ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލަ ހުށަހަޅާފައެއް ނެތް: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ފިޔަވައި އެހެން ފަނޑިޔާރެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެކެއް ފެބުރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި ކަމުގެ މައުލޫމާތު ރޭ 'ސަން' އަށް ވަނީ ލިބިފަ އެވެ. ނަމަވެސް ޖޭއެސްސީން އެ މައުލޫމާތު ދޮގު ކުރެ އެވެ.

"ސުޕްރީމް ކޯޓުގެ އިތުރު އެއްވެސް ފަނޑިޔާރަކާ ގުޅޭ މައްސަލައެއް އަދި ޖޭއެސްސީއަށް އަދި ޖޭއެސްސީއަށް ހުށަހެޅިފައި ނުވާ ކަމުގައި ދެންނެވިން." ޖޭއެސްސީއިން ބުންޏެވެ.

މިދިޔަ އަހަރު އެެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ފަރާތްތަކެއް ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރެވުނެވެ. އޭގެ ފަހުން އެ އަމުރު ނެރެން ސޮއިކުރި އަނެއް ތިން ފަނޑިޔާރުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ބާތިލު ކުރަން ނެރުނު އަމުރުގައި ސޮއިކުރި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ޖޭއެސްސީއަށް ހުށަހެޅި އެ ތިން ފަނޑިޔާރުންގެ މައްސަލަ އެވެ.

އެކެއް ފެބުރުއަރީގެ އަމުރުގެ ބައެއް ބައިތަށް ސުޕްރީމް ކޯޓުން ބާތިލު ކުރީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެކެއް ފަބުރުއަރީގައި ފުރަތަމަ އަމުރު ނެރުނު އިރު ސޮއިކުރި ފަނޑިޔާރުން ހަމަ އެ އަމުރު ބާތިލު ކުރަން ސޮއިކޮށް އަމުރު ނެރުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައި އެއީ ފަނޑިޔާރުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް