ދައުލަތަށް ނުދައްކާ ހުރި ފައިސާއިން 1.82 ބިލިއަން ރުފިޔާ ހޯދައިފި

ރައީސް އޮފީސް.

ދައުލަތަށް ފައިސާ ދައްކަން ޖެހޭ އެކި ފަރާތްތަކުން ނުދައްކާ ހުރި ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި 1.82 ބިލިއަން ރުފިޔާ ދައުލަތަށް ހޯދިފައިވާ ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެފި އެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި، ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން މިދިޔަ އަހަރުގެ ތެރޭގައި 8،872 ފަރާތަކަށް އަދި ޓެކްސް ބަޔާން ހުށަނާޅައިގެން 12،157 ފަރާތަކަށް ވަނީ ނޯޓިސް ފޮނުވައިފަ އެވެ. މީގެ ތެރެއިން، 7،466 ފަރާތަކުން ނޯޓިސްއާ އެއްގޮތަށް އަމަލުކޮށް، 955.12 މިލިއަން ރުފިޔާ އެ ފަރާތްތަކުން ވަނީ މީރާއަށް ދައްކައިފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ދައުލަތުގެ އެކި އިދާރާތަކުން އެ ކުންފުނިތަކަށް ދޭ ހިދުމަތްތައް ކަނޑާލައިގެން 18.19 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. އަދި އެކައުންޓްތައް ފްރީޒްކޮށްގެން 124.46 މިލިއަން ރުފިޔާ ހޯދިއިރު ޓެކްސް ކްލަރެންސް ފޯމް ފުރުމުގެ މަރުހަލާގެ ތެރެއިން 162.6 މިލިއަން ރުފިޔާ ވަނީ މީރާއަށް ހޯދައިފަ އެވެ.

މީރާއިން ބުނި ގޮތުގައި އެ އިދާރާ އުފެދުނު ފަހުން ދައުލަތަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ދަށުން 7.3 ބިލިއަން ރުފިޔާ ވަނީ ހޯދިފަ އެވެ.

ރިޕޯޓްގައިވާ ގޮތުގައި، ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން އެ ފައިސާ ބަހާލައިގެން ދެއްކުމަށް 233 ފަރާތަކަށް މިދިޔަ އަހަރު ލުއިދިނެވެ. އަދި އެ އެއްބަސްވުުގެ ދަށުން ވެސް ފައިސާ ނުދެއްކި، 151 މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައި ފައިސާ ހޯދުމުގެ މަސައްކަތް މީރާއިން ވަނީ ފަށައިފަ އެވެ. އެގޮތުން 69 މައްސަލައެއް މީރާއާ އެއްކޮޅަށް ވަނީ މިދިޔަ އަހަރު ނިމިފަ އެވެ. އަދި 25 މައްސަލަ ނިންމީ ކޯޓުން ބޭރުން އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެކި ފަރާތްތަކުން ހުށަހެޅި ޓެކްސް ބަޔާންތަކާ ގުޅިގެން ހިންގުުނު 37 ތަހުގީގީ އޮޑިޓްތަކުން 19.60 މިލިއަން ރުފިޔާ ވަނީ އިތުރަށް ހޯދައިފަ އެވެ. އަދި 16 ފަރާތެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ވެސް މީރާއިން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވައިފަ އެވެ.

އެގޮތުން މީރާއިން އެންމެ ގިނަ އޮޑިޓްތައް ހިންގީ އާންމު ޖީއެސްޓީ ދައްކާ ވިޔަފާރިތަކުން އެވެ. އެގޮތުން އެ ވިޔަފާރިތަކުން 1،015 އޮޑިޓެއްކޮށް 107.35 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. އަދި ޓޫރިޒަމް ދާއިރާގެ 355 ވިޔަފާރިއެއް އޮޑިޓްކޮށް 121.28 މިލިއަން ރުފިޔާ މީރާއިން އިތުރަށް ހޯދި އެވެ.

އޮޑިޓްތަކުގެ ތަފްސީލް:

- ވިޔަފާރި ފައިދާގެ ޓެކްސް، ބީޕީޓީ: 506 އޮޑިޓަކުން 229.95 މިލިއަން ރުފިޔާ

- ވިތްހޯލްޑިން ޓެކްސް: 276 އޮޑިޓުން 68.66 މިލިއަން ރުފިޔާ

- ބޭންކް ޕްރޮފިޓް ޓެކްސް: 8 އޮޑިޓަކުން 0.87 މިލިއަން ރުފިޔާ

- ގްރީން ޓެކްސް: 258 އޮޑިޓުން 3.42 މިލިއަން ރުފިޔާ

- އެއާޕޯޓް ޓެކްސް އާއި ފީ: ތިން އޮޑިޓަކުން 1.62 މިލިއަން ރުފިޔާ

comment ކޮމެންޓް