ގުދުރަތީ ގޮތުން މުއްސަނދި ކަނިމީދޫ ރިސޯޓެއް ހަދަން ބީލަމަށް ލަނީ

ތ. ކަނިމީދޫ: އެ ރަށް ޓޫރިޒަމަށް ދޫކުރަން ވަނީ ނިންމާފައި --

ރިސޯޓެއް ތަރައްގީ ކުރުމަށް ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ ބީލަމަށް ލާން ޓޫރިޒަމް މިނިސްޓްރީއިން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، މި ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއިން ކަނިމީދޫ ބީލަމަށް ލާނެ އެވެ.

ކަނިމީދޫ އަކީ ދަނޑުވެރިކަމަށް ބޭނުން ކުރެވޭ ވަރަށް ބިން ބޮޑު ރަށެކެވެ. ތ. ތިމަރަފުއްޓާއި އެ އަތޮޅު ވޭމަންޑޫއާ ދެމެދު އޮންނަ އެ ރަށަކީ ބޮޑުމިނުގައި 60.6 ހެކްޓަރު ހުރި ރަށެކެވެ. އެ ރަށަކީ ގިނަ އަދަދަކަށް ވެލާ ކަހަނބު ވެސް އަރާ ރަށެކެވެ.

އެ ރަށް ދަނޑުވެރިކަމަށް ބޭނުން ކުރުމުގެ ބަދަލުގައި ޓޫރިޒަމަށް ދޫކުރަން ނިންމުމުން، ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ތ. އަތޮޅު ހިރިލަންދޫގެ ޖަމިއްޔާއެއް ކަމަށްވާ ހިރިލަންދޫ އެޑިއުކޭޝަން އެންޑް ސޯޝަލް ސޮސައިޓީ (އެޗްއީއެސްއެސް) އިން ބުނީ، ހުރިހާ ވަސީލަތްތައް ޓޫރިޒަމަށް ހާއްސަ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މުސްތަގުބަލަށް ވިސްނައިގެން ދަނޑުވެރިކަމަށްވެސް އަހަންމިއްޔަތުކަމެއް ދީގެން އެކަމަށް ބިން ހާއްސަ ކުރަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

އެ ޖަމިއްޔާއިން ވަނީ 40 ހެކްޓަރަށް ވުރެ ބޮޑެތި ރަށްތަށް ހަމައެކަނި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ބާރުގެ ދަށަށް ގެނައުމަށް ގޮވާލާފަ އެވެ.

މީގެ ކުރިންވެސް ބިން ބޮޑު ގުދުރަތީ ގޮތުން މުއްސަނދި ރަށްތައް ޓޫރިޒަމަށް ދޫކޮށްފައިވެ އެވެ. އެގޮތުން ތ. އެލާ އަކީވެސް ރިސޯޓެއް ތަރައްގީ ކުރަން ދޫކުރި ރަށެކެވެ. އެ ރަށް ދޫކުރިތާ 15 އަހަރުވެފައިވާ އިރު އަދިވެސް ރިސޯޓެއް ތަރައްގީކޮށްފައި ނުވެ އެވެ.

ކަނިމީދޫ އަކީ މީގެ ކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްތަކަށް އަމިއްލަ ފަރާތަކަށް ދޫކުރި ރަށެކެވެ. ނަމަވެސް، އެ ރަށުގައި އެ މަސައްކަތް ނުކުރާ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ރަށް ވަނީ ބަދަލު ދީގެން އަނބުރާ ދައުލަތަށް ނަގާފަ އެވެ. އެފަހުން އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ވިދާޅުވި އެވެ.

comment ކޮމެންޓް