މާމުއިގެ އެންމެ ރީތި ޕޯސްޓަރަށް ވޯޓްކޮށްގެން ޕްރިމިއާ ނައިޓަށް ޓިކެޓެއް

މާމުއިގެ ޕޯސްޓަރުތައް--- ފޮޓޯ/ ޑާކްރެއިން

ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މާމުއި" އަކީ އަހަރު ނުކުންނާނެ އެންމެ ވަރުގަދަ އެއް ފިލްމުކަމަށް ބެލެއެވެ.

ފިލްމު ޕްރޮމޯޓްކުރުމަށް ފިލްމުގެ ޓީމުން އަންނަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑާކްރެއިންގެ ފޭސްބުކް ޕޭޖުގައި 10 ޕޯސްޓަރެއް އެކުލެވޭ ގޮތަށް އިން ފޮޓޯއެއް އިންނާނެއެވެ. އެތަނުން ކިޔުންތެރިންނަށް އެންމެ ރީތި ޕޯސްޓަރަށް ވޯޓް ދޭށެވެ. ކޮންމެ ފޮޓޯއަކަށް ނަންބަރެއް އިންނާނެއެވެ. އެންމެ ރީތި ޕޯސްޓަރުގެ ނަންބަރު ޕޯސްޓަށް ކޮމަންޓްކުރާށެވެ.

އެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 30ގެ ނިޔަލަށެވެ. ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް "މާމުއި" ޕްރިމިއާ ނައިޓް ޓިކެޓެއް ލިިބޭނެ ކަމަށެވެ.

"އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މިކަމާ ބައިވެރިވުން. ގިނަ ބެލުންތެރިންނަށް ޓިކެޓް ދޭން ބޭނުންވާތީ މިފަދަ ފުރުސަތެއް މި ދެނީ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ،"

"މާމުއި"ގެ ޓިކެޓް މިހާރު އަންނަނީ އޮލިމްޕަހުގައި ވިއްކަމުންނެވެ.

ފިލްމު އަޅުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ފިލްމު އިއުލާންކުރި ހިސާބުން ފެށިގެންވެސް ފިލްމުގެ ހާއްސަ ވާހަކަ ޕްރޮޑިއުސަރު މުހައްމަދު އަލީ(މޮގާ) އާއި އޭނާގެ ޓީމުން އަންނަނީ ދައްކަމުންނެވެ.

މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެ އެވެ. "މާމުއި"ގެ އޮންލައިން މީޑީއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް