައިގެން ނުވާނެ. ބަޣާވާތަކުން އައި ސަރުކާރު ބައިނަލްއަގުވާމީ މުޖުތަމައު އިން ބަލައިގަނެގެން ވެސް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

މުރުސީގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވައި، އެމަނިކުފާނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެވުން އެދި ނަޝީދު ވަނީ ދުއާ ކުރައްވާފައެވެ.

މުރުސީ އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސުންގެ ތެރެއިން މުރުސީއަށް ތައުޒިއާ ދެންނެވީ ހަމައެކަނި ރައިސް ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އެމަނިކުފާނުގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިހާތަނަށް މުރުސީއަށް ތައުޒިއާ ދަންނަވާފައެއް ނުވެއެވެ.

މުރުސީގެ ރިޔާސީ ދައުރުގެ ތެރެއިން އެމަނިކުފާނަށް ވެރިކަން ކުރަން ލިބިވަޑައިގަތީ، އެންމެ އަހަރެކެވެ. މުރުސީގެ ސަރުކާރު ވައްޓާލީ 2013 ވަނަ ޖުލައި މަހު މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އިސްވެ ހުންނަވައި ސިފައިން ގެނައި ބަޣާވާތަކުންނެވެ. މުރުސީ ކޯޓުގައި ހުންނަވަނިކޮށް އަވަހާރަވުމުން، އެކަން ތަހުގީގު ކުރަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ގޮވާލާފައެވެ.

https://sun.mv/120540

comment ކޮމެންޓް