ދެ ބާރުގެ ކޯޅުމާއި އޮޅުންބޮޅުން!

އޭޕްރީލް 30، 2018: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ހަތަރު ބޭފުޅުން މަގާމުގެ ހުވާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ބަލަމުން އަންނަ ޖިނާއީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑު ކުރުމާ އެކު ބޮޑު ކޯޅުމެއް ފެށިއްޖެ އެވެ. މި ކޯޅުމެއްގެ ސިލްސިލާގެ ތެރެއަށް ކޮންމެ ދުވަހަކުންހެންމެ ނިއުޅެމުން އަންނަ ކޯޓު އަމުރުތަކާއި، ރައްޔިތުން މަޖިލީހުން ފުލުފުލުގައި ނިންމަމުން އަންނަ ކަންތައްތަކުން މުޅި ގައުމު ކޮށިއަރުވާލައިފި އެވެ. ރާއްޖެ މިހާރު މި އޮތީ، ގާނޫނީ ބޮޑު ކޯޅުމެއްގެ ތެރެއަށް ސޮއްސާލައި ވާނުވާއެއް ނޭނގޭ ކަންތައްގަނޑެއްގެ ތެރޭގަ އެވެ.

މައްސަލަ އުފަންވީ ގޯހަކުން

މި މަހުގެ 12 ވަނަ ދުވަހު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީއިން ނިންމި އިރު، ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ރ)ގައި ބުނާ ގޮތަށް އޭނާއާ ދެކޮޅަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ސުވާލުކޮށް ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމުން އެ ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން އޭރު ނިންމީ ވެސް އޭނާއާ ސުވާލު ނުކޮށެވެ. އެ ނިންމުމަށް އޭރު ފާޑުވިދާޅުވެ، ތުޅާދޫ ދާއިރާގެ މިހާރުގެ މެމްބަރު އަދި މަޖިލިސް މެންބަރުން ޖޭއެސްސީގައި ތަމްސީލް ކުރައްވާ، ހިސާން ހުސެއިން އޭރު ވިދާޅުވެފައި ވަނީ ފަނޑިޔާރަކާ މެދު މައްސަލައެއްގެ ތުހުމަތު ކުރެވޭ ނަމަ އެ ފަނޑިޔާރަކާ ސުވާލުކޮށް އޭނާގެ ބަހެއް ހޯދުމަށް ފަހު ފިޔަވަޅު އެޅުމަކީ އެންމެ އަސާސީ އެއް ކަންތައް ކަމަށެވެ. ނަމަވެސް، ގާނޫނީ ދާއިރާއިން ހޭލުންތެރި އެތައް މެމްބަރަކު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ތިއްބެވި އިރު އެކަމާ މިއަދު ކަންބޮޑުވެ ވަޑައިނުގަންނަވަ އެވެ.

ފަނޑިޔާރު ދީދީ މިރޭ ޖޭއެސްސީއަށް ހާޒިރު ކުރުން: ޖޭއެސްސީން ވަނީ ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ދެންނެވުމަށް ނިންމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަންކަން ކުރުމަކީ މިހާރު ވެރިކަމުގައި ތިބި އެމްޑީޕީއިން ވޭތުވެ ދިޔަ ފަސް އަހަރު އެންމެ އަޑަށް ބާރުލާފައި ވަކާލާތު ކުރި އެއް ކަންތަކެވެ. ނަމަވެސް، އެ ކަންކަން ހަނދާން ނެތުމުގެ ނަތީޖާއަކަށް މި ވަނީ ފަނޑިޔާރު ދީދީ ސަސްޕެންޝަނާ މެދު ގާނޫނީ ސުވާލުތައް އުފެދި، ކޯޅުންތަކެއްގެ ހުޅުގަނޑު ފަޅައިގެން އައުމެވެ.

ފަނޑިޔާރު ހޯއްދެވި ގާނޫނީ ހައްލު

އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމުން، އެކަމާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު އޭނާ އެތަނެއްގައި މަސައްކަތް ކުރައްވާ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ އެވެ. ސަސްޕެންޝަންގެ ބާރު ކަނޑުވާލީ އެ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން އެވެ.

ދީދީ ވަކާލާތު ކުރައްވާ ގޮތުން އޭނާ މައްސަލަ ހުށަހެޅުއްވީ ގާނޫނު އަސާސީއިން އޭނާއަށް ލިބިގެންވާ ހައްގުގެ ތެރެއިންނެވެ. ފަނޑިޔާރެއް ކަމަކު އާންމު އުސޫލުން އޭނާގެ ހައްގެއް ގެއްލުނު ކަމަށް ގަބޫލު ކުރެވޭ ނަމަ، ޝަރީއަތަށް މައްސަލައެއް ހުށަހެޅުމުގެ ހައްގު އޭނާއަށްވެސް ލިބެން ޖެހޭނެ އެވެ.

އެކަން ދިފާއު ކުރައްވަމުން ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން، (ޑީޖޭއޭ)އިން އިއްޔެ ބޭއްވި ޕްރެސްގައި ޖުޑިޝަލް އެކެޑެމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވަނީ، ފަނޑިޔާރު ދީދީ މައްސަލަ ހުށަހެޅުއްވީ އޭނާއަށް ލިބިފައިވާ ގާނޫނީ ހައްގުގެ ތެރެއިން ކަމަށެވެ.

އޮކްޓޯބަރ 31، 2018: ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޓުން ޖޭއެސްސީގެ އިހުތިސޯސްގެ ތެރެއަށް؟

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޖޭއެސްސީގެ ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވުމަކީ ޖޭއެސްސީގެ އިހުތިސޯސުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެގަތުމެވެ. ފަނޑިޔާރުން ޒިންމާދާރު ކުރުވަން އޮތް ކޮމިޝަނަށް އެ ކޮމިޝަނުގެ ނިންމުންތައް ރައްދުވާ ފަރާތުން ބާރު ފޯރުވުމަކީ އެއްވެސް ހާލެއްގައި ވެގެންވާނެ ކަމެއް ކަމުގައި މަޖިލީހުގެ ތަޅުުމުގައި ބަހުސް ކުރަމުން މެމްބަރު ވިދާޅުވެ އެވެ. އެއީ، ނެޗުރަލް ޖަސްޓިސްގެ އުސޫލުތައް މުޅިން ފުޑާލުން ކަމަށް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ. ސަބަބަކަށް ވަނީ، ހުދު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މައްސަލަ ވެސް ބެލުމުގެ ބާރު އޮންނަ ފަރާތަށް ސުޕްރީމް ކޯޓުން ބާރު ހިންގުމަކީ ދެކޮޅު ޖެހޭ އުސޫލެއް ނޫނެވެ.

އެކަމަކު ޖުޑިޝަލް އެކެޑެމީގެ ޗާންސެލަރު މާޖިދު ވިދާޅުވީ، ސުޕްރީމް ކޯޓުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ހުރަސް އަޅާފައި ނުވާ ކަމަށެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިހްތިސާސް ގާނޫނުއަސާސީން ލިބިފައި އޮތީ ޖޭއެސްސީ އަށް ކަން ފާހަގަކޮށް، އެކަން ކުރަން އެ ކޮމިޝަނަށް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރަކީ ފަނޑިޔާރު ދީދީ ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއް ބަލައި ނިމެންދެން ނެރުނު އަމުރެއް ކަމަށާއި އޭގައި މައްސަލައެއް ނުބެލޭނެ ކަމަށް ބުނެފައި ނެތް ކަމަށް މާޖިދު ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވަނީ ކޯޓުން ޖޭއެސްސީގެ އިހުތިސޯސްގެ ތެރެއަށް ވަދެފައި ނުވާ ކަމަށެވެ.

ޖޭއެސްސީ ސުޕްރީމް ކޯޓަށް ގޮންޖެހުން

ތޭރަ ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ފަނޑިޔާރު ދީދީގެ ސަސްޕެންޝަން މަޑުޖައްސާލުމުން، އެ ރެއިން އެ ރެޔަށް ޖޭއެސްސީގެ ކުއްލި ބައްދަލުވުމެެއް ބާއްވައި ފާސްކުރީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އެބަ އޮތް ކަމަށެވެ. ޖޭއެސްސީގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނަށާއި ސަރުކާރަށް ލިބިފައި އޮތް އިރު، ފަހު ބަސް ބުނާ ބާރަށް ގޮން ޖަހައި އެ ކޯޓްގެ އަމުރު ނަފީކުރީ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ އަމުރަކަށް ދައުލަތުގެ އެހެން ބާރަކަށް ގޮންނުޖެހޭނެ ކަމަށް ބުނާ ގާނޫނީ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ނުކުރުމުން މިއަދުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުވެސް މީގެ ކުރިން އެހެން ވިދާޅުވި އެވެ. ނަަމަވެސް، ޖޭއެސްސީއިން މިއަދު ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބާ ނުވާން ފާސް ކުރީ، އޭނާ ވެސް ވޯޓް ދެއްވައިގެން އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓަށް ގޮންޖެހުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސިފަކުރައްވާ ގޮތުގައި އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ގާނޫނީ ހުކޫމަތު ނަގާލުމެވެ. ޖޭއެސްސީއިން ވެސް ގާނޫނު ކުރަހައިދޭ ޗާޓުން ބޭރުވެ މަސައްކަތް ފެށީ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

ކޯޅުމުގެ ތެރެއަށް މަޖިލިސް

ސުޕްރީމް ކޯޓާއި ޖޭއެސްސީގެ ކޯޅުމުގެ ތެރެއަށް ދައުލަތުގެ ގާނޫނު ހެދުމުގެ ބާރުން މި ވަނީ ރަނގަޅަށް ވެސް ވަދެފަ އެވެ. އެ މަޖިލީހުގައި ޝަރުއީ ދާއިރާގެ ކަންކަމަށް ފާރަވެރިވުމަށް އުފައްދާފައިވާ ޖުޑިޝަރީ ކޮމިޓީއިން އެ މައްސަލަ ބަލައިފި އެވެ. މި މަހުގެ 17 ވަނަ ދުވަހު އެ ކޮމިޓީއިން ނިންމީ ޖޭއެސްސީއިން ސުޕްރީމް ކޯޓަށް ގޮންޖަހައި ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. އެކަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އެކަމަކު، އެ ކޮމިޓީގައި އިންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ ނަޒަރުގައި މުއައްސަސާއަކުން ނިންމާ ނިންމުމެއް ގާނޫނާ އެއްގޮތްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މި އޮންނަނީ މައިގަނޑު ދެ މަސައްކަތެއް ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުވުން.... އަޅުގަނޑު މިދަންނަވަނީ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫނޭ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން،" އަލީ ހުސައިން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަޖިލީހުން ވެސް ޖޭއެސްސީއާ އެއްކޮޅަށް އަރައި ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހަން ނިންމުމުން، ސުޕްރީމް ކޯޓުން ދެވަނަ އަމުރެއް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް މަޖިލިސް ހިމެނޭ ގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުން ބާތިލް ކަމަށެވެ.

އެގޮތަށް އަމުރުކޮށްފައި އޮއްވާ، ޖޭއެސްސީގެ ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައަޅަން ޖުޑިޝަރީ ކޮމިޓީއިން ހުށަހެޅި ރިޕޯޓަށް ހަސަން ލަތީފު ވަނީ އިއްޔެއިން އިްޔެއަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އޭނާ ހުށަހެޅުއްވި އިސްލާހަކީ ސުޕްރީމް ކޯޓުގެ ދެވަނަ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ކަނޑައެޅުމަށް ރިޕޯޓުގައި ހިމެނުމެވެ. އެގޮތަށް ހަސަން ލަތީފު ހުށަހެޅުއްވީ، ސުޕްރީމް ކޯޓަށް ހުރިހާ ކަމެއްގައި ފަހުބަސް ނުބުނެވޭނެ ކަމަށް ވިދާޅުވަމުން އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ދެކޮޅަށް ނިންމާ ނިންމުންތައް ބާތިލުވާނެ ކަަމަށް އެ ކޯޓުން ބުނެފައި ވަނިކޮށް، އެ ރިޕޯޓް މަޖިލީހުގެ ތަޅުމުން އިއްޔެ ފާސް ކުރީ ޖޭއެސްސީގެ ނިންމުމަށް ގާނޫނީ ބާރު ލިބިގެންވާ ކަމަށާއި ސުޕްރީމް ކޯޓުގެ ދެވަނަ އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ނިންމަމުން އެވެ.

"މަޖިލީހުގެ ނިންމުން ގާނޫނު އަސާސީއާ ހިލާފު"

މަޖިލީހުގެ ނިންމުމާ ގުޅިގެން ޖުޑިޝަލް އެކެޑެމީގެ ޗާންސެލަރު މާޖިދު ވިދާޅުވީ، އެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އޭނާ ފާހަގަ ކުރައްވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ)ގައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެވެ.

ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

  • 145 ވަނަ މާއްދާގެ (ނ): ގާނޫނު އަސާސީއާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެ ނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.

"ގާނޫނު އަސާސީގައި ބުނާ ބުނުމަކާ ހިލާފަށް ކުރާ ކޮންމެ ކަމަކީ، އެއީ ކޮންމެ ބަޔަކު ކުރާ ކަމަކަށް ވިއަސް، ވާނީ ބާތިލު ކަމަކަށް،" މަޖިލީހުގެ ނިންމުން ބާތިލުތޯ ސުވާލުކުރުމުން މާޖިދު ވިދާޅުވި އެވެ.

އެކަމަކު މަޖިލީހުގައި ތިއްބެވި ތަޖުރިބާކާރު ގާނޫނީ ބޭފުޅުން ވެސް ހިމެނޭ ގޮތުން އެތައް ގާނޫނީ ބޭފުޅެއްގެ ނަޒަރުގައި ސުޕްރީމް ކޯޓުން ވަނީ ގާނޫނު އަސާސީގައި ބުނާ ފަހު ބަސް ބުނުމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފަ އެވެ. އެކަމުގެ ސަގާފަތެއް ސުޕްރީމް ކޯޓްގައި އެބަ އޮތެވެ. އެކަމަކު ގާނޫނު އަސާސީގައި އެއްވެސް މުއައްސަސާއަކަށް ބާރު ދީފައި ވަނީ، ހިތުހުރިހާ ގޮތަކަށް ބާރު ބޭނުން ކުރާކަށް ނޫނެވެ. އެކަމަކު ސުޕްރީމް ކޯޓްގެ އަމަލުތައް ގިނަ ފަހަރަށް ހުންނަނީ، އެ މީހުންނަށް ކޮންމެ ފަދަ އަމުރެއް ވެސް ނެރެވިދާނެ ކަމަށްހީވާ ގޮތަށެވެ.

މިކޯޅުމުގެ ކޮންމެ ބާރަކުންވެސް މިހާރު ބުނަނީ ހިނގާނީ ތިމަންނާމެންގެ ބާރު ކަމަށެވެ. އަނެއް ބާރުން އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. ކޮންމެއަކަސް، ދައުލަތުގެ އަދުލު އިންސާފުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ކޯޅުމެއްގެ ތެރެއަށް މިފަހަރު ގޮސްފައި މި ވަނީ އެންމެ ފަނޑިޔާރެއްގެ މައްސަލައަކާ ހެދިއެވެ. އެންމެ މީހަކު މަގާމުން ވަކި ކުރުމަކީ ގާނޫނީ ނިޒާމަށް ގޮންޖަހައި ގާނޫނުގެ ބާރު ކަނޑުވާލުމާ ބައްދަލު ކަމެއްތޯ މިއީ ކުރެވޭ ސުވާލެކެވެ؟ އަދި ޖޭއެސްސީއިން ފަނޑިޔާރަކަށް ފިޔަވަޅު އަޅާ ކޮންމެ ފަހަރަކުހެންމެ ދެން ތިއްބެވި ކޯޓްތަކުން އެ މައްސަލައިގެ ތެރެއަށް ވަދެ ޖޭއެސްސީގެ ބާރު ކަނޑުވާލަން ޖެހޭ ހެއްޔެވެ؟ މި ސުވާލުތައް ރައްޔިތުން ކުރެ އެވެ.

comment ކޮމެންޓް