ފުލައިޓު ތެރެއިން ޖިންސީ ފުރައްސާރަ ކުރި ބިދޭސީ މީހާ ވަޒީފާއިން ވަކިކޮށްފި

ފުލައިޓު ގޮނޑި ދޭތެރެއިން ބިދޭސީ މީހާ ޖިންސީ ފުރައްސާރަ ކުރަނީ -- ފޮޓޯ/ ވީޑިއޯ ސްކްރީން ޝޮޓް

މާލެއިން ފުރައިގެން އައްޑޫއަށް ދަތުރުކުރި މޯލްޑިވިއަން ފުލައިޓް ތެރެއިން އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ބިދޭސީ މީހާ ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ވަކިކޮށްފި އެވެ.

އިންޑީއާ އަށް ނިސްބަތްވާ އެމީހާ ވަކިށްފައިވާކަން ގައުމީ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ.

ޝާހީން ވިދާޅުވީ، އެ މައްސަލަ ރިޕޯޓު ކުރުމާ އެކު އެ އެދުވަހުން ދުވަހަށް އޭނާ ވަޒީފާއިން ސަސްޕެންޑް ކުރި ކަމަށާއި ބިދޭސީ މީހާ ވަކިކުރަން ނިންމީ އިއްޔެ ކަމަށެވެ.

"އަނީސް މަރިއަމަތިއަސް" ނަމަކަށް ކިޔާ އެމީހާ އަކީ ތިނަދޫ ކެމްޕަސްގައި ފާމަސީ ކޯހުގެ މާއްދާތަކެއް ކިޔަވައިދެމުން އަންނަ މީހެއް ކަމަށް ޝާހީން ވިދާޅުވި އެވެ.

"ޔުނިވާސިޓީގެ މުވައްޒިފެއްގެ ފަރާތުން މިފަދަ އަމަލުތަކަކީ، އަޅުގަނޑުމެން ގަބޫލުކުރާ ފަދަ އަމަލުތަކެއް ނޫން. އެހެންވެ އަޅުގަނޑުމެންގެ ގަވާއިދުތަކާ އެއްގޮތަށް އޭނާ މިހާރު ވާނީ ކަނޑާލާފައި،" ޝާހީން ވިދާޅުވި އެވެ.

ފުލައިޓު ތެރޭ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ބިދޭސީ މީހާ އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށެވެ.

https://sun.mv/120469

ފުލައިޓުތެރޭ އަންހެން މީހާގެ ކުރިމަތީ ސީޓުގައި އިން ބިދޭސީ މީހާ އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކުރާ ވީޑީއޯއެއް އޭނާ ވަނީ، ޝޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ވީޑިއޯއިން ފެންނަ ގޮޮތުގައި ބިދޭސީ މީހާ އަންހެން މީހާގެ ކުރިމަތީގައި އިން ގޮނޑީގެ ދޭތެރެއިން ފަހަތަށް އެނބުރި އިނގިލިންނާއި ދުލުން ހަޑި ހުތުރު ވައްތަރު ޖައްސައި ހަދާ މަންޒަރު ފެނެ އެވެ. އަދި ބިދޭސީ މީހާގެ ފޯނުން، އޮރިޔާން މަންޒަރު ކަމަށް ބެލެވޭ ފޮޓޯތަކެއް އަންހެން މީހާއަށް ދައްކަ އެވެ.

މި މައްސަލައިގައި ހިމެނޭ އިންޑިއާ މީހާ މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވާއިރު، މިދިޔަ ހަފްތާ ތެރޭ މާލޭ މަގުމަތިން ހިނގާފައި ދަނިކޮށް ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ޝޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ އަކާ ގުޅިގެން އެ ވީޑިއޯ އިން ފެންނަ 56 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

ދިވެހި ފިރިހެން މީހާގެ ޝަރީއަތް ނިމެންދެން މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އަމުރުކޮށްފަ އެވެ.

comment ކޮމެންޓް