ސައޫދީ އައު ވަލިއުލްޢަހްދަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ނާއިފްއަކީ ކޮންޒަވެޓިވް ޝަޚްސިއްޔަތެއް

މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވި ސަޢޫދީ ވަލީއުލްޢަހްދު އަލްއަމީރު ސުލްތާން ބިން ޢަބްދުލްޢަޒީޒްގެ ބަދަލުގައި ވިރާޘީ ގޮތުން އެމަޤާމް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ސައޫދީ ދާޚިލީ ވަޒީރު އަލްއަމީރު ނާއިފް ބިންޢަބްދުލްއަޒީޒަކީ އިސްލާޙީ ބަދަލުތަކަށް ލޯބިނުކުރައްވާ ކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅެއް ކަމަށް ޚަބަރު ލިބެއެވެ.

ސައޫދީ އަރަބިޔާގެ ބާނީ ޢަބްދުލްއަޒީޒް އާލްސުޢޫދްގެ، މިހާރު ދުނިޔޭގައި ތިއްބެވި ފިރިހެން ބޭފުޅުންގެ ތެރެއިން ދެވަނައަށް އެންމެ ދޮށީ ނާއިފް އެވެ. އޭނާގެ އުމުރުފުޅަކީ 77 އަހަރެވެ. ނާއިފް އާމެދު ސަޢޫދީ މުޙައްލިލުންނާއި ތަޖްރިބާކާރުން ވިދާޅުވަނީ އޭނާއަކީ އާލްސުޢޫދުގެ ޝާހީ އާއިލާގެ ވިރާޘީ ރަސްކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާ ޒާތުގެ ހަރުކަށިއަދި ކޮންޒަވެޓިވް ބޭފުޅެއް ކަމުގައެވެ. މިގޮތުން އާލްސުޢޫދުގެ ޝާހީ ރަސްކަން ވައްޓާލުމަށް ނޫނީ އެރަސްކަމުގެ ބާރުކުޑަކުރުމަށް ސަޢޫދީ އަރަބިޔާގެ އެތެރޭންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ވަރަށް ހަރުކަށިކޮށް ކުރިމަތިލައްވާނެ ޝަޚްސިއްޔަތެއްގެ ގޮތުގައި ނާއިފް ސިފަކުރެވެއެވެ.

ނާއިފަކީ ސަޢޫދީ ރަސްގެފާނު ޢަބްދުﷲ އެޤައުމަށް މިހާރު ގެންނަވާ އިސްލާހީ ބައެއް ބަދަލުތަކަށްވެސް ތާއީދުކުރައްވާ ބޭފުޅެއް ނޫންކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ނިޔުޔޯކް ޓައިމްސް ބުނެއެވެ. ސަޢޫދީ އަރަބިޔާއަށް ކުރިމަގުގައި އިތުރު ތަރައްޤީއާއި ކުރިއެރުން ލިބޭނީ އަދި ތަނަވަސް، ފާގަތި މުއްސަނދި ޤައުމެއްގެ ގޮތުގައި ސަޢޫދީ މުޖްތަމަޢު ދެމެހެއްޓޭނީ އާލްސުޢޫދުގެ ވިރާޘީ ރަސްކަން ބާރުގަދަ ރަސްކަމެއްގެ ގޮތުގައި ދެމިއޮވެގެންކަމަށް ނާއިފް ވަރަށް ބޮޑަށް ޤަބޫލުކުރައްވާ ކަމަށް އެނޫސް ބުނެއެވެ.

ސަޢޫދީ ޝާހީ ޢާއިލާއާބެހޭ ބައެއް އަދަބިއްޔާތާއި މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ނާއިފަކީ އާލްސުއޫދުގެ ވިރާޘީ ރަސްކަން ދެމެހެއްޓުމުގެ އެންމެ ބޮޑު އެއްބާރުކަމަށްވާ ސަޢޫދީ ދީނީ މުއައްސަސާތަކާއި ދީނީ ޢިލްމުވެރިންނާ ގުޅުން ވަރަށް ބޮޑު ބޭފުޅެކެވެ. ރަސްކަމުގެ ޝާން ޝަވްކަތު ދެމެހެއްޓުމަށްޓަކައި ސަޢޫދީ ދީނީ މުއައްސަސާތަކާއި ދީނީ ޢިލްމުވެރިންގެ ރުހުމާއި ތާއީދު ހޯއްދެވުމަށާއި އެފަރާތްތައް ރުއްސުމަށް ވަރަށް އިސްކަންދެއްވާ ބޭފުޅެކެވެ.

މިގޮތުން ދީނީ އިޖްތިހާދް ތަކަށް ލޯބިކުރައްވާ އަދި ޒަމާނާގުޅޭކަންކަމުގައި އައުފަތްވާތައް ނެރުމުގެ ޚިޔާލުހުންނަ ދީނީ ޢިލްމުވެރިންނަށްވުރެ ބޮޑަށް ނާއިފް ތާއީދުކުރައްވަނީ މިފަދަ ޚިޔާލުތައް ނުހުންނަ ދީނީ ގޮތުން ކޮންޒަވެޓިވް ޚިޔާލުގެ ޢިލްމުވެރިންނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޖްތިމާޢީ ގޮތުންވެސް ނާއިފް ގެންގުޅުއްވަނީ ބަދަލުތަކަށާއި އިސްލާހްތަކަށް ތާއީދު ނުކުރެއްވުމުގެ ވިސްނުންފުޅެއް ކަމަށް ސަޢޫދީ ބައެއް މުޙައްލިލުންނާ ޙަވާލާދީފައިވާ ރިޕޯޓްތައް ބުނެއެވެ.

ސަޢޫދީ ރަސްގެފާނު ޢަބްދުﷲ އާއި މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވި ވަލީއުލްޢަހްދު ސުލްތާން ބިންޢަބްދުލްއަޒީޒް އާ އެއްގޮތަށް ނާއިފަކީވެސް ސިއްޙީ މައްސަލަތައް ވަރަށް ބޮޑު ބޭފުޅެކެވެ. ވޭތުވެދިޔަ ދެތިން އަހަރުގައި ރަސްގެފާނާއި ވަލީއުލްޢަހްދު ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ ސައޫދީ ރަސްކަން ހިންގުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމާގުޅޭ ނިންމުންތައް ނިންމުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވާފައިވަނީ ނާއިފް އެވެ. މިހާރުގެ ރަސްގެފާނު ޢަބްދުﷲ އަކީވެސް އުމުރު މައްޗަށް ގޮސްފައިވާ ބަލިބޭފުޅެއް ކަމަށްވާތީ ސައޫދީ ވެރިކަމުގެ ޙަޤީޤީ ބާރުތައް ދެން އޮންނާނީ ނާއިފްގެ އަތްޕުޅުގައި ކަމަށް ވަނީ ބެލެވިފައެވެ.

ބޮޑުގޮހޮރު ނުވަތަ ކޮލޯން ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވނިކޮށް މިދިޔަ ހޮނިހިރު ދުވަހު ނިޔުޔޯކްގައި އަވަހާރަވި ސަޢޫދީ ވަލިއުލްޢަހްދު އަލްއަމީރު ސުލްތާންގެ ހަށިކޮޅު މިއަދު ފަސްދާނު ލެވޭނެއެވެ. 1962 ވަނަ އަހަރުން ފެށިގެން އަވަހާރަވަންދެން ސައޫދީ އަރަބިޔާގެ ދިފާއީ ވަޒީރު ކަމުގައި ހުންނެވީ ސުލްތާންއެވެ. (ނިޔުޔޯކް ޓައިމްސް+މީޑިޔާރިޕޯޓްތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު