ދައުލަތުގެ އާމްދަނީއަށް މިއަހަރު އިތުރުވާނީ ކުޑަކުޑަ މިންވަރެއް

ދަތުރުވެރިންގެ މާރުކޭޓްގައި ބަޔަކު ވިޔަފާރި ކުރަނީ. -- ސަން ފައިލް ފޮޓޯ

މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އިތުވާނީ ވަރަށް ވެސް ކުޑަކުޑަ މިންވަރެއް ކަަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ލަފާކޮށްފި އެވެ.

މީރާގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި މިއަހަރު ނިމޭއިރު ލިބޭނެ ކަމަށް ލަފާކުރެވެނީ 16.81 ބިލިއަން ރުފިޔާ އެވެ. މިއީ، މިދިޔަ އަހަރު މީރާއަށް ލިބުނު އާމްދަނީ ކަމަށްވާ، 16.36 ބިލިއަން ރުފިޔާއަށް ވުރެ، އެންމެ 2.7 ޕަސެންޓް އިތުރު އަދަދެކެވެ.

މިހާތަނަށް ދައުލަތުގެ އާމްދަނީ ދައްކާ ގޮތުން، މީރާއިން ލަފާކުރި އަދަދަށް މިދިޔަ ދެ މަހުވެސް އާމްދަނީ ލިބިފައެއް ނުވެ އެވެ. މޭ މަހުގެ ތެރޭގައި ލިބިފައިވާ 1.09 ބިލިއަން ރުފިޔާ އަކީ، އެ މުއްދަތުގައި ލިބޭނެ ކަމަށް މީރާއިން ލަފާކުރި އަދަދަށް ވުރެ 5.5 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މަހަށް ލަފާކުރި އަދަދަށް އާމްދަނީ ނުލިބުނު މައިގަނޑު ސަބަބަކީ މީރާއިން ބުނީ، ބޭންކްތަކުގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީގެ އާމްދަނީ ދަށަށް ދިޔުމެވެ.

މީގެ އިތުރުން މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ލިބުނު އާމްދަނީ ވަނީ 14.5 ޕަސެންޓް ދަށްވެފަ އެވެ. އެގޮތަށް ދިމާވީ، ޓީޖީއެސްޓީ އާއި ޓޫރިސްޓް ރިސޯޓްތަކުގެ ކުލި ބައެއް ފަރާތްތަކުން ނުދެއްކުމުގެ ސަބަބުން ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އާމްދަނީ އިތުރު ކުރުމަށް އަދި އޮތީ، އިންކަމް ޓެކްސް ނޫނީ އާންމު މީހާގެ އާމްދަނީއިން ޓެކްސް ނެގުމެވެ. އެގޮތުން، މި މަސް ނިމުމުގެ ކުރިން އެ ބިލް މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ވަނީ ރާވައިފަ އެވެ.

އެޖެންޑާ 19ގެ ވައުދުނާމާގައިވާ ގޮތުގައި އިންކަމް ޓެކްސް ނަގާނީ، މަހަކު 60،000 - 100،000 އާމްދަނީއެއް ލިބޭ މީހުންގެ އަތުން 3.5 ޕަސެންޓް އަދި މަހަކު 100،000 - 150،000 އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން 6.5 ޕަސެންޓެވެ.

ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން ޝަރުތު ހަމަވާ ތިބީ، 60،000 އެއްހާ މީހުން ކަމަށް ލަފާކުރެވެ އެވެ.

comment ކޮމެންޓް