ޓެކްނިކަލް ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނު ކުރުމަށް އިންޑިއާގެ އެހީ

ރާއްޖެ އާއި އިންޑިއާ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އިންޑިއާ އިން މޯލްޑިވްސް

ޓެކްނިކަލް ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނު ކުރުމަށް އިންޑިއާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ނިމުނު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގެ ހަވާސާގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އިންޑިއާގެ ސްކިލް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ޑިރެކްޓަރު ވަނީ އެއްބަސްވުން ބަދަލުކޮށްފައެވެ.

އެ އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަށް ތަމްރީނުދީ، ރާއްޖޭގައި ބިދޭސިން އަދާކުރާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުމަށް އިންޑިއާ އިން އެހީދޭނެ ކަމަށެވެ.

"ވަޒީފާތަކަށް ގެންނަ މީހުން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ޒުވާނުންގެ ހުނަރު ތަރައްގީކޮށްގެން އެ ކުދިން ސިނާއަތްތަކަށް ނެރުމަށް ބޭނުންވާ ތަމްރީނު ދިނުމަށް ސޮއިކުރެވުނު އެމްއޯޔޫއެއް މިއީ،" އިންޑިއާ ސަރުކާރުގެ ނޭޝަނަލް ސްކިލް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެކު ސޮއިކުރެވުނު އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދިވެހިން ތަމްރީނު ކުރުމަށް ބޭނުންވާ ދާއިރާތައް ދެނެގަތުމަށްވެސް އެހީ ލިބޭނެ ކަމަށެވެ. ދިވެހި ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ފިވެހި ޒުވާނުން ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާތަކަކުންތޯ ދެނެގަނެ، އެ ދާއިރާތަކުން ޒުވާނުންނަށސް ތަމްރީނު ދޭނެކަމަށެވެ.

"ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އެބަބޭނުންވޭ ވަރަށް ގިނަ މީހުންވެސް. އެގޮތުން މި މަސައްކަތް ކުރަނީ ވަޒީފާ ބޭނުންވާ ދިވެހިންނަށް ރަނގަޅު ވަޒީފާތައް ލިބޭނެގޮތްތައް ހަމަޖެހުމާއެއްކޮށް އިގްތިސޯދީ ދުވެލި ކުރިއަށް ދިޔުމަށް ބޭނުންވާ މަސައްކަތްތެރިން ހޯދަން،" މިނިސްޓަރު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ތަމްރީނު ވުމުގެ ފުރުސަތު ވީހާވެސް ގިނަ ދިވެހިންނަށް ހޯދައިދެއްވާނެ ކަމަށެވެ.

"ޒުވާން އާބާދީގައި ވަޒީފާނެތް މީހުން ގިނަ. ގާތްގަނޑަކަށް 18 ޕަސެންޓް. އަޅުގަނޑުމެން މިބަލަނީ ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތައް، ޓެކްނިކަލް ދާއިރާތަކުން ދިވެހިން ވަޒީފާތަކަށް ތަމްރީނުކުރުމަށް،" އާދައިގެ ވަޒީފާތަކަށް ދިވެހިންގެ ޝައުގުވެރިކަން ކުޑަކަމަށާއި، ދިވެހިންގެ ޝައުގުވެރިކަން ހުރި ދާއިރާތަކުން ތަމްރީނު ޕްރޮގްރާމުތައް ހިންގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާނުން ތަމްރީނު ކުރުމަށް ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވިއިރު ދިވެހި ސިވިލްސާވަންޓުން ތަމްރީނު ކުރުމަށްވެސް ދެގައުމުން ވަނީ ދާދިފަހުން އެއްބަސްވެފައެވެ.

comment ކޮމެންޓް