ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރަން ނިންމި ނިންމުމަށް ތާއީދު ކުރަން މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނީ ބާރު އޮތް ނިންމުމެއް ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

އެކަމުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ގާނޫނީ އިހްތިސޯސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން ފެންނަ ކަމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނީ އިހްތިސޯސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައިވާކަން ކޮމިޓީއަށް ފާހަގަކުރެވޭތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާގޮތުގެމަތިން ނިންމަވާ ނިންމެވުންތަކަކީ ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމެވުންތަކެއް ކަމާއި އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން 12 ޖޫން 2019 ގައި ނިންމެވި ނިންމެވުމަކީ ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށާއި ދައުލަތުގެ އެހެން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ގާނޫނީ އިހްތިސޯސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަ ކަމަށް،" އެ ކޮމިޓީގެ ނިންމުގައިވެއެވެ.

އެގޮތަށް ފާސްކުރަން ވޯޓު ނުދެއްވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެކަންޏެވެ.

ކޮމިޓީން މިއަދު ފާސްކުރި ކަންތައްތައް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އަދި ތާއީދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ކޮމިޓީން މިރޭ ފާސްކުރި ރިޕޯޓުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ކޮމިޓީއަށް ހާޒިރުވެ ފާހަގަކުރެއްވި ކަންބޮޑުވުންތައް ހިމަނާފައިވެއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މުއައްސަސާއަކުން ނިންމާ ނިންމުމެއް ގާނޫނާ އެއްގޮތްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރު މަޖިލީހަށް ލިބިގެންނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މި އޮންނަނީ މައިގަނޑު ދެ މަސައްކަތެއް ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުވުން ދެން ހަގީގަތުގައި ބަޖެޓަރީ ފަންކްޝަންތަކަކީ ޖަވާބުދާރީ ކުރުވުމުގެ ތެރެއިން އަންނަ މަސައްކަތެއް. އަޅުގަނޑު ނުދަންނަން އޭގެތެރެއަކު ނުހިމެނެއޭ ޖުޑީޝަލް ރިވިއުގެ މަސައްކަތެއް. ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އަދި އެހެން މުއައްސަސާއަކުން ވެސް ކަމެއް ގޯސްކޮށް ކުރަންޏާ އަޅުގަނޑުމެންނަށް ނޮޓިފައި ކުރެވިދާނެ. އަޅުގަނޑުމެންނަށް ފްލެގްރައިޒް ކުރެވިދާނެ. އަޅުގަނޑުމެންނަށް ބުނެވިދާނެ ކަންކަން ރަނގަޅު ކުރާށޭ. ގޯސްކޮށް ކުރާ ކަމަށްވަންޏާ އެބޭފުޅުން ވަކިވެސް ކުރެވިދާނެ. އަޅުގަނޑު މިދަންނަވަނީ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫނޭ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން،" އަލީ ހުސައިން ވިދާޅުވިއެވެ.

comment ކޮމެންޓް