ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.
ޕާޓީއެއްގެ ތެރެއިން އެ ލަވަ ކިޔާ އެ ލަވައަށް އެކްޓްކޮށް ވަނީ ދައްކާލާފައެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގައި ވާދަކުރި ޖައިޝާ ވަހީދުގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާފައިވާއިރު އޭނާ ވަނީ އެ ލަވައިން ފެނިގެން ގޮއްސައެވެ.
އެ ލަވައިގެ ލިރިކްސް ހެދީ ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދެވެ. ލަވައިގެ މިއުޒިކް ހެދީ މިސްޓީ އެވެ.
ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ އެ ލަވައިގެ ނެށުމެވެ.
ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ. ފިލްމުގެ ލަވައިން ވެސް ބެލުންތެރިންގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.
ފިލްމުގެ ދެ ޓީޒާއެއް މިހާރު އާންމުކޮށްފައިވާއިރު "ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. މާނައަކީ ދެރަ ކަމެއް ވުމަށް ފަހު ދެންވާ ކަންތައްތަކެވެ.
ފިލްމަކީ ރަށްފުށުގައި ދިރިއުޅޭ އަންހެނަކު މާލޭ މީހަކާ ކައިވެނިކޮށްގެން ދިރިއުޅުން މާލެ ބަދަލުވުމުން ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.