ކޮންމެ ރަށަކުންވެސް 20 މިނެޓުން ދެވޭ އެއާޕޯޓެއް ތަރައްގީ ކުރާނެ

ޕާޓްނާޝިޕް ފޯރަމް ކުރިއަށް ދަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުންވެސް 20 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް ތަރައްގީ ކުރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރުުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލާ ވިއުގަ ތަރައްގީ ކުރުމުގެ ޕްލޭނެއް ސަރުކާރުން ވަނީ ފޯރަމަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ރީޖަނަލް އެއާޕޯޓުތައް ތަރައްގީ ކުރުމާއި ފެރީނެ ނިޒާމުން ރާއްޖެ ގުޅާލުމުގެ ޕްރޮޕޯޒަލް އެއްވެސް ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ދަތުރުފަތުރުގެ މައި ފަސް ހަބު ގާއިމް ކުރުން ކަމަށާއި އެ ފަސް ހަބު ގާއިމް ކުރުމުން އެ ސަރަހައްދުތަކަށް އިގުތިސޯދީ ގޮތުން ބޮޑެތި ކުރިއެރުން އަންނާނެ ކަމަށެވެ. އެ ފަސް ހަބުގެ ދަށުން އިތުރު ސަބް-ހަބް ތަކެއްވެސް ގާއިމް ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތުން ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަކީ ދަތިކަމެއް ކަމަށައި ދަތުރުފަތުރުން ގުޅާލާ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަކީ އެކަމަށް ހައްލު ގެނައުމަށް އޮތް ޕްލޭން ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ ޕްލޭނަށް ބޭރުގެ އެހީ ބޭނުންވާ ކަމަށެވެ. އެކަމަށް އިޖާބަދީ، އެހީ ދޭނެކަން ކުވެއިތު ފަންޑުން ވަނީ ބުނެފަ އެވެ. މިހާރުވެސް ރާއްޖެއަށް އެކިދާއިރާތަކުން އެހީ ދޭ ކުވެއިތު ފަންޑުގެ ފަރާތުން ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާ މަންދޫބު ވަނީ ރާއްޖެ ދަތުރުފަތުުރުން ގުޅާލުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަށް އެހީ ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ފޯރަމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރަހައްދީ އެއާޕޯޓުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. މިހާރުވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށާއި ރާއްޖެއަށް ތަރައްގީ ގެންނައިރު މަސައްކަތްކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް