މަޖިލީހުގެ ރިޔާސަތުން އަންހެނުންގެ "ބާރު"

ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ގިނަ ވަގުތުގައި ރިޔާސަތުގެ ގޮނޑި ފުރުއްވަމުން ގެންދެވީ، މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އިވާއަށް އެހީތެރިވެ ދެއްވުމަށް އިދާރީ މޭޒުގައި އިންނެވީ، އަމީން އާންމު، އަލްއުސްތާޒާ ފާތިމަތު ނިޔުޝާއެވެ. ނިއުޝާއާ ޖެހިގެން ކައުންސިލާ ޖެނެރަލްގެ ގޮތުގައި އިންނެވީ، އަލްއުސްތާޒާ ފާތިމަތު ފިލްޒާ އެވެ. އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި އިދާރީ މޭޒުގައި ދެން އިންނެވީ، އަލްއުސްތާޒާ ހަނާން ހުސައިން އެވެ. އިދާރީ މޭޒުގައި މަޖިލީހުގެ އިދާރީ މުވައްޒިފުންގެ ގޮތުގައި ދެން ވެސް ތިއްބެވި ދެ އަންހެން ބޭކަނބަލުން އެވެ.

މިއީ އާންމުކޮށް ނުފެންނާނެ ކަހަލަ ތަފާތު މަންޒަރެކެވެ. މަޖިލިސް ރިޔާސަތުގައި އަތުރާލާފައިވާ ހަ ގޮނޑި ފުރުއްވަން މިއަދު މުޅިންވެސް އެ ތިއްބެވީ އަންހެން ބޭކަނބަލުން އެވެ. މިއީ ހަމަ ގައިމުވެސް އާންމު މަންޒަރެއް ނޫނެވެ. އަދި މިއީ ކޮންމެ ކޮންމެ ގައުމަކުން ފެނިދާނެ ކަހަލަ މަންޒަރެއް ވެސް ނޫނެވެ. އެންމެ ބޮޑެތި ޑިމޮކްރަސީތަކުގައި މި މަންޒަރު ތަކުރާރުވާން އެތައް ޒަމާންތަކެއް ވެސް އަދި ނަގާފާނެ އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި މަޖިލިސް ރިޔާސަތުގެ ފެންނަ މި ފޮޓޯގަނޑާ އެކު މި މަންޒަރު އެތައް ބައެއްގެ ލޮލުގައި އަޅައިގަތީ ވަރަށް ވެސް ހާއްސަ މަންޒަރެއްގެ ގޮތުގަ އެވެ. މި ފޮޓޯގަނޑުގެ ވާހަކަ ކިޔައިދެމުން އެންމެން ވެސް ބުނީ، މިއީ އަންހެނުންގެ ބާރު ދައްކައިދިން ބާރުގަދަ މަންޒަރެއް ކަމަށެވެ. އަނެއް ބަޔަކު މި ފޮޓޯގަނޑުގެ ވާހަކަ ކިޔައިދިނީ، މުޖުތަމައުގައި އަންހެނުންގެ ރޯލް ބޮޑުވެފައިވާ މިންވަރާއި މުހިންމު ކަމުގެ ވާހަކަަތަކުން އެވެ.

ހަގީގަތުގައި މި ފޮޓޯގަނޑު ކިޔައިދެނީ ބާރުވެރި އަންހެނުންގެ އެތައް ވާހަކަ އެކެވެ. ސިޔާސީ ވެށީގެ އަންހެނުންގެ ދައުރެވެ. މަސައްކަތުގެ މައިދާނުގައި ވަކި ފިރިހެނުންނަށް އެ މީހުން ދޫނުކުރާނެކަމެވެ. މިދިން ބާރުގަދަ މެސެޖަކީ، އަމިއްލަ މަސައްކަތުން އަންހެނުން އެ މީހުންގެ ހައްގު މަގާމު ހޯދާނެ ކަމެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ދުންޔާ މައުމޫން އެ ފޮޓޯގަނޑު ޓްވީޓް ކުރައްވަމުން ވިދާޅުވީ، އަންހެނުން ބާރުވެރިކަން ހޯދަން ޖެހޭނީ އަންހެނުން އަމިއްލަ އަށް ކަމަށާއި އެ ހައްގު ހޯދައިދޭން އެހެން ބަޔަކު ނާންނާނެ ކަމަށެވެ.

"އުންމީދު ކުރަނީ، ހިންގުމުގައި ރާއްޖޭގައި އަންހެނުން އަދާ ކުރަމުން އަންނަ ދައުރު އިތުރުވެ، ރަނގަޅު ދުވަސްތަކެއް ފެނިގެން ދާނެ ކަމަށް. އަދި މުޖުތަމައު ބައިބައި ނުވާނެ ދުވަސްތަކަށް،" ދުންޔާ ވިދާޅުވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންގެ މަޖިލީހުގައި ވެސް 32 ޕަސަންޓަކީ އަންހެނުންނެވެ. ވަޒީރުންގެ މަޖިލީހުގައި ދިފާއީ ވަޒީރެއްގެ ގޮތުގައި އިންނަވާ އަދި މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަހު ކުރެއްވި، މާރިޔާ އަހްމަދު ދީދީ ވެސް ވަނީ އެ ފޮޓޯ ޓްވީޓް ކުރައްވާ ސާބަސް ދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 149 މުވައްޒިފުން ތިބޭ އިރު، 64 ޕަސަންޓަކީ، އަންހެނުންނެވެ. ހިތާމަޔަކީ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތަމްސީލު ކުރައްވާ އަންހެން ބޭކަނބަލުންނަށް ފުރުސަތު ލިބުނުލެއް މަދުކަމެވެ. މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް 35 އަންހެނުން ވާދަ ކުރެއްވި އިރު، އިންތިހާބު ކާމިޔާބު ކުރެއްވުނީ ހަތަރު އަންހެން ބޭކަނބަލުންނަށެވެ.

އަންހެނުންގެ ބައިވެރިވުން ގާނޫނު ހެދުމުގައި އިތުރު ކުރުމާ މެދު އަބަދުވެސް ބަހުސް ހިނގަ އެވެ. މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަންހެނުން ކިތަންމެ މަދު ނަމަވެސް، މަޖިލިސް ހިންގުމުގައި އަންހެނުންގެ ބާރު ވަކި ކުޑަައެއް ނޫނެވެ. ތަސްވީރުން ވެސް މިއަދު ދައްކައި މި ދިނީ އެ މަންޒަރެވެ.

comment ކޮމެންޓް