ފަނޑިޔާރުން މަޑުންތިބުމަށްވުރެ ފަނޑިޔާރުގެ އިސްލާހު ކުރަން މިހާރު ކުރެވޭނެ ކަމެއް ނެތް: ހާތިފް

ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތަށް އެއްބާރުލުން ދީ މަޑުން ތިބުމަށްވުރެ، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީ އިސްލާހު ކުރަން ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ މަގުޗާޓެއް އެކުލަވާލާފަ އެވެ. އެ މަގުޗާޓަށް ފާޑު ވިދާޅުވަމުން ގާޒީ ހާތިފް ވިދާޅުވީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން، އަދުލުވެރިކަން ފެނިގެން ނުދިޔުން ކަމަށެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހާ ރައްޔިތުން ހަވާލުކޮށްފައި ވަނިކޮށް، މަގު ޗާޓު އެކުލަވާލައިގެން ފަނޑިޔާރުގެއިން އެކަން ކުރަން ނުފެންނަކަމަށް ހާތިފް ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް ފަނޑިޔާރުގެ އަމިއްލައަށް އިސްލާހު ކުރުމަށް ލިބުނު ފުރުސަތާއި ވަގުތު މިހާރު ފާއިތުވެ ގޮސްފައިވަނީ. ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިތުބާރު އޮތް މުއައްސަސާތަކަށް،" ހާތިފް ވިދާޅުވި އެވެ.

ހާތިފް ވަނީ ސުޕްރީމް ކޯޓުން ފަނޑިޔާރުގެ އިސްލާހު ކުރަން ކުރާ މަސައްކަތްތަކަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ ޝަރުއީ ދާއިރާ ރިފޯމް ކުރުމުގެ ނަމުގައި އަމިއްލައަށް މަގުޗާޓު އެކުލަވައިލުމާއި ކުރިން ކަމު ނުގޮސްގެން އުވާލި ޖުޑިޝަލް ކައުންސިލް އަލުން އުފެދުމާއި ސުވާލު އުފެދޭ އިޖުރާއަތްތަކެއްގެ ތެރެއިން ފަނޑިޔާރުންގެ ޖަމިއްޔާ ކުއްލިއަކަށް ހޭލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް