ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް މަޖިލީހަކަށް ނުނިންމޭނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ނޫންތޯ ރައްޔިތުންގެ މަޖިލީހަށް ކަނޑަ ނޭޅޭނެ ކަމަށް މަޖިލީހުގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކަނޑައަޅަން ޖެހޭ ގޮތަށް ރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. ހސަން ލަތީފު އެގޮތަށް ހުށަހެޅުއްވުމުން އެ ހުށަހެޅުން ފާސްވެސް ވި އެވެ. ނަމަވެސް އަލީ ހުސައިން ވޯޓެއް ނުދެއްވަ އެވެ.

އެކަމާ ގުޅިގެން ރޭގެ ކޮމިޓީ ބައްދަލުވުމުގައި އަލީ ހުސައިން ވަނީ ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ޖޭއެސްސީއިން ނިންމި ނިންމުމަކީ ރަގަޅު ނިންމުމެއްކަން ނުވަތަ ނޫންކަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮން މަސައްކަތެއްގެ ތެރެއިންތޯ އަޅުގަނޑުމެން އެހެން ނިންމަންޖެހެނީ. އެހެން ނިންމަންޖެހިއްޖެއްޔާ މިސާލަކަށް އޭސީސީއިންވެސް ނިންމުމެއް ނިންމާފައި މަޖިލީހަށް ފޮނުވައިފާނެ އެ ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދޭށޭ." އަލީ ހުސައިން ވިދާޅުވި އެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ތަނެއްގައި ކޯޓުތަކުން ކަނޑައަޅާހެން ރަނގަޅު ނިންމުމާއި ގޯސް ނިންމުން ކަނޑައަޅަން ފަށައިފި ނަމަ އެއީ މިނިވަން މުއައްސަސާއެއްގެ މަސައްކަތުގެ ތެރެއަށް މަޖިލީހަށް ވަދެވެނީ ކަމަށެވެ.

ޖޫން 14، 2019 : މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހަސަން ލަތީފު ވިދާޅުވީ އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުން ޕަލިމެންޓްރީ ސުޕްރިމެސީއެއް އޮންނަ ކަމަށެވެ. އެހެންވީމާ އެންމެ ފަހުބަސް ބުނާ ބަޔަކީ ރައްޔިތުން ކަމަށާއި ރައްޔިތުންގެ ފަރާތުން އެންމް ފަހު ބަސް ބުނާ ބަޔަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށްވެސް ގަބޫލު ކުރެވޭ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އެ ނިންމުންވެސް. އަދި ފަހުން އެބޭފުޅުން ނިންމަވާ ނިންމުންވެސް އަދި ގޯހިއްޔާ އެކަންވެސް ފާހަގަ ކުރަން. އެކަން އެހެން ނުކުރެވޭނެ ކަމަށްވެސް ދަންނަވަން.

ހަސަން ލަތީފު ވިދާޅުވީ މިނިވަން މުއައްސަސާއަކުން ކުރާ ކަމަކާ ގުޅޭ ގޮތުން ބަަހުސް ކުރުމާއި ނިންމުންތައްވެސް ނިންމޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އޮންނަނީ މައިގަނޑު ދެ މަސްއޫލިއްޔަތެއް ކަމަށެވެ. އެއީ ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުވުން ކަމަށެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ވިޔަސް އަދި އެހެން ތަނަކުން ވިޔަސް ކަމެއް ގޯސްކޮށް ކުރާ ނަމަ އެކަން ނޮޓިފައި ކުރެވިދާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކައަކީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫނޭ އެއީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުމަކީ އެއީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން." އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ ރާއްޖޭގައި އޮތީ ސުޕްރިމެސީ އޮފް ޕާލިމެންޓެއް ނޫން ކަމަށެވެ. ރާއްޖޭގައި އޮތީ ސުޕްރިމެސީ އޮފް ކޮންސިޓިޓިއުޝަން ކަމަށާއި އެންމެ މަތީގައި އޮންނާނީ ގާނޫނުއަސާސީ ކަމަށެވެ. އަދި މަޖިލިސް ވެސް އޮންނާނީ ގާނޫނުއަސާސީގެ ދަށުން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނީ ބާރު އޮތް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރޭ ވަނީ ފާސްކޮށްފަ އެވެ. އެމައްސަލަ މިއަދުގެ މަޖިލީހުގައި ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް