އެމެރިކާ އިން ރާއްޖެއަށް ދޭ އެހީތައް އިތުރުކޮށްފި

ރާއްޖެ އާއި އެމެރިކާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރި

އެމެރިކާ އިން ރާއްޖެއަށް ދޭ އެހީ އިތުރުކުުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ނިމުނު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގެ ހަވާސާގައި ސޮއިކުރި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ރީޑް އައެޝްލިމަން އެވެ.

މިއަދު ސޮއިކުރެި އެއްބަސްވުމުގެ ދަށުން އެމެރިކާ އިން ރާއްޖެއަށް އިތުރު އަށް މިލިއަން ޑޮލަރުގެ އެހީ ދޭނެ އެވެ. މި އެހީ ބޭނުންކުރާނީ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށާއި މުޖުތަމައު ބާރުވެރި ކުރުމަށް ކުރާ މަސައްކަތްތަކަށެވެ.

ރާއްޖެއަށް މި އަހަރު ތެރޭ 9.75 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ދިނުމަށް މީގެ ކުރިން އެމެރިކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެހީ އިތުރު ކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ރާއްޖޭގައި އެމެރިކަން ސެންޓަރު ހިންގުމަށް ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު މިއަދު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ސަގާފީ ގުޅުން ބަދަހި ކުރާނެ ކަމަށް ދެ ފަރާތުން ބުނެ އެވެ.

comment ކޮމެންޓް