ޕާކިސްތާން ބަލިކޮށް އިންޑިއާގެ ރެކޯޑް ދަމަހައްޓައިފި

ކުރިކެޓު ވޯލްޑް ކަޕުގައި ރޭ އިންޑިއާއާއި ޕާކިސްތާނު ބައްދަލު ކުރި މެޗުގެ ތެރެެއިން --- ފޮޓޯ/ ހިންދުސްޓާނީ ޓައިމްސް

މިހާރު ކުރިއަށްދާ ކްރިކެޓު ވޯލްޑް ކަޕުގައި ވާދަވެރި ޕާކިސްތާން އަނެއްކާވެސް ބަލިކޮށް އިންޑިއާއިން ވޯލްޑް ކަޕުގައި ޕާކިސްތާން ބިލިކުރަމުން އައި ރެކޯޑް ދަމަހައްޓައިފިއެވެ.

ދާދި ފަހަކުން ހިނގި ސިޔާސީ ބޮޑު ހަމަނުޖެހުމަކަށްފަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ސުލްހަވެރިކަން އުފެދިފައިވާ އިރު ޕާކިސްތާނަށް ކްރިކެޓު ވޯލްޑް ކަޕުގައި މިހާތަނަށް އިންޑިއާ ބަލިކުރެވިފައެއް ނުވެއެވެ. ޕާކިސްތާނާއި އިންޑިއާގެ ވާދަވެރިކަމަކީ ދުނިޔޭގެ ކުޅިވަރުތަކުގެ ތެރޭގައި ވެސް އޮތް އެންމެ ބޮޑު އެއް ވާދަވެރިކަމެވެ.

މެޗުގެ ޓޮސް ޕާކިސްތާނަށް ދިމާވުމުން ހީކުރި ގޮތާ ހިލާފަށް އެ ޓީމުން ނުކުތީ ކުޅެން އެރުމުގެ ބަދަލުގައި ހޮވާށެވެ. އެހެން ކަމުން އިންޑިއާއިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 336 ލަނޑު ވަނީ އެ ޓީމުން ހަދައިފައެވެ.

ރައްދުގައި ޕާކިސްތާނުން ކުޅެން އަރައި ހަ ކުޅުންތެރިން ނުބައިވެގެން 166 ހެދުމާ އެކުު މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެޗު ވަނީ މެދު ކަނޑާލައިފައެވެ. ރޭގެ އެ މެޗުގައި މޫސުން ގޯސްވުމުގެ ސަބަބުން ތިން ފަހަރެއްގެ މަތިން މެޗު މެދު ކަނޑާލައިފައި ވެއެވެ. އެކަމުގެ ސަބަބުން މެޗުގެ ފޯރި ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ.

އަލުން ކުޅެން ފަށައިގެން ޕާކިސްތާނުން ޑީއެލްއެސް މެތަޑުގެ ދަށުން އެ ގައުމުގެ އިނިންގްސް 40 އޯވަރަށް ކުޑަކޮށް 302 ލަނޑުގެ ޓާގެޓެއް ދިނެވެ. މާނައަކީ ފަސް އޯވަރުގެ ތެރޭގައި 136 ލަނޑު ހަދަން ޖެހުމެވެ. ނަމަވެސް ހުރިހާ ކުޅުންތެރިން ނުބައިވި އިރު އެ ޓީމަށް ހެދުނީ ޖުމުލަ 212 ލަނޑެވެ.

އިންޑިއާއިން ރޭގެ އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު އެ ޓީމުގެ އެންމެ ބޮޑު ތަފާތަކަށް ވެގެން ދިޔައީ އެ ޓީމުގެ ބެޓްސަމަން ރޯހިތު ޝަރުމާ އެވެ. އޭނާ ވަނީ ރޭގެ އެ މެޗުގައި އިންޑިއާއަށް 140 ލަނޑު ހަދައިދީފައެވެ.

comment ކޮމެންޓް