ޕާޓްނާޝިޕް ފޯރަމް ކާމިޔާބު، ތަރައްގީގެ ފޮނިކަން ރައްޔިތުންނަށް ލިބޭނެ

ޕާޓްނާޝިޕް ފޯރަމް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ އާއި މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޕާޓްނާޝިޕް ފޯރަމުގައި ރާއްޖޭގެ ތަރައްގީ އަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ 70 ޕްރޮޖެކްޓެއް ހުށަހެޅިއެވެ. އެ ފޯރަމުގައި ބައިވެރިވި ބައިވެރިން ވަނީ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ގެންގުޅޭ ވިސްނުމަށް ތައުރީފުކޮށް، އެ ކަންތައް ބަލައިގެންފައެވެ.

މި ފޯރަމުގެ ތެރެއިން ބައިނަލް އަގުވާމީ ބައެއް ޖަމްއިއްޔާ ތަކާއި ގައުމުތަކާއެކު ރާއްޖެއިން ވަނީ އެމްއޯޔޫތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކުޑަ އިންޓްރެސްޓުގައި ދޭ ލޯނާއި، ހިލޭ އެހީގެ އިތުރުން ތަމްތީނުގެ ޕްރޮގްރާމުތައް ހިންގުމުގެ އެއްބަސްވުންތައް ހިމެނެއެވެ.

ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ރައީސް އޮފީސް ގުޅިގެން ކުރިއަށްގެންދިޔަ ޕާޓްނާޝިޕް ފޯރަމުގައި 133 ބައިވެރިން ބައިވެރިވިއެވެ.

ޕާޓްނާޝިޕް ފޯރަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ފޯރަމުން އެނގިގެންދިޔައީ ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާކަން ކަމަށެވެ.

"ޕާޓްނާޝިޕް ފޯރަމަށް 70 މަޝްރޫއެއް ހުށަހެޅުނު. ބައްދަލުވުން ނިމިގެންދިޔައިރު ސަރުކާރަށް ޔަގީންކަން ލިބިއްޖެ ކުރިއަށް އޮތް ދުވަސްތަކުގައި މި 70 މަޝްރޫއު ކުރިއަށް ގެންގޮސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން އިހުސާސް ކޮށްދެވޭނެކަމަށް،" ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖަޒީރާ ރާއްޖެ އެއް ރައްޔިތުންނަށް ހޯދައިދިނުމަށް ރައްޔިތުންނާއި ސަރުކާރުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށެވެ.

comment ކޮމެންޓް