ހަރުކަށި ފިކުރާހެދި ރާއްޖޭގެ ސަގާފަތަށް ނުރައްކާވޭ: އދ

އދ. ގެ ސަގާފީ ހައްގުތަކާ ގުޅޭ ހާއްސަ މަންދޫބު އަދި ފަންނީ މާހިރު ކަރީމާ ބެނޫން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި އޮތް ހަރުކަށި ފިކުރުތަކުގެ ސަބަބުން ރާއްޖޭގެ ސަގާފަތަށް ހުރަސްއެޅޭކަމަށް އދ. ގެ ސަގާފީ ހައްގުތަކާ ގުޅޭ ހާއްސަ މަންދޫބު އަދި ފަންނީ މާހިރު ކަރީމާ ބެނޫން ވިދާޅުވެއްޖެ އެވެ.

އިސްލާމީ ހައްދު ފަހަނައަޅައިދިއުމާ ދެކޮޅަށް މަސައްކަތް ކުރައްވަމުން އަންނަ ކަރީމާ ވަނީ " ޔުއާ ފަތުވާ ޑަޒް ނޮޓް އެޕްލައި ހިޔާ" ގެ ނަމުގައި ފޮތެއްވެސް ލިޔުއްވައިފަ އެވެ.

މިއަދު މެންދުރު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރީމާ ވިދާޅުވީ ދިވެހި ވަންތަކަމަކީ އެއްވެސް ތަފާތެއް ނެތް އެއްޗެއް ކަމުގައި ބެެލެވިފައި އޮތް އޮތުމުގެ ސަބަބުން ނުކުތް ނަތީޖާއާއި ގައުމުގެ ސަގާފަތާއި ފަންނުވެރިކަމާ ގުޅޭ ގޮތުން ލިބެންހުރި މައުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި އުނގަންނައިދޭން ޖެހޭ ކަމަށެވެ. އަދި އެކަންކަން ރައްކާތެރިކޮށް ދިރުވައި އާލާކުރުމުގައި ވެފައިވާ އުހުމާލުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން ޖެހޭކަންވެސް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"މިކަންކަމުގެ ސަބަބުން ރާއްޖޭގައި އޮތް ތަފާތު އިސްލާމީ ސަގާފަތްތަކަށް ރިއާޔަތްކުރެވުމަކާ ނުލައި، އަދި ވަކިން ހާއްސަ ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އޮތް އެކި ތާރީހީ އާދަތަކާއި ރަށްފުށުގެ ދިރިއުޅުމުގެ މުއްސަނދި ވައްޓަފާޅިއަށް ބެލުމަކާ ނުލައި ދިވެހިން ޒަމާނުއްސުރެ އުޅެމުންދާ އިސްލާމް ދީނާއި އަދި އިސްލާމީ ވައްޓަފާޅިއަކީ ދިވެހި ސަގާފަތާއި ބީރައްޓެހި އަދި އެފަދަ ސަގާފީ ކަންކަމަށް ފުރުސަތު ލިބިދީފައި ނުވާ ދީނެއްގެ ގޮތުގައި ބޭރުގެ އެކި ފަރާތްތަކުން މާނަކުރުމުގެ ޖާގަ ލިބިގެންދޭ،" ކަރީމާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު އަށަގަންނުވުމަށް ކުރާ މަސައްކަތަށް އަލިއަޅުވާލައްވައި ކަރީމާ ވިދާޅުވީ އެފަދަ ކަންކަމާ ގުޅޭ ކަންބޮޑުވާ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.

ހަރުކަށީ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތައް ފެންނަމުންދާ ކަމަށާއި އެފަދަ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، އެހީތެރިކަމާއި ފުރިހަމަ ރައްކާތެރިކަން ލިބިދޭ ފަދަ މާހައުލެއް ގާއިމުކުރެވެންޖެހޭ،" ކަރީމާ ވިދާޅުވި އެވެ.

ދާރުލް އާސާރުގައި ހުރި ރާއްޖޭގައި ކުރިން އޮތް ދީން ރަމްޒުކޮށްދޭ އާސާރީ ތަރިކައަށް ދެހާސް ބާރަ ވަނަ އަހަރު ދިން ހަމަލާއަށް އަލި އަޅުވާލައްވައި ކަރީމާ ވިދާޅުވީ އެފަދަ ކަންތައް ތަކުރާރުވެ ނުދިއުމަށްޓަކައި ސަރުކާރުން އެކި ހަރުފަތްތަކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް