ޖާދުލެއް ހެދުމަށް، އަތާއި ފައި ބަނުމަށް ފަހު ކޯރަށް ތިރިކުރި އިންޑިއާގެ ޖާދޫގަރު ގެއްލިއްޖެ

ޖާދޫގަރު މަންދުރަކުގެ ނަމުން މަޝްހޫރުވެފައިވާ ޗަންޗަލް ލަހިރީގެ އަތާއި ފައި ބަނުމަށް ފަހު ކޯރަށް ތިރި ކުރަނީ -- ފޮޓޯ: ބީބީސީ

ދިއްލީ (ޖޫން 17): ޖާދުލެއް ހެދުމަށްޓަކައި އަތާއި ފައި ބަނުމަށް ފަހު އިންޑިއާގެ ގަންގާ ކޯރަށް އިއްޔެ ތިރިކުރި ޖާދޫގަރަކަށް ވީނުވީގޮތެއް ނޭނގި ގެއްލިއްޖެ އެވެ.

ޖާދޫގަރު މަންދުރަކުގެ ނަމުން މަޝްހޫރުވެފައިވާ ޗަންޗަލް ލަހިރީގެ އަތާއި ފައި ޗޭނުންނާއި ވަލުން ބަނުމަށް ފަހު ކޯރަށް ތިރިކުރީ ކެރޭނަކުންނެވެ. އަދި އޭނާގެ މަގުސަދަކަށްވީ ފެނުއަޑީގައި އޮވެ، ޗޭނުގަނޑާއި ވާގަނޑު ނައްޓާލުމަށް ފަހު މައްޗަށް އެރުމެވެ.

ނަމަވެސް ލަހިރީ ފެނު އަޑީގައި އޮވެ، މާގިނަ އިރުވުމުން ފުލުހުންނާޢި ޑައިވަރުންގެ ޓީމަކުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އޭނާ އަދި ވެސް ފެނިފައި ނުވެ އެވެ.

ލަހިރީ ވަނީ މީގެ 21 އަހަރު ކުރިން ވެސް އޭނާ ހަމަ އެތަނުގައި އެފަދަ ޖާދުލެއް ހެދި ކަމަށް ބުނެފަ އެވެ. އެގޮތުން އެސަރަހައްދުގައި ހުންނަ ހައުރާ ބުރިޖުން އޭރު އޭނާ ވައްޓާލީ ބިއްލޫރި ފޮށްޓަކަށްލާ، ތަޅުލާފައި ކަމަށާއި، އޭނާ ވައްޓާލިތާ 29 ސިކުންތު ފަހުން މައްޗަށް އެރި ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް