ލިބޭ އާމްދަނީ ކުއްޔަށް ހޭދަކުރަން ޖެހުން ބަލައެއް ނުގަނެވޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް މިއަދުގެ ފޯރަމްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ރައްޔިތުންނަށް ލިބޭ އާމްދަނީ އެއްކޮށް ކުލީގެ ގޮތުގައި ހޭދަ ކުރަންޖެހުމަކީ ބަލައިގަނެވެނެ ކަމެއް ނޫންކަމަށް ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޕާޓްނާޝިޕް ފޯރަމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އާބާދީގައި 500،000 މީހުން ހަމަނުވާ ގައުމެއްގެ އާބާދީގެ ތެރެއިން އާމްދަނީ ލިބޭ މީހުންނަށް ލިބޭ މުސާރައިން ބޮޑުބައެއް ގެދޮރުގެ ކުއްޔަށް ހޭދަލުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ ގެދޮރުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައްޔިތުންގެ އަތްފޯރާ އަގެއްގައި ގެދޮރު ފޯރުކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ އަހަރުން އަހަރަށް ކުރިއަރަމުންދާ ކަމަށާއި ނަމަވެސް އެ ފައިދާ އާބާދީގެ ހުރިހާ މީހުންނަށް ނުލިބޭ ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ނަފްސާނީ ސިއްހަތު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުޅިވަރާއި ސިއްހަތު، ތައުލީމު އަދި ޒުވާނުން ކުރިއެރުވުމަށް ވެސް ސަރުކާރުން ކުރާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަންހެނުން ބާރުވެރި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވިދާޅުވީ، ދަރިން ލިބުމަށް ފަހު ވެސް އަންހެނުން ވަޒީފާ އަށް ނިކުމެ އުޅުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ވެސް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް