އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމިއްޖެ

އާ ކާގޯ ޓާމިނަލްގެ މަސައްކަތް ފެންނަ ފޮޓޯ އެއް-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިންމާލައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން މިއަދު ބުނީ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމި، ހިޔާ ކޮށް ނިމިފައިވާ ކަމަށެވެ. ދެން ކުރިއަށް އޮތީ ފްލޯ ސްލެބް އެޅުމުގެ މަސައްކަތް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ހުޅުލޭގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ތަރައްގީ ކުރާ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫއސީޖީ)ންނެވެ. ވީއައިއޭގައި ތަރައްގީކުރި އާ ރަންވޭގެ މަސައްކަތްވެސް ކުރީ އެ ކުންފުނިންނެވެ.

އެމްއޭސީއެލް އިން މީގެ ކުރިން ބުނީ އާ ކާގޯ ޓާމިނަލް އާ އެކު އަހަރަކު 120،000 ޓަނުގެ އެއާ ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭ ހިމެނެ ފިއުލް ފާމުގެ މަސައްކަތް ވެސް ވަނީ ނިމުމަކާ ގާތްވެފަ އެވެ. އެގޮތުން ފިއުލް ފާމުގެ ފަޔާ ފައިޓިން ޕަމްޕް ސްޓޭޝަނުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ އިރު ފަޔާ ފައިޓިން ޕްލެޓްފޯމުގެ ޝީޓް ޕައިލް ކުރުމާއި ޑީޕް ވޯޓާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް