ކޮލަމް ފޮޅުވަތް: އެއްވެސް ބޭފުޅަކަށް މަތިމައްޗަށް އިނާޔަތެއް ނުދެވޭނެ!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން -- ސަން ފޮޓޯ/ އަހުުމަދު އަވްޝަން އިލްޔާސް

އާ ގާނޫނު އަސާސީގެ ކުރީކޮޅު 2009 ވަނަ އަހަރު މަޖިލީހުން ފާސްކޮށް އަމަލު ކުރަމުން އަންނަ؛ "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ބިލް"ގެ މަގުސަދަކަށް ވެފައި އޮތީ ރައީސްކަން ކުރެއްވި ބޭފުޅުން ގައުމަށް ހިދުމަތް ކޮށްދެއްވުމަށް ފަހު، އެނބުރި އާންމު ދިރިއުޅުމަށް ވަޑައިގެން އާއިލާއާ އެކު އަމާން، އޮމާން ރިވެތި ދިރިއުޅުމެއް އުޅުމަށް ފުރުސަތު ދިނުމެވެ. ހާއްސަކޮށް، ރިޔާސީ ދެ ދައުރަށް ފަހު ރައީސްކަން ކުރައްވާ ބޭފުޅުން ސިޔާސީ ގޮތުން ރިޓަޔާ ކުރައްވަން ޖެހޭ ގޮތަށް ގާނޫނު އަސާސީގެ އޮތް އޮތުމަށް ފަރުވާއެއް ހޯދައިދީ ހިތްވަރު ހޯދައިދިނުމެވެ.

އެ ބިލްގެ ބަހުސްގެ މަރުހަލާގައި ވެސް މެންބަރުން ފާޅުކުރެއްވި ހިޔާލުތައް ބުރަވެގެން އައީ ވެސް، ރައީސްކަން ކުރައްވާ ބޭފުޅުން ރިޓަޔާ ކުރެއްވުމަށް ފަހު ގެއަށް ވަޑައިގަންނަވާ އިރު، އެބޭފުޅުންގެ ހިދުމަތުގެ އަގު ތާއަބަދު ވަޒަން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. އެބޭފުޅުންނަށް އިއްޒަތްތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ދިނުމެވެ. މިހާރު މި އުފަންވެފައި އޮތް ހާލަތު ކުރިމަތިވެދާނެ ކަމަށް އޭރު ތަސައްވަރު ނުކުރެވުނީ އެވެ. ރައީސްކަން ކުރެއްވި ބޭފުޅަކު، އެނބުރި ދައުލަތުގެ ވަޒީފާއަކަށް އަތުވެދާނެ ކަމަށް އޭރު މެންބަރުންގެ ވިސްނިވަޑައިނުގަތީ އެވެ. އެއާ އެކު އެ ގާނޫނު ފާސްވެގެން އައިއިރު ވެސް އެ ހާލަތުގެ ވާހަކަ ނެތީ އެވެ. ނަތީޖާއަކީ، ރައީސްކަން ކުރައްވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ދައުލަތުގެ މައްޗަށް މަޖުބޫރު ކުރީ އެވެ. އެ އިނާޔަތްތައް އުނިވާނެ އެއްވެސް ހާލަތެއް ގާނޫނުގައި ނެތީ އެވެ.

ކުރީގެ ރައީސުންގެ އިނާޔަތްތައް:

- އެއް ދައުރު ފުރިހަމަކޮށްފި ނަމަ މާލީ އިނާޔަތް: 50،000 ރުފިޔާ

- ދެ ދައުރު ފުރިހަމަ ކުރުމުގެ މާލީ އިނާޔަތް: 75،000 ރުފިޔާ - ދިރިއުޅޭ ތަނަށް: 50،000 ރުފިޔާއާ ހަމަޔަށް.

- ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް: 175،000 ރުފިޔާއާ ހަމަޔަށް.

- ކުރީގެ ރައީސުންނާއި އެބޭފުޅޫންގެ އަނބިންގެ ސިއްހީ ފަރުވާގެ ހަރަދުތައް.

- ދިރިއުޅޭ ރަށުގައި ދަތުރުފަތުރުކުރުމުގެ ކަންކަން ސިފައިންގެ ބެލުމުގެ ދަށުން ދައުލަތުން ހަމަޖެއްސުން

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ވަކިވާ ބޭފުޅުންނާ އަޅާކިޔާ އިރު، ކުރީގެ ރައީސުންނަށްދޭ އިނާޔަތްތައް ނިސްބަތުން އިންތިހާއަށް ބޮޑެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. ދައުލަތުގެ އެންމެ މަތީ މަގާމު އަދާކުރެއްވި ބޭފުޅަކަށް އެންމެ ބޮޑު އިނާޔަތް ވެސް ލިބެން ވާނެ އެވެ. އެކަމަކު މައްސަލައަކީ އެ އިނާޔަތް ދިނުމުގައި ހަމައެއް ލަމައެއް އުސޫލެއް ނެތީ އެވެ.

މިހާރު ދިމާވެފައި މިއޮތް ހާލަތަށް ބަލާ އިރު، ރައީސް ނަޝީދަށް ރައްޔިތުން މަޖިލީހުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ، 73،125 ރުފިޔާގެ ބޭރުން އަދި ކުރީގެ ރައީސްގެ އިނާޔަތުގެ ގޮތުގައި 172،000 ރުފިޔާ ގާނޫނުން ދޭން ލާޒިލް ކުރެ އެވެ. އެމަނިކުފާނު، "ހެޔޮފުޅުކަމުން" އަމިއްލަ އިސްނެގެވުމަކަށް ރައީސްގެ މާލީ އިނާޔަތުގެ 75،000 ރުފިޔާ އާއި އެކޮމޮޑޭޝަން އިނާޔަތުގެ 10،000 ރުފިޔާ އުނިކުރުމުން ވެސް މުޅި ޖުމްލަ މަހަކު އެމަނިކުފާނަށް 160،125 ރުފިޔާ ލިބޭނެ އެވެ.

ރައީސް ނަޝީދު އެދިވޑައިގަތް ގޮތަށް އެ އަދަދު އުނި ނުކުރާ ނަމަ ގާނޫނީ ގޮތުން އެމަނިކުފާނަށް 242،125 ރުފިޔާ ދައުލަތުން ދޭން ޖެހެ އެވެ.

މިހާތަލުގައި ސުވާލަކީ ރައީސް ނަޝީދު މިހާރު ވެސް ދައުލަތުގެ އިސް މަގާމަކަށް ވަޑައިގެންފައިވާ އިރު އެމަނިކުފާނަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން އެއްވެސް މާލީ އިނާޔަތެއް ލިބިވަޑައިގަންނަވަން ޖެހޭ ހެއްޔެވެ؟ ރައީސް ނަޝީދަކީ ރައްޔިތުން މަޖިލީހުގެ ރައީސް ކަަމަށް ވާތީ އެމަނިކުފާނުގެ އިދާރީ ކަންކަން ބަލަހައްޓަން ހާއްސަ ސެކްރެޓޭރިއަޓެއް މަޖިލީހުގެ އިދާރާގައި ވަނީ ގާއިމްކޮށްފަ އެވެ. އެހެންވީ އިރު، އެމަނިކުފާނަށް އޮފީސް ހިންގުމުގެ ހަރަދު ދޭން ޖެހޭ ހެއްޔެވެ؟ ގާނޫނުގައި ވެސް ބުނަނީ، ކުރީގެ ރައީސްއަކު އިޖުތިމާއީ މަސައްކަތެއް ކުރައްވާ ނަމަ އޮފީސް ހިންގުމަށް ހަރަދު ދޭންވާނެ ކަމަށެވެ. އެކަމަކު އިޖުތިމާއީ މަސައްކަތް ހިންގުމަށް ވުރެ ބޮޑަށް ރައީސް ނަޝީދު އުޅުއްވަނީ އަމަލީ ގޮތުން ސިޔާސީ މަސައްކަތްތަކުގަ އެވެ. އެހެންވީ އިރު، އޮފީސް ހިންގުމުގެ އިނާޔަތް ވެސް އެމަނިކުފާނަށް ލިބެން ޖެހޭ ހެއްޔެވެ؟ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު މުސާރަ އާއި މާލީ އިނާޔަތް ދޭއިރު ކުރީގެ ރައީސްގެ އިނާޔަތް ވެސް އެމަނިކުފާނަށް ދެމުން ދިޔުމަކީ ދެވަނަ ވިސްނުަމަކަށް ދާން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟ މިއީ ދައުލަތުގެ ހަރަދުތަކާ މެދު ކަންބޮޑުވާނަމަ، ރައްޔިތުން މަޖިލީހުގެ މެންބަރުން މިވަގުތަށް ކުރައްވަން ޖެހޭ ސުވާލުތަކެކެވެ.

ރަނގަޅެވެ! ރައީސް ނަޝީދަށް ވެސް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުކެއް ވެސް އުނިނުވެ، ލިބެން ވާނެ އެވެ. އެކަމާ މެދު ދެބަސްވާނެ ޖާގައެއް ވެސް ނެތެވެ.

ކުރީގެ ރައީސުންނަށް ދޭ ހައްދެއް ނެތް މާލީ އެލަވަންސްތަކެއްގެ ވާހަކަ މިވަގުތަށް ރައީސް ނަޝީދުގެ ވަށައިގެން އެނބުރެމުން ދިޔަ ނަމަވެސް މިއީ، ގާނޫނުގައި އޮތް ބޮޑު ބާގަނޑެކެވެ. އެ ބާގަނޑު މަޖިލީހުގެ ތެރެއިން ނުބެއްދިއްޖެ ނަމަ، ބޭކާރު ގޮތުގައި ފުރޭނިގެން ދާނީ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާ އެކެވެ.

މިއަހަރުގެ ބަޖެޓްގައި ވެސް ހަރަދުތައް ހިސާބުކޮށްފައި އޮތް ގޮތުން، ކުރީގެ ރައީސުންގެ މާލީ އިނާޔަތަށް އެކަނި އަހަރެއްގެ މައްޗަށް 3.18 މިލިއަން ރުފިޔާ ހިނގަ އެވެ. އަދި ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް 3.2 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކުރަން ޖެހެ އެވެ. މިއީ ބަޖެޓްގެ ޖުމްލަ ނިސްބަތުން ބަލާއިރު މިވަގުތަށް ކުޑަވަރަކަށް ވެދާނެ އެވެ. އެހެން ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު މި ހަރަދުތައް ހިފެހެއްޓުމެއް ނެތި މައްޗަށް ދާނެ އެވެ. މިއީ މުސްތަގުބަލުގައި ވިސްނަން ޖެހޭ ކަމެކެވެ.

ކުރީގެ ރައީސުންގެ އިނާޔަތް ހިފެހެއްޓުމެއް ނެތި މައްޗަށް ދާ ގޮތަށް އޮތް އޮތުމަށް ނިމުމެއް އަންނަން ޖެހެ އެވެ. ކުރީގެ ރައީސަކު ދައުލަތުގެ މަގާމެއް ފުރުއްވާ ނަމަ، އެބޭފުޅަކަށް މަތި މައްޗަށް އިނާޔަތް ދޭނެތޯ ނޫނީ ކޮންމެވެސް އެއް އުޖޫރައެއް ނަގަން ގާނޫނެއްގެ ތެރެއިން ފުރުސަތު ދޭނީތޯ އެއީ މަޖިލީހުގެ މެންބަރުން ނިންމަން ޖެހޭ މައްސަލަ އެކެވެ. އެކަމަށް ވީހާ ވެސް އަވަހަކަށް ގާނޫނީ ފަރުވާއެއް ހޯދަން ޖެހެ އެވެ. ނޫން ނަމަ، ކުރީގެ ރައީސުންގެ އެލަވެންސަކީ ހަމައެއްލަމައެއް ނެތި ދެވޭ އެއްޗަކަށް ވެގެން ހިނގައިދާނެ އެވެ. އެ އެލަވަންސް ދިނުމުގެ މަގުސަދު މުޅިން ގެއްލިގެން ހިނގައިދާނެ އެވެ. މިހާރު ވެސް ކަންވެފައި އޮތް ގޮތުން މި ކުރެހެނީ އެކަހަލަ މަންޒަރެކެވެ. އެ މަންޒަރު ބަދަލުކުރަން އޮތް ހައްލަކީ ގާނޫނީ ބަދަލުތަކެކެވެ. ގާނޫނީ ފަރުވާއެކެވެ. މަޖިލީހުގެ މެންބަރުން ވިސްނަވާށެވެ. ކުރީގެ ރައީސުންނަށް އިނާޔަތްދޭން އާ ގާނޫނީ ފޯމިއުލާއެއް ބޭނުންވެ އެވެ.

comment ކޮމެންޓް